
ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިފި
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފި އެވެ.
މިކަމަށްޓަކައި ހާއްސަކޮށް އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ށ. މިލަންދޫގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުގެ އިތުރުން މިލަންދޫ ކައުންސިލްގެ ރައީސްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ޒަމާނީ ފެންވަރަށް ތައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އަދި މި އިސްލާމީ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.