އިންތިޚާބުތަކާއިމެދު ދިވެހީން ފޫހިވެފައި!

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމާއި ހަމައިން ދިވެހިން މިއަދާއި ހަމައަށް މިދަނީ ވެރިން ހޮވުމަށްޓަކައި މިހާތަނަށް ބޭއްވުނު އިންތިޚާބުތަށް ތަޖުރިބާކޮށް އެއިން ގިނަ ޢިބްރަތްތަކެއް ޙާޞިލުކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ތަފާތު ރިޔާސީ އިންތިޚާބުތައް ނިމިގޮސްފައިވާއިރު މިއިން ކޮންމެ އިންތިޚާބަކަށްފަހު ރައްޔިތުންގެ ޝުޢޫރުތައް ވަރަށް ވެސް ތަފާތުކަން ފާހަގަކުރެވެއެވެ. މިފަދަ ތަޖުރިބާތަށް ކުރުމުގައި ދިވެހީން ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ވޭތިކޮށްފައިވަނިކޮށް ދިވެހިންގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ދިވެހިން ކަނޑައަޅައި، އެނިޒާމުގެ ތެރެއިން މިއަދު މިވަނީ އިންތިޚާބުތައް ބޭއްވެން ފަށާފައެވެ.

ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް ތައްޔާރުވާ އިންތިޚާބުތައް ކަމުގައި ވެފައިމިވަނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. މިބޮޑު ދެ އިންތިޚާބުގެ މުހިންމުކަން ބޮޑުވެފައިމިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބޮޑު ބަދަލާއި ގުޅިގެންނެވެ. އެހެނީ ގިނަ ޕާޓީތަކަކަށް ބައިވެރިވެވޭ އިންތިޚާބުތަކެއްގެ ގޮތުގައި ވުމުގެ ސަބަބުން އިންތިޚާބީ ފޯރި އިތުރުވެގެން ގޮސްފައިވަނީ ޕާޓީ ރޫޙޫ ރައްޔިތުންގެ މެދުގައި އަށަގެންފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. އެގޮތުން ޢާއިލާގެ ތެރޭގައި ވެސް ތަފާތު ބައިބައިވުންތައް އުފެދި ފިތުނަވެރިކަން އުފެދި މުޖްތަމަޢު ބައިބައިވާފަދަ މިންވަރަކަށް މިއަދު މިވަނީ މިރޫޙޫ އުފެދިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންތިޚާބީ ވަޢުދު

ކޮންމެ އިންތިޚާބެއްގައި ވެސް ވާދަކުރާ ފަރާތްތަކުން ރައްޔިތުންނަށް އެތައް ވަޢުދުތަކެއް ވަމުން ދިއުމަކީ ޢާންމުކަމެއްކަމުގައި މިއަދު މިވަނީ ވެފައެވެ. އެގޮތުން އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހޮވޭ ފަރާތުގެ މަސްއޫލިއްޔަތާއި ޒިންމާއާއި ނުބައްދަލު ވަޢުދުތައް ވަމުންދިއުމުގެ ސަބަބުން މިއަދު ރައްޔިތުން މިވަނީ މިފަދަ އިންތިޚާބީ ވަޢުދުތަކާއިމެދު ފޫހިވެ ވަޢުދުވާ ފަރާތްތަކާއިމެދު ނާއުންމީދުވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ޤައުމަށް ނުވަތަ ދާއިރާއަށް ބޮޑެތި ޢުމްރާނީ ތަރައްޤީ ގެނުވާނެކަމާއި، ރައްޔިތުންނަށް ފުރިހަމަވާންޖެހޭ އަސާސީ ޚިދުމަތްތައް ކޮށްދޭނެކަމަށް ފަރުދީގޮތުން ބުނާ ބުނުމަކީ މިއަދު އޭގެ އެއްވެސް ޙަޤީގަތެއް ނުވާކަމެއްކަން ރައްޔިތުންނަށް މިއަދު މިވަނީ ކަށަވަރުވެފައެވެ. ވަޢުދެއް ވާއިރު ވަޢުދާއި ޢަހުދު ފުއްދުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭފަދަ ބަޔަކު، ކަމަށް އެކަށީގެންނުވާ ޙާލު މައިދާނަށް ނުކުމެ ހިތުހުރި ބަހުރުވައަކުން ބަސްތައް އަތުރަމުން ދިއުމުގެ ސަބަބުން މިއަދު މިވަނީ ފުރިހަމައަށް ޒިންމާ އަދާނުކުރެވޭ، ނަތީޖާނެރުމުގައި ނުކުޅެދުންތެރިންތަކެއް ޢައްޔަންކުރެވިފައެވެ. އޭގެ ސަބަބުން ރައްޔިތުން ކައރުނައަޅައި ދެލޯ ފާރުވާއިރު ވެސް މިއިން އެއްވެސް ފަރާތެއް ކަހާތަން ހިރުވާލާހެން ވެސް ހީނުވެއެވެ.

އިންތިޚާބާއި ”ހަދިޔާ“

ދިވެހި ސިޔާސީ މަސްރަޙުގައި މިއަދު އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން ރައްޔިތުންގެ ވޯޓު ހޯދުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަކީ ”ހަދިޔާގެ“ ގޮތުގައި ބަހާ ފައިސާއެވެ. އިސްވެދެންނެވުނު ފަދައިން ވެވޭ ވަޢުދުތައް ފުއްދުމުގައި ނުކުޅެދިފައިވާ މިންވަރާއި، ހޮވުމަށްފަހު ކާންދޭ އަތުގައި ދަތްއަޅާ މިންވަރު އިތުރުވުމުގެ ސަބަބުން އިތުބާރު ގެއްލިފައިވާތީ، ސީޒަނުގައި އަމިއްލަ ޖީބަށްވެސް ފައިސާފޮއްޗެއް ލެވޭތޯ އުންމީދުކުރާ މީހުން މިއަދު މިވަނީ ވޯޓުލާ މީހުންގެ ތެރޭގައި އިތުރުވެފައެވެ. ވޯޓު ހޯދަން އަންނަ މީހާގެ ޢަމަލުތަކަށް ރިޢާޔަތްކޮށް މިއަދު މިވަނީ ވޯޓު ދޭމީހާގެ އިޚްލާޞްތެރިކަން ވެސް އެއީ އެފަދަ މީހާގެ ކިބައިގައި ނެތް ޞިފައަކަށް ހަދާފައެވެ. ގިނަބަޔަކު ވޯޓު ދެނީ ކަމަށް އެކަށޭނަ ޤާބިލު މީހާތޯ ބަލާފައި އެފަދަ ފަރާތަކަށް ނޫންކަމާއި، ގިނަމީހުންގެ ވިސްނުން މިވަނީ ގިނައިން ދިން ފަރާތަކަށް ވޯޓު ވިއްކާލާ ވިސްނުމަށް ހޭނިފައެވެ. ފާޅުގައި ވެސް މިފަދަ ބަހުރުވަ ގެންގުޅޭ މީހުން ޤައުމުގައި މިވަނީ އިތުރުވެފައެވެ. ވާނީވެސް އެހެންތާއެވެ. އިޚްލާޞްތެރިކަމެއް ނެތި ހޯދަން އައުމުން އިޚްލާޞްތެރިކަން ނައްތާލާފައި ދެނީއެވެ. ވެއްޓިދާ އަނދަވަޅެއްގެ ނުރައްކާތެރިކަމާއިމެދު ވިސްނާލާ ބަޔަކު ނެތްފަދައެވެ.

ރައްޔިތުންގެ އުންމީދީ ހުޅުކޮޅު ނިއްވާލުން

ސިޔާސީ ފިކުރު ތަފާތުވުމާއި އެކު އިންތިޚާބު ފަށައިގެން ގޮސް ދިވެހިންގެ ކެމްޕެއިންކުރުމުގެ ރޫޙުގައި ގޮސް އިދިކޮޅު ފަރާތްތަކަށް ހަޑިހުތުރުބަހުން މުޢާމަލާތުކުރަމުން ގޮސް މިހާތަނަށް ނިކުމެފައިވާ ނަތީޖާއަކީ ކޮންމެވެސް އެއްބަޔަކަށް ފުރުޞަތު ނުދިނުމަށްޓަަކައި ކޯލިޝަން ހަދައިގެން ވެރިކަމަށް ބަޔަކު ގެނައުމެވެ. އޭގެ ސަބަބުން ޙަސަދަވެރިކަމާއި، ރުޅިވެރިކަން އުފެދިފައިވާ ޚިޔާލު ތަފާތު ބައިތަކެއް ހިނދުކޮޅަކަށް އެއްގަލަކަށް އަރައި އިންތިޚާބު ކާމިޔާބުކުރާތަން މިއަދު މިވަނީ ދިވެހި އިންތިޚާބީ މައިދާނުން ގިނައިން ފެންނަން ފަށާފައެވެ. އެގޮތުން އިންތިޚާބުގައި ނަތީޖާނެރެ އުފެދޭ ސަރުކާރުތައް އެއްގަލެއްގެ މަތީގައި ދެމިއޮންނަނީ ކުޑަދުވަސްކޮޅަކަށެވެ. ބައިބައިވެ އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅުވެ، ކުރިން އެކަހެރިކޮށްލި މީހުނާއި ގުޅި ސަރުކާރަށް ފާޑުކިޔާތަން ފެނުމަކީ އާދައެކެވެ. އެހެންކަމުން އިންތިޚާބެއް ކާމިޔާބުކުރާ ފަރާތަކަށް ދައުރު ފުރިހަމަކޮށްލެވޭނެކަމުގެ އުންމީދުކޮށްލަން ވެސް ހިތަށް އަރުވައިނުލެވޭކަހަލައެވެ. އެކުގައި އުޅޭވަގުތު ކިތަމެ ގޯހެއް ހެދިކަމުގައިވިޔަސް އެވާހަކައެއް ނުދައްކައެވެ. އިޞްލާޙަކަށް ވެސް ނޭދޭފަދައެވެ. ނަޞޭޙަތެއްވެސް ނުމެދޭމެއެވެ. ފެނުނަސް ނުފެންނަނީއެވެ. ފިތުނަވެ ވަކިވުމުން ނޫނީ އެކަހެރިކޮށްލުމުން ދޫހެލެންފަށަނީ އެކުގައި އުޅުނު ދުވަސްވަރު ހިންގި ޖަރީމާތަކާއި، ފަސާދައިގެ ދޮރު ހުޅުވާފައިވާ މިންވަރުގެ ބޮޑުކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ދުވަހަކުވެސް ރައްޔިތުންނަށް ހެވެއް ނުލިބޭނެކަމަށާއި، ޤައުމު ފަނާކުރާކަމުގެ ހެކި ދައްކަމުންނެވެ. މިފަދައިން ބަސްތައް އަމުނާ ފަރާތްތަކުން ތިމާމެންގެ އަބުރާއި ޢިއްޒަތް އަމިއްލައަށް ރައްޔިތުންގެ ކުރިމަތީގައި ވެއްޔާއި މޮޑެލަނީ އެފަރާތްތަކުގެ ތޫނުފިލިކަމުން ހެއްޔެވެ؟ ނޫނީ ތިމާމެން މަސްއޫލުވާންޖެހޭ ރައްޔިތުންނަކީ ބުއްދިނުކުރާ ބައެއްކަމަށް ދެކޭތީހެއްޔެވެ؟ މިފަދައިން ބަޔަކު ޢަމަލުކުރުމުގެ ސަބަބުން މިއަދު މިވަނީ ޤައުމުގެ ސިޔާސީ މައިދާނުގައި ހެޔޮލަފާ އިޚްލާޞްތެރި ބަޔަކު ނުވާކަމާއި، މިދާއިރާއަށް އެފަދަ ބަޔަކު ނުވެސް ވަންނާނޭކަމާއިމެދު ރައްޔިތުން ހިތުގެ އަޑިން ކަށަވަރުކުރާ ޙާލަތައް ކަންތައް ގޮސްފައެވެ. އެހެންކަމުން ރައްޔިތުން ސިޔާސީ މައިދާނުގައި މިއުޅޭ ފަރާތްތަކާއިމެދު އުންމީދެއްވެސް ނުކުރަނީއެވެ. ވާނީވެސް އެހެންތާއެވެ. އަންނަނީ އަމިއްލަ އެދުމުން ފޯވެގެން ފިތުނައާއި ފަސާދައިގެ ފޭރާން ލައިގެންނެވެ. ނަތީޖާއަކަށްވަނީ ރައްޔިތުން މާޔޫސްވެ، ހެވެއް ލިބެން ނެތްކަމަށް ނިންމައި ފަރުދީ ޒިންމާއާއި ދުރުވުމެވެ. އޭގެ ސަބަބުން ބިކަވެ ޙަލުގައިވެސް މިޖެހެނީ ނިކަމެތި ރައްޔިތުމީހާއެވެ. ވީމާ، މިހިރަ މިހިރަ ކަންކަމާއިމެދު ދުރާލައި ބުއްދިކުރާ ބަޔަކަށް ދިވެހީން ވާން ނުވޭތޯއެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.