ޙައްޖުވެރިންގެ ކަންކަމުގައި ހަރުދަނާ ކުރިއެރުންތަކެއް ގެނެވުނު ދެ އަހަރު!

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ޙައްޖުވެރިންގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނައުމުކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަން ފެށި މަސައްކަތަކެވެ. ދިވެހި ސަރުކާރުން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި ގުޅިގެން ކުރަން ފެށި މަސައްކަތުގެ ނަތީޖާ 1446 ވަނަ އަހަރުގެ ޙައްޖު މޫސުން ނިމިގެންދިޔައިރު ދިވެހި ޙައްޖުވެރިންނަށް ވަނީ ފެނިގެންގޮސްފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމަކީ، އަދި ޙައްޖުގެ ދަތުރަށް ލިބިގެންދިޔަ އެންމެ ބޮޑު ލުއިފަސޭހައަކީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެންދިއުނެވެ. މައްކާ ރޫޓު އިނީޝިއޭޓިވްއާއެކު ދިވެހި ޙައްޖުވެރިން ރާއްޖެއިން ފުރާއިރު ޙައްޖުވެރިންގެ ސަޢުދީ އިމިގްރޭޝަން ނިމިފައިހުރުމާއެކު ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން މަޑުކުރަން ޖެހުނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. 1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ދިވެހިރާއްޖެއިން ދިޔަ ޙައްޖުވެރިން ވަނީ މިކަމުގެ ލުއިފަސޭހަކަމުގެ ވާހަކަ އުފަލާއެކީ ފާހަގަކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ރައީސުލްޖުމުހޫރިއްޔާއާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހި ސަރުކާރުގެ އެކި މުއައްސަސާތަކުން މައްކާ ރޫޓު އިނީޝިއޭޓިވްއާއި މެދު ބެހެއްޓެވި އަހައްމިއްޔަތުކަން ފާހަގަކޮށް، އެ ޚިދުމަތުގައި ދިވެހިރާއްޖެ ދާޢިމީ ކުރެއްވުމަށް ސަޢުދީ ސަރުކާރުން ނިންމެވުމަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

މީގެ އިތުރުން މިއަހަރުގެ ޙައްޖުގެ ޚިދުމަތްތަކަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މިނާ އަދި ޢަރަފާތުގެ ފޭލިގެތަކުގެ ފެންވަރު މަތިކުރެވިގެންދިއުމެވެ. އެގޮތުން މިނާ ކެޓެގަރީ ސީ ކެޓަގަރީން ބީ ކެޓަގަރީއަށް ބަދަލުކުރެވުމާއެކު މިއަހަރު ދިވެހި ޙައްޖުވެރިންނަށް މިނާ ފޭލިގެތަކުގައި ވަނީ ސޯފާ އެނދު ލިބިފައެވެ. އަދި ފިނި ކުރުމުގެ ނިޒާމު ގާއިމްކުރެވި ޙައްޖުވެރިންނަށް މިނާގެ ކެއުންވެސް މީގެ ކުރީ އަހަރުތަކަށްވުރެ ފުރިހަމައަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ސީދާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ގެނެވިގެންދިޔަ ބަދަލެކެވެ. އަދި މިކަންކަން ހަރުދަނާކޮށް ގެންދިއުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހި ޙައްޖު މިޝަނުންވެސް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ޙައްޖުވެރިންނަށް ލުއިފަސޭހަވާނެ ފަދަ ގޮތްތަކަށް ކަންކަން ތަރުތީބުކުރެއްވުމަށް ފަސް ޖެހި ވަޑައިނުގަންނަވާނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މައްކާގައި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ވަނީ ވިދާޅުވެފައެވެ. ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދެއްވުމަށް އެ ބައްދަލުކުރެއްވުމުގައި ޙައްޖުވެރިން އެދިލެއްވި ގޮތަށް ދިވެހި ޙައްޖުވެރިން ނަގާ ބޭސް ހިލޭ ލިބޭނެ އިންތިޒާމްވެސް ރައީސް ވަނީ ވަގުތުން ހައްދަވައިދެއްވާފައެވެ. މިކަމުން އެނގިގެންދަނީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަކީ މި ސަރުކާރުން ނުހަނު އިސްކަން ދެއްވާކަމެއް ކަމެވެ.

މީގެ އިތުރުން ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލު ހަރުދަނާކޮށް މުހިއްމު އެތައް ކަމެއް އެ އުސޫލުގައި އަލަށް ބަޔާން ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އުސޫލާއި ޚިލާފަށް ޢަމަލުކުރާ ކުންފުނިތަކާއި މެދު ފިޔަވަޅު އެޅުމަށް ވުޒާރާއިން ފަސް ނުޖެހޭނެކަން ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެނގި ހާމަވެގެންގޮސްފައިވެއެވެ. އެގޮތުން ދިވެހި ޢުމްރާވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެކި ޙާލަތްތަކުގައި ވުޒާރާއިން އަޅަން ޖެހޭ ފިޔަވަޅު އަޅާ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް އެ މައްސަލަތައް ވަނީ ބަލާފައެވެ.

ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ހައްޤުގައި އެންމެ މުހިއްމު މަސައްކަތްތަކެއް ކުރަން ފެށި، އަދި ކުރިއަށްދާ ދައުރަކީ މިހާރު މި ހިނގާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުކަން ޔަޤީނެވެ. ދިވެހި ޙައްޖުވެރިންގެ ކަންކަމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނާއި، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީ އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންގެ ފަރާތުން ލިބިގެންދާ އެއްބާރުލެއްވުމާ އެހީތެރިކަން އަބަދުވެސް ފާހަގަކުރަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.