
އިލެކްޓްރިސިޓީގެ 4 ވަނަ ބައްދަލުވުން ފަށައިފި
ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނަރޖީ ރެގިއުލޭޓަރސް (އިލެކްޓްރިސިޓީ) ގެ 4 ވަނަ ބައްދަލުވުން މިއަދު ހޮޓެލް ޖެންގައި ފަށައިފިއެވެ.
މި ބައްދަލުވުމަކީ، ”ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)“ ތަންފީޒުކޮށް ސާކް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކަރަންޓު ގަނެ ވިއްކުމުގެ ބާޒާރެއް އުފައްދާ އިޤްތިސާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޑްރާފްޓް މަގުޗާޓު ފައިނަލް ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ދިވެހިރާއްޖޭގެ އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓުގައި ސާކް މެންބަރު ޤައުމުތަކުގެ މެދުގައި ހަކަތައިގެ ގުޅުން ވަރުގަދަ ކުރުމަށް ސާކް ފްރޭމްވަރކް އެގްރީމަންޓެއް ވަނީ އެކުލަވާލާފައެވެ. އަދި ސާކްގެ ދޭދޭ ޤައުމުތަކުގެ މެދުގައި އެޤައުމެއްގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން، ވޮލަންޓަރީކޮށް ކަރަންޓު ގަނެވިއްކުމަށް 2014 ވަނަ އަހަރު ރާއްޖޭގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ސާކް އެނަރޖީ ރެގިއުލޭޓަރސްގެ ދެވަނަ ބައްދަލުވުމުގައި އެނަރޖީ ރެގިއުލޭޓަރސް އެކްސްޕަރޓުންގެ ކައުންސިލެއް 2016 ވަނަ އަހަރު އެކުލަވާލާ، ކޮންމެ އަހަރަކުވެސް މި ކައުންސިލްގެ ބައްދަލުވުމެއް ދަނީ ބާއްވަމުންނެވެ.
މި ކައުންސިލްގެ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖެ އާއި ސާކުގެ އެހެނިހެން ޤައުމަތަކަށް ހަކަތައިގެ ދާއިރާއަށް ކުރިއެރުން ލިބުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.



