
އިހަވަންދޫގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުވުމަށް ސެޝަނެއް ގެންގޮސްފި
ހއ. އިހަވަންދޫގައި މަސައްކަތްކުރާ ބިދޭސީން ގާނޫނާއި ގަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ނޮވެމްބަރު 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ އިހަވަންދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީން އިތުރުވަމުންދިއުމާއެކު ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ މައްސަލަތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށާއި ބިދޭސީ މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ބުނެދީ އެ ކަންކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގައި 140 ބިދޭސީންނަށް ބައިވެރިވި އެވެ.
މި ސެޝަންގައި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބިދޭސީންގެ މައްޗަށް ތުހުމަތުކެރޭ ޖިނާއީ ކުށްތަކާއި، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބިދޭސީންކުރާ ކުށްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުގެ ގާނޫނުގައި ހިމެނޭ އަމަލުތަކުގެ ތެރެއިން ބިދޭސީންނާ ގުޅޭގޮތުން އާންމުކޮށް ހުށަހެޅޭ ޝަކުވާތަކާއި އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް މައުލޫމާތު ދީފައިވެ އެވެ.
އަދި ވަޒީފާއާ ބެހޭ ގާނޫނާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގަވާއިދުގައި ހިމެނޭ މުހިންމު ބައިތައް ކިޔައިދީ، ބިދޭސީންނަށް ލިބިގެންވާ ހައްގުތަކަށް އަލިއަޅުވައި މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން، ރަށުގައި ދިރިއުޅުމުގައި ގެންގުޅެންޖެހޭ ރިވެތި އަދަބުތަކަށް ކަމޭހިތުމަށާއި، ހާއްސަކޮށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ބާރުއަޅައި މައުލޫމާތު ދީފައިވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.



