
ފީފާގެ ރައީސް އިންފަންޓީނޯ މަޢާފަށް އެދިވަޑައިގެންފި
ހެދުނު ގޯސްތަކަށް އިޚްލާޞްތެރިކަމާއެކު މައާފަށް އެދެން، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރެއް ނުވާނެ - އިންފަންޓީނޯ
ފީފާގެ މުބާރާތްތަކުގެ ޙިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރޭވިރޭވުމާ ގުޅިގެން ހެދުނު ގޯސްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މައާފަށް އެދިވަޑައިގެންފި އެވެ.
ނަމަވެސް، މޮރޮކޯގައި ބޭއްވި އިސްވެރިންގެ ބައްދަލުވުމެއްގައި އޭނާއަށް ތާޢީދު އޮތްކަން ހާމަކުރުމާ ގުޅިގެން، ފީފާގެ ރައީސްކަމުގެ މަޤާމުގައި އޭނާ ދެމިހުންނަވާނެ އެވެ.
އިންފަންޓީނޯ އިސްނަންގަވައިގެން ހުށަހެޅުއްވި މި މަޝްރޫއަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، އޭނާ ވަނީ ފީފާގެ މެނޭޖްމަންޓް ބޯޑުގެ މެންބަރުން ބުދަ ދުވަހު ރަބާތުގައި ހުންނަ ފީފާގެ އެފްރިކާ އޮފީހަށް ހާޒިރުކުރައްވާފަ އެވެ.
މި ބައްދަލުވުމަށްފަހު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ އޭނާއަށް ތާޢީދު އޮތްކަން ހާމަކޮށް ބަޔާނެއްވެސް ނެރެފަ އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ބުނެފައިވަނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފް.އެފް.އީ) ގެ ނަމުގައި ހުށަހެޅި މި ހުށަހެޅުމަކީ ދެފުށް ނުފެންނަ، ނޭދެވޭ އަދި ސިއްރުވެރި މުޢާމަލާތެއްގެ ގޮތުގައި ޔުއެފާ އިން ސިފަކުރި އެވެ.
މީގެ އިތުރުން، ފީފާގެ އެތެރެއިންވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ބުދަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ސެކްރެޓަރީ ޖެނެރަލް މެޓިއަސް ގްރާފްސްޓްރޯމް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ފީފާގެ މުވައްޒަފުންނަށް އަންގާރަ ދުވަހު ފޮނުއްވި މެމޯއެއްގައި ބަޔާންކުރައްވާފައިވަނީ މި ހާދިސާތަކަކީ ”ހިތާމަވެރި އަދި ބަލައިގަނެވޭނެ ފަދަ ކަންތައްތަކެއް ނޫން“ ކަމަށެވެ.
އިންފަންޓީނޯ އާއި ގްރާފްސްޓްރޯމް ސޮއިކުރައްވައި ފީފާގެ ނައިބު ރައީސުންނަށާއި، ކައުންސިލަށާއި، 211 މެންބަރު އެސޯސިއޭޝަންތަކަށް ފޮނުއްވި ސިޓީގައި، ހެދުނު ގޯސްތަކަށް އިޚްލާޞްތެރިކަމާއެކު މައާފަށް އެދޭކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެ އެވެ.
އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމުގެ މި ހުށަހެޅުމަށް ތާއީދުކޮށްފިނަމަ، ކޮންމެ އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު (30 މިލިއަން ޕައުންޑް) ދިނުމަށް އިންފަންޓީނޯ ކުރިން ހުށަހަޅުއްވާފައިވެ އެވެ.



