
އިޒްރާއީލްގެ ފުޓުބޯޅަ ޓީމް މުބާރާތުން ބޭރުކުރުމަށް ގޮވާލައިފި
ފީފާ އަދި ޔޫއެފްއާއިން އިޒްރާއީލްގެ ފުޓުބޯޅަ ޓީމު ބޭންކޮށް ބޭރުކުރުމަށް ތުރުކީގެ އެތުލީޓުން ގޮވާލައިފި އެވެ.
ޔޫރަޕު ފުޓުބޯޅައިގެ ހިންގުންތެރިން ކަމުގައިވާ ޔޫއެފްއާގެ މެމްބަރު ގައުމުތަކުގެ ތެރެއިން ތުރުކީ ވެފައިވަނީ، އިޒްރާއީލްއާއި ދެކޮޅަށް އަޑުއުފުލައި، އެޓީމު ބޭރުކުރުމަށް ގޮވާލި ފުރަތަމަ ގައުމަށެވެ.
އަދި ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ލާއިންސަނީ އަމަލުތަކުގެ ސަބަބުން އެގައުމާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުން އިތުރުވެ، 2026 ގެ ވޯލްޑްކަޕްއާއި ދިމާކޮށް ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތައްކަށް ދަނީ ޕްރެޝަރު އިތުރުވަމުންނެވެ.
ދުނިޔޭގެ އަދި ޔޫރަޕުގެ ފުޓުބޯޅަ ޖަމާއަތްތަކަށް ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އިބްރާހިމް ހަޝެއޮސްމަނޮގްލޮ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ”މިއީ ފީފާ އަދި ޔޫއެފްއާއިން އަމަލުކޮށް ފިޔަވަޅެއް އަޅަންވީ ވަގުތު“ ކަމަށެވެ.
އަދި ސުލްހައާއި އިންސާނީ ކަރާމާތް ދިފާއުކޮށް ދަމަހައްޓާ ބައެއްގެ ގޮތުގައި ފުޓުބޯޅަ ފެޑެރޭޝަންތައް އޮތްއިރު، މިމައްސަލައާމެދު ހަމަހިމޭނުން ތިބޭތާ މާގިނަދުވެސް ވެއްޖެ ކަމަށާއި، ފުޓުބޯޅަ ފެޑެރޭޝަންތަކުގެ މިފަދަ ރިވެރި އުސޫލްތަކަށްޓަކައިވެސް ޣައްޒާގައި ހިންގަމުންދާ ގާނޫނާއި ގަވާއިދުތަކާއި އަދި އިންސާނީ ހައްޤުތަކާވެސް ޚިލާފު އަމަލުތަކާމެދު ކަންބޮޑުވެ އަޑުއުފުލުމަކީ، އަދި އެފަދަ ކަންމަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭކަމަށް ވެސް ސިޓީގައި ބުނެފައިވާ ކަމަށް ތުރުކީގެ ގައުމީ ނޫސް އެޖެންސީ އަނަޑުލޫ ނިއުސްއިން ބުނެފައިވެއެވެ.
އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް އަށް ކޮލިފައިވުމަށް އިޒްރާއީލްގެ ޓީމުން ތައްޔާރުވަމުންދާއިރު، އެމުބާރާއުން އިޒްރާއީލުން ބޭރު ކުރާނެތޯ ނޫންތޯ ބެލުމަށް ވޯޓެއް ނެގުމަށް ޔޫއެފްއާއިން ދަނީ ތައްޔާރުވަމުންނެވެ. 20 މެމްބަރުން ހިމެނޭ ޔޫއެފްއާ ހިންގާ ކޮމިޓީއިން ނަގާ ވޯޓުގައި، އިޒްރާއީލް މުބާރާތުން ބޭރުކުރުމަށް ތަރުހީބު ލިބޭނެކަމަށް ވަނީ ބެލެވިފަ އެވެ.
2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރޭންއަށް ހަމަލާދީ، އެގައުމު ހިފުމަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ފުޓުބޯޅަ ފެޑެރޭޝަންތަކުން ރަޝިޔާ އެކަހެރިކޮށް، މުބާރާތްތަކުގައި ބައިވެރިވުން މަނާކޮށްފައިވާއިރު، އިޒްރާއީލާއިމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނެތުމުން، ދެގައުމާމެދު ތަފާތުކުރުން ގެންގުޅެނީކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.