
ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި
މި މަހު 1 އިން ފެށިހިގެން މާލެ އެކުވެނި ބެޑަމިންޓަން ކޯޓުގައި ކުރިއަށްދިޔަ ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ރޭ ވަނީ ނިންމާލާފަ އެވެ.
7 ޢުމުރުފުރު އަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި 8 ޤައުމަކުން 347 ކުޅުންތެރިން ބައިވެރިވެ 753 މަޗު ވަނީ ކުޅެފަ އެވެ.
ނިމުމުގެރަސްމިއްޔާތުގައި ޥަހަކަފުޅު ދައްކަވަމުން މި މުބާރާތް އިންތިޒާމުކުރި ބެޑްމިންޓަން ކްލަބްގެ ރައީސް އަލްފާޟިލް އަޙްމަދު މަޙްލޫފް ވިދާޅުވީ މިއީ ތާރީޚި މުބާރާތެއްކަމަށައި މިހާތަނަށް މުބާރާތެއްގައި މިހާ ގިން މެޗުކުޅެފައި ނުވާ ކަމަށާއި ރާއްޖޭގައި މިހާރު ބެޑްމިންޓަން ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަކަމަށެވެ.
އިތުރަށް މަޙްލޫފު ވިދާޅުވީ ބެލެނިވެރިންނާއި ކުޅުންތެރިން ބެޑްމިންޓަނަށް ކުރާ ހޭދައިންވެސް މިކަމަށް އޮތް ޝައުޤު ކަށަވަރުވެގެން ދާކަމަށެވެ. އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
ރޭގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.