
ށ. ނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި
ށ. ނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފި އެވެ. މި މިސްލިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވެސް ވަނީ ބައިވެރިވެލައްވާފަ އެވެ.
300 މީހުންގެ ޖާގައިގެ މިމިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ފެނެކައާއި އެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.