
ހުޅުމާލޭގެ އެކިސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލެ ފޭސް1 އަދި2 ގެ އެކިސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. އަދި ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް ވީއެންމެ އަވަހަކަށް އަލުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ކަރަންޓު ދިޔައީ ހުޅުމާލެ ހޮސްޕިޓަލް ހިމެނޭ ސަރަހައްދާއި، ފޭސް އެކެއްގެ ރީތިގަސް ޓަވަރުތައް ސަރަހައްދުންނެވެ.
ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ސްޓެލްކޯއިން ހާމަކޮށްފައި ނުވިނަމަވެސް އެފަރާތުން ބުނެފައިވަނީ މައްސަލަ ދެނެގަނެ ވީއެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ކަރަންޓު ދިއުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެފަރާތުން މަޢާފަށް އެދެފައިވެއެވެ.



