
ރޮބާޓޯ ކާލޯސް އިސްލާމްވެއްޖެ
ބްރެޒިލް އަދި ދުނިޔޭގެ ފުޓުބޯޅައިގެ ލެޖެންޑް، އަދި ކުރިން ތުރުކީގެ ފެނަރބާޗޭއަށް ކުޅުނު ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރެން ފަށައިފި އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން އޭނާ ވަނީ ޝަހާދަތް ކިޔައި އިސްލާމްވެފަ އެވެ.
ރިއަލް މެޑްރިޑާއި ބްރެޒިލްގެ ޤައުމީ ޓީމާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކާލޯސްއާ ބެހޭގޮތުން މި ހައިރާންކުރުވަނިވި ޚަބަރު ފެތުރިފައިވާއިރު، އޭނާ އިސްލާމްދީނަށް ޝައުގުވެރިވެ، ޝެއިޚް ޖިހާދު ހައްމާދޭއާ ގުޅުން ބާއްވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެވެ އެވެ. އަދި ދާދި ފަހުން ޝެއިޚްއާ ބައްދަލުކޮށް، ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީގެ ގަޒިއަންޓެޕްގެ މަންދޫބު އަލީ ޝާހިން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ:
”ބްރެޒިލްގައި ތިއްބަވާ އިސްލާމީ މުޖުތަމަޢުގެ މަންދޫބުންނާ އަޅުގަނޑުމެން ބައްދަލުކޮށްފިން، ފުޓުބޯޅައިގެ ލެޖެންޑް ރޮބާޓޯ ކާލޯސް މިވަނީ އިސްލާމްވެފަ.“
ބްރެޒިލްގެ ސައޮ ޕައުލޯގައި ދިރިއުޅުއްވާ، އަދި އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޚް ޖިހާދު ހައްމާދޭއާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ރޮބާޓޯ ކާލޯސް އޭނާއާ ގުޅުން ބާއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މީގެ ހަތަރު ހަފުތާ ކުރިން އޭނާއާ ބައްދަލުކޮށް، ޝަހާދަތް ކިޔައި އިސްލާމްދީން އިޚްތިޔާރުކޮށްފައިވާ ކަމަށް ޝެއިޚް ވަނީ ހާމަކުރައްވާފަ އެވެ.
ރޮބާޓޯ ކާލޯސްއަށް އިސްލާމްދީނުގެ ހިދާޔަތް ލިބުމުން އޭނާއަށް މަރުހަބާ ކިޔަމެވެ. އަދި އޭނާއާއި އޭނާގެ ޢާއިލާއަށް ބަރަކާތްތެރި، އުފާވެރި ދިރިއުޅުމަކަށް އެދެމެވެ.




