
މަގުމަތީގައި އިން ހާލުގައިޖެހިފައިވާކަމަށްބެލެވޭ މުސްކުޅި އަންހެންމީހާއަށް ދިމާވި މައްސަލައަންނަނީ ބަލަމުން: މިނިސްޓްރީ
މަގުމަތީގައި އިން ހާލުގައިޖެހިފައިވާކަމަށްބެލެވޭ މުސްކުޅި އަންހެންމީހާއަށް ދިމާވި މައްސަލައަންނަނީ ބަލަމުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މަގުމަތިވެ ހާލުގައި ޖެހިފައިވާކަމަށް ބެލެވޭ މުސްކުޅި އަންހެން މީހާގެ ޢާއިލާއިން އެ މިނިސްޓްރީއާ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
”މިނިސްޓްރީން މިދަނީ ކަން ހިނގައި ދިޔަގޮތް ބަލަމުން. މި ކަން ސަމާލުކަމަށް ގެނެސް، މިނިސްޓްރީގެ މެސެޖު ޢާންމުންނާ ހަމައަށް ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރަން.“ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
އެހެންނަމަވެސް އެ އަންހެން މީހާއާ ބެހޭ އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.
ސޯޝަލް މީޑިއާގައި ޢާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ މުސްކުޅި އަންހެން މީހާ ގޯޅިތެރޭގައި އިށީންދެލައިގެން އިނީ ފައިވާނަކަށްވެސް ނާރައެވެ.
އޭނާ ހޯދުމުގެ މަސައްކަތް ޖެންޑަރގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓުން ރޭ ފަށާފައިވާ އިރު، މާލޭގެ ގޯޅިތެރޭގައި ގޮދަނޑި އަޅައިގެން ނިދަމުން ދިޔަ މީހަކަށްވެސް ޖެންޑަރ މިނިސްޓްރީން މި އަހަރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މާލޭގައި ސަލާން ޖަހަން މާރުކޭޓު ސަރަހައްދުގައި އުޅޭ މީހުންނާ، ޖެންޑަރ މިނިސްޓަރު ވަނީ މި އަހަރު ކުރީ ކޮޅު ބައްދަލުކުރައްވާ އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ.



