
ލ އަތޮޅުގައި ކަރަންޓުގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
މި މަހު27 ވަނަ ދުވަހު ލ. ގަމުގައި ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާވި ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދިނުމަށްފަހު، ވެންޓިލޭޓަރުން ނަގައިފިއެވެ.
ފުލުހުންގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 11:00ގައެވެ. އަދި މި ހާދިސާގައި އަނިޔާވި ކުއްޖާއަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާދިނުމަށްފަހު ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. މާލެ ގެނެސް ކުއްޖާއަށް ފަރުވާދީފައި ވަނީ ވެންޓިލޭޓަރުގައެވެ.
ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ފަހު ހާލު ރަނގަޅުވުމުން ވޯޑަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއާއި ހަވާލާދީ ނޫސްތަކުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި ޢީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.



