
ޙިޖާމާ ޖެހުމުގެ ހުއްދަ ލިބޭ ޙިޖާމާ ޕްރޮފެޝަނަލް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި!
މިއީ މެލޭޝިއާއަށް ގޮސްގެން ފުރިހަމަ ކުރަން ޖެހޭ ކޯހެއް!
ދިވެހިރާއްޖޭގެ ސިއްޙީ ވުޒާރާގެ، އެލައިޑް ހެލްތު ކައުންސިލްގެ ދަށުން، ދިވެހި ރާއްޖޭގައި ޙިޖާމިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވެ، ޙިޖާމާ ޖެހުމުގެ ހުއްދަ ލިބޭ ކޯހެއްގައި ބައިވެރި ވުމުގެ ފުރުސަތު، އެވިސެނާ އެކަޑެމީ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. 1 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯސް އޮންނަނީ މެލޭޝިއާގައެވެ.
އެވިސެނާ އެކަޑެމީ މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މިކޯހުގެ ބައިވެރިން މެލޭޝިއާއަށް ގޮސްގެން، ކްލާހަށް ހާޒިރު ވެގެން ކިޔަވަން ޖެހޭ ކޯހެކެވެ. އެވިސެނާ އެކަޑެމީ މެލޭޝިއާއާއި ގުޅިގެން ހިންގާ މިކޯހުގެ ފީއަކީ $2000 (ދެހާސް ޑޮލަރު) އެވެ. މީގެ އިތުރުން އިދާރީ ފީއެއްގެ ގޮތުގައި 200 (ދުއިސައްތަ) ދިވެހި ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެވިސެނާ އެކަޑެމީ މޯލްޑިވްސްއަކީ އެވިސެނާ އެކަޑެމީ މެލޭޝިއާގެ ދިވެހި ރާއްޖޭގެ ރަސްމީ އެފިލިއޭޓެވެ.
ޙިޖާމާ ޕްރޮފެޝަނަލް ކޯހުގެ ނަމުގައި ހިންގާ މިކޯހަކީ، ދިވެހިރާއްޖޭގެ ސިއްޙީ ވުޒާރާއިން ބަލައިގެންފައިވާ ކޯހެކެވެ. ޙިޖާމާ ކޯސް ފުރިހަމަ ކުރުމުން ޙިޖާމާ ޖެހުމުގެ ހުއްދަ ލިބޭ ކޯސްތަކުގެ ތެރޭގައި، ސިއްޙީ ވުޒާރާއިން މިކޯސް ހިމަނާފައި ވެއެވެ. އަދި ސިއްޙީ ވުޒާރާގެ އިޢުލާނުން މިކަން ކަށަވަރުވެފައިވެއެވެ. މިއީ އެވިސެނާ އެކަޑެމީ މޯލްޑިވްސްގެ ފަރާތުން، ރަސްމީކޮށް އިޢުލާންކޮށްގެން ފުރުސަތު ހުޅުވާލި ފުރަތަމަ ބެޗެވެ. ނަމަވެސް މީގެ ކުރީންވެސް ވަކި ވަކި ފަރުދުންނާއި، ގްރޫޕް ބެޗްތައް މެލޭޝިއާއިން މިކޯސް ފުރިހަމަކޮށް، މިހާރު ދިވެހި ރާއްޖޭގައި ހުއްދަ ލިބި، ޙިޖާމާގެ ފަރުވާ ދެމުން ގެންދާކަން ފާހަގަ ކުރެވެއެވެ. މީގެ ތެރޭގައި ޙިޖާމާ ޖެހުމުގައި ރާއްޖޭގައި ގިނަ ދުވަސްވީ، ގިނަ ބަޔަކު ދަންނަ އެތައް ފަރާތެއް ހިމެނެއެވެ.
މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ. އަދި ކޯސް ފެށުމަށް ހަމަ ޖެހިފައިވަނީ 1 އޯގަސްޓުގައެވެ. އެވިސެނާ އެކަޑެމީ މޯލްޑިވްސް އިން ހާމަކުރާ ގޮތުގައި، ކޯހުގެ ފީ ދިވެހި ރުފިޔާއިންވެސް ދެއްކޭނެ އިންތިޒާމު އެފަރާތުން ވަނީ ހަމަޖައްސާފައެވެ. އަދި ބައިވެރީންގެ ޓިކެޓާއި، ހުރުމާއި ކެއުމުގެ ޚަރަދު ހަމަ ޖަސަން ޖެހޭނީ ބައިވެރިން އަމިއްލައަށް ކަމުގައި ވިޔަސް، އެކޮމޮޑޭޝަން ހޯދުމާއި، ޓިކެޓު ނެގުން ފަދަ ކަންކަމުގައި އެވިސެނާ އެކަޑެމީ މޯލްޑިވްސްގެ އެހީތެރިކަން ލިބޭނެ ކަމުގައި އެފަރާތުން ހާމަކުރެއެވެ.
އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މިކޯހުގައި، އިނގިރޭސި ބަހުން މުޢާމަލާތުކޮށް، ލިޔަން ކިޔަން ދަންނަ، ކޮމްޕިއުޓަރ / ލެޕްޓޮޕް ބޭނުންކޮށްގެން އެސައިންމަންޓްތައް ހެދުމުގެ ޤާބިލުކަން ހުރި ކޮންމެ ބޭފުޅަކަށްވެސް ބައިވެރި ވެވޭނެ ކަމުގައި އެފަރާތުން ބުނެއެވެ. ހުއްދަ ނުނަގާ ޙިޖާމާ ޖެހުން، ދިވެހިރާއްޖޭގެ ސިއްޙީ ވުޒާރާއިން މަނާކޮށްފައިވާއިރު، ޙިޖާމާ ޖަހަން ދަސްކޮށް، ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށްލެވެއެވެ.