
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން މަދުރަސަތުލް އިފްތިތާޙްގެ ދަރިވަރުންނަށް ”ބޭސިކް ލައިފް ސްކިލް ޕްރޮގްރާމް“ ކުރިއަށްގެންގޮސްފި
ޅ.ނައިފަރު ކައުންސިލް އިދާރާއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ގުޅިގެން މަދުރަސަތުލް އިފްތިތާޙްގެ ދަރިވަރުންނަށް ”ބޭސިކް ލައިފް ސްކިލް ޕްރޮގްރާމް“ ކުރިއަށްގެންގޮސްފިއެވެ.
ނޮވެންބަރު 14އިން ނޮވެންބަރު 18ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެ ސުކޫލުގެ ޔުނީފޯމް ބޮޑީސްގެ 14 އަހަރުން މަތީގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤްއެވެ.
މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބޭސިކް ފަސްޓް އެއިޑްގެ ބަައިތަކުގެ ތެރެއިން ސީޕީއާރު، ސްޕްލިންޓް، އާމް ސްލިންގ އަދި ކެރީ ފަދަ ބައިތައް ކިޔަވައިދީފައިވެއެވެ. އޭގެ އިތުރުން، ސަވަައިވަލް ސްކިލްތަކުގެ ތެރެއިން ސަވައިވަލް ޓެންޓް، އަލިފާން އުފައްދާނެ ގޮތްތައް، ބޭނުންވާ ޓޫލްސް ހަދާނެ ގޮތްތައް، ފެން ހޯދޭނެ ގޮތްތަކާއި ފެން ޕިއުރިފައި ކުރާނެ ގޮތްތައް ވެސް ވަނީ ކިޔައިދީފައެވެ. އަދި، ފަޔަރ އެވެއަރނަސްގެ ބައިތަކުގެ ތެރެއިން ނޮޓް، އަލިފާން ނިވި އަދި ބްލޭންކެޓް ބޭނުންކުރަންވީ ގޮތްތައް ކިޔައިދީ، އަދި ކަރަންޓް ވަޔަރިންގގެ ބައެއް ސްކިލްތައް ވެސް ވަނީ ދަސްކޮށްދީފައެވެ.
މި ޕްރޮގްރާމްގައި ކްލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.



