
އަމީނިއްޔާ ސްކޫލްގެ މުދައްރިސުންނަށް ސައިބަރ ސޭފްޓީ އަދި ޑިޖިޓަލް ޕޭރެންޓިންގއާއި ބެހޭ ސެޝަންއެއް ނަގައިދީފި
އަމީނިއްޔާ ސްކޫލްގެ މުދައްރިސުންނަށް ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ސައިބަރ ސޭފްޓީ އަދި ޑިޖިޓަލް ޕޭރެންޓިންގއާއި ބެހޭ ސެޝަންއެއް ނަގައިދީފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕޮލިސް ނޭބަހުޑް އަދި ސައިބަރ ކްރައިމް ސެންޓަރ ގުޅިގެން އޮކްޓޫބަރު 11 ގައި ކުރިއަށް ގެންގޮސްފައިވާ މި ސެޝަންގައި، އެސްކޫލްގެ 182 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
ފުލުހުންގެ މީޑިއާއިން އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، މި ސެޝަންގައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަދި މުދައްރިސެއްގެ ހައިސިއްޔަތުން ކުދިން އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ.
އަދި އިންޓަނެޓްގެ ޒަރިއްޔާއިން ހިންގަމުންދާ ކުށްތަކާއި، ކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތި ބެލެނިވެރިން މޮނީޓަކުރުމުގެ މުހިންމުކަން ބުނެދީ، އުމުރާ ނުގުޅޭ ފަދަ މަންޒަރުތައް ކުދިންނަށް ނުފެންނާނޭހެން ބެލެނިވެރިން ކޮންޓްރޯލްކުރާނެ ގޮތްތައް ވެސް ކިޔައިދީފައި ވެއެވެ.
މީގެއިތުރުން، ސުކޫލުތެރޭގައި ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައިވެ އެވެ. އަދި އެފަދަ ކަންކަން ހައްލުކުރުމަށް މުދައްރިސުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެ އެވެ.
ހަމައެހެންމެ މުދައްރިސުންވެސް އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ހުރި ރަނގަޅު އަދި ނުރަނގަޅު ކަންކަން ބުނެދީ، މި އެޕްތައް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރެވިފައިވެ އެވެ.
އަދި ގޮތްނޭނގޭ ލިންކުތަކަށް ނުވަނުމަށާއި ކާކުކަން ނޭނގޭ މީހުންނަށް ތިމާގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.



