
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ މުސްތަޤުބަލަށްޓަކައި، އިސްލާމީ ޚިދުމަތަށްޓަކައި ހިއްމަތާއެކު ކުރައްވާ މަސައްކަތް ފާހަގަ ކުރަން – ވަޒީރު
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ މުސްތަޤުބަލަށްޓަކައި، އިސްލާމީ ޚިދުމަތަށްޓަކައި މިފަދަ މަސައްކަތްތައް ކުރެެއްވުމަށް ޢަޒުމް ކަނޑައަޅުއްވާ ހިއްމަތާއެކު މަސައްކަތް ކުރައްވާ ވުޒާރާއަށް މިކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާ ކުރައްވާކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނެ މިހެން ވިދާޅުވީ، ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުގެ ބިންގާ އެޅުމަަށްޓަކައި ބޭއްވެވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މިއަދު ބިންގާ އެޅިގެންދިޔަ ވަޤްފު ޢިމާރާތަކީ އިސްލާމީ ދާއިރާއަށް ބޮޑު ނަފާއެއް ލިބިގެންދާނެ މުހިއްމު މަޝްރޫޢުއެއްކަމަށެވެ.
”މި އިމާރާތުން ލިބޭ ނަފާއިން ޚަރަދުކުރެވިގެންދާނީ އިސްލާމީ ޚިދުމަތަށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް، މިސްކިތްތަކަށް އަދި ދީނީ ހުރިހާ ކަމެއް ހިމެނޭހެން ޚަރަދުކުރެވިގެންދާނެ.“ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، އިރާދަކުރެއްވިޔާ ގިނަ ވެގެން ދެ އަހަރާއި ބައިގެ ތެރޭގައި މި ހުރިހާ މަޝްރޫޢުތަކެއް ނިމި މި ޢިމާރާތްތަކުގެ ބޭނުން މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާނެކަމަށާއި ވުޒާރާއާއި އާރުސީސީ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މި މަގުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އިސްވެރިންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މި މަޝްރޫޢުއަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް އިން ފައިނޭންސް ކުރުމަކީ މުޅި ޤައުމު ބިނާ ކުރުމަށްޓަކައި ބޭންކުން ދޭ ވަރަށް ބޮޑު އެއްބާރުލެއްވުމެއްކަމަށާއި މިއީ ހަޤީޤަތުގައި ރާއްޖޭގެ ބޭންކަކުން ދީނީ ކަމަކަށް ކުރާ އެންމެ ބޮޑު ހޭދަކަމަށެވެ.

މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.



