
ހުރަވީ ސްކޫލުގެ ގާލް ގައިޑުންނާއި ލިޓްލް މެއިޑުންގެ ކޭމްޕްގައި، ސިފައިން ސެލްފް ޑިފެންސް އަދި ފަޔަރ ސޭފްޓީ ކުލާސްތަކެއް ކުރިއަށް ގެންގޮސްފި
ހުރަވީ ސްކޫލުގެ ގާލް ގައިޑުންނާއި ލިޓްލް މެއިޑުންނަށް ކުރިއަށް ގެންދިޔަ ކޭމްޕްގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ސެލްފް ޑިފެންސް އަދި ފަޔަރ ސޭފްޓީ ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހުރަވީ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ މި ކުލާސްތަކުގެ ތެރެއިން ސެލްފް ޑިފެންސްގެ އެކިއެކި އުކުޅުތައް ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. އަދި ފަޔަރ ސޭފްޓީ ކުލާހުގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ކިޔަވައިދިން މި ކުލާސްތަކުގައި، އެ ސްކޫލުގެ 190 ލިޓްލް މެއިޑުންނާއި 119 ގާލް ގައިޑުންގެ އިތުރުން 38 ލީޑަރުން ބައިވެރިވިއެވެ.



