
ވިލިގިލީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮއްފި
މާލޭ ސިޓީގެ ވިލިގިލީގައި ސިޓީ ކައުންސިލާ އަމިއްލަ ފަރާތަކާ ގުޅިގެން ކުޑަަކުދިންގެ ޕާކެއް ތަރައްޤީކޮއް މަސައްކަތް ނިންމައިފިއެވެ.
ވިލިމާލޭ ހުޅަނގުން އޮންނަ ބޯޓް ޔާޑް ކުރިމަތިން 26 ނަމްބަރު ކޮށީގައި 4500 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރި މިޕާކް ތަރައްޤީކޮށްފައިވަނީ ސިޓީ ކައުންސިލްއާއި އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ފިޔަ ފައުންޑޭޝަންއާއި ގުޅިގެންނެވެ.
“ ވިލިދޫނި ބަގީޗާ “ ގެ ނަމުގައި ތަރައްޤީކުރި މި ޕާކަކީ ޢާއްމުކޮށް ކުޑަކުދިންގެ ޕާކްތަކުގައި ހުންނަ ސީސޯއާއި އުނދޯލި ފަދަ ތަކެތި ހިމަނައިގެން ތަރައްޤީކޮއްފައިވާ ޕާކެކެވެ. މިތަކެތި ދީފައިވަނީ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. ތަކެތި ބެހެއްޓުމާ ޕާކް ތަރައްޤީކުރުމުގެ އެހެނިހެން މަސައްކަތްތައް ކޮއްފައިވަނީ ފިޔަ ފައުންޑޭޝަންގެ ފަރާތުންނެވެ.
ފިޔަ ފައުންޑޭޝަންގެ ފަރާތުން ޕާކް ތަރައްޤީކޮށް ސިޓީ ކައުންސިލާ ޙަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ވިލިގިލީގައި ބޭއްވުނެވެ. މި ދުވަސްވަރަކީ ކޮވިޑް – 19 ގެ ސަބަބުން ޕާކްތައް ބަންދު ދުވަސްވަރަކަށްވުމާއެކު ޢާއްމުކޮއް ޕާކް ނުހުޅުވިކަމުގައިވިއަސް ޕާކްތައް ހުޅުވުމުގެ ހުއްދަ ދެއްވުމުން މި ޕާކްވެސް ޢާއްމުކޮއް ހުޅުވާލެވޭނެއެވެ.
ވިލިމާލެއަކީ ހިތްފަސޭހަ ޚިދުމަތްތައް ފުރިހަމަ ރަށަކަށް ހެދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 2 ޕާކް ތަރައްޤީކުރމަށް ވަނީ ހަމަޖެހިފައިއެވެ. މި ދެ ޕާކްގެ ޑިޒައިން މަސައްކަތްތައްވެސް މިހާރުވަނީ ނިމިފައެވެ.