2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30%އަށްވުރެ އިތުރުވެއްޖެ

2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތައަށްވުރެ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45,329,118.85 ރުފިޔާ ލިބިފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 34,854,157.67 ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އެއްވަރެއްގައި އިތުރުވަމުންނެވެ. އެގޮތުން 2024ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރައިފައެވެ.

zakat 1

މި ކުއާޓަރުގެ 3 މަހަށް ވަކިން ބަލައިލާ އިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާރިޗު މަހުގައެވެ.

ޒަކާތު ހައުސްއިން މިއަދު އާންމުކުރި ރިޕޯޓުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޒަކާތު ފަންޑުން ފައިސާ ހޭދަކުރެވުނު ގޮތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ. އެގޮތުން ބޭސްފަރުވާގެ އެހީއާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީއާއި، ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި، ތައުލީމީ އެހީގެ އިތުރުން އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ޖުމުލަ 13,379,720.58 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޒަކާތު އާމިލުންނަށް 815,000 ރުފިޔާ، އަދި އިބްނުއްސަބީލް ބަޔަށް 363,000 ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި، ޖުމްލަ 41,078,781.90 ރުފިޔާ އިންވެސްޓުކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ”ދާރުއްސަލާމް“ އާއި ”ދާރުލްއަރުޤަމް“ ވަގުފު އިމާރާތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ.

މުދަލު ޒަކާތުގެ އާމްދަނީއަށް ލިބުނު މި ބޮޑު ކުރިއެރުމަކީ އާންމުންގެ ހޭލުންތެރިކަމާއި ދީނީ ވާޖިބު އަދާކުރުމަށް އޮތް ޝައުގުވެރިކަން ހާމަކޮށްދޭކަމެކެވެ. އަދި މިއީ ރާއްޖޭގެ އިޖުތިމާއީ ދުޅަހެޔޮކަމާއި މުޖުތަމައު ތަރައްގީކުރުމުގައި ޒަކާތުގެ މުހިންމު ދައުރު އިތުރަށް ވަރުގަދަވެގެންދާނެކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.