
އެމެރިކާގެ ގާލްސްކައުޓް ޙަރަކާތުގައި ’އިސްލާމީ‘ ބެޖުތަކެއް ބޭނުންކުރާ ކަމަށް ބުނެ ފެންމަތިވި މައްސަލައަށް އެ ޖަމްޢިއްޔާއިން ރައްދުދީފި
އެމެރިކާގެ ގަރލް ސްކައުޓް ހަރަކާތުގައި ’އިސްލާމީ‘ ބެޖުތަކެއް ބޭނުންކުރާ ކަމަށް ބުނެ ފެންމަތިވި މައްސަލައަށް އެ ޖަމްޢިއްޔާއިން ރައްދުދީފި އެވެ.
ގަރ ލްސްކައުޓް ޙަރަކާތުގެ ތެރެއަށް އިސްލާމީ އުޞޫލުތައް މަސްހުނިކުރާ ކަމަށް ބުނެ އެކްސް (ކުރީގެ ޓުވިޓަރ) ގައި ދައުރުވި ޚަބަރަކާ ގުޅިގެން، ގާލް ސުކައުޓްސް އޮފް ދަ ޔޫއެސްއޭ (ޖީ.އެސް.ޔޫ.އެސް.އޭ) އިން ބުނެފައިވަނީ އެ ބެޖުތަކަކީ މިނިވަން ދީނީ ޖަމާޢަތަކުން ތަޢާރަފުކޮށްފައިވާ އެއްޗެއް ކަމަށެވެ.
މި ހަފުތާގެ ތެރޭގައި އެމެރިކާގެ ގަރ ލްސްކައުޓް ޕްރޮގްރާމްތައް ”އިސްލާމީ ފިކުރަށް“ ބަދަލުކުރަމުންދާ ކަމަށް ބުނެ އޮންލައިންކޮށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އޮގަސްޓް 24 ވަނަ ދުވަހު، ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓް ނެޓަލީ ވިންޓަރސް އެކްސްގައި ޝާއިޢުކުރި ”އެމެރިކާގެ ގަރ ލްސްކައުޓް ޙަރަކާތް އިސްލާމީކުރުން“ މި ސުރުޚީގެ ދަށުން ލިޔެފައިވާ ސިލްސިލާ ޕޯސްޓުތަކެއްގައި، ”މުސްލިމް އީމާންތެރިކަމުގެ ގަރލް ސްކައުޓް“ ލޭބަލް ޖަހާފައިވާ ބެޖުތަކާއި، ރަމަޟާން މަހާއި ޙައްޖުގެ އަޅުކަމާ ގުޅޭ ބެޖުތަކުގެ ފޮޓޯތައް ހިމަނާފައިވެ އެވެ.
ވިންޓަރސް ބުނެފައިވާ ގޮތުގައި ސެކްރަމެންޓޯ، ނޭޕަވިލް، ލޯންގް އައިލެންޑް، ވާޖިނިއާ، މޭރީލޭންޑް، ބްރޫކްލިން އަދި ސެން ޑިއޭގޯ ފަދަ ސަރަޙައްދުތަކުގައި މިސްކިތްތައް މެދުވެރިކޮށް ހިންގާ ޕްރޮގްރާމްތަކުގައި ނަމާދުކުރުމާއި، ބުރުގާ އެޅުމުގެ ޤަވާޢިދުތަކާއި، ރަމަޟާން މަހުގެ ކަންކަމާއި، އިސްލާމީ ތަޢުލީމު ގަރ ލްސްކައުޓް ޙަރަކާތުގެ ތެރެއަށް ވަނީ މަސްހުނިކޮށްފަ އެވެ.
މިކަމާ ގުޅިގެން ޖީ.އެސް.ޔޫ.އެސް.އޭ އިން ބުނެފައިވަނީ އެއީ ވަކި ދީނީ ޖަމްޢިއްޔާއެއް ނޫން ކަމަށާއި، އެ ޖަމްޢިއްޔާގެ ރަސްމީ ޕްރޮގްރާމްތަކުގައި ދީނީ އުނގަންނައިދިނުންތައް ހިމަނާފައި ނުވާނެ ކަމަށެވެ. އަދި އެ ޖަމްޢިއްޔާއަކީ ހުރިހާ ދީނެއްގެ ކުދިންނަށްވެސް މަރުޙަބާ ކިޔާ ތަނެއް ކަމަށް ބުނެފައިވެ އެވެ.
”ދީނީ ކަންކަމާ ގުޅޭގޮތުން ބޭނުންކުރާ ބެޖުތަކަކީ މިނިވަން ޖަމްޢިއްޔާތަކުން ތައްޔާރުކުރާ އެއްޗެއް، އެއީ ގަރލް ސްކައުޓް އޮފް ދަ ޔޫއެސްއޭ އިން ތައްޔާރުކުރާ އެއްޗެއް ނޫން،“ އެ ޖަމްޢިއްޔާއިން އެކްސްގައި ހާމަކޮށްފައިވެ އެވެ.
މީގެ އިތުރުން، އެ ޖަމްޢިއްޔާގެ ”މައި ޕްރޮމިސް، މައި ފެއިތު“ ޕިން މެދުވެރިކޮށް، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ އަމިއްލަ ދީނީ އަގުތަކާއި ގަރލް ސްކައުޓް އުޞޫލުތަކާ ގުޅުވައިލުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެ އެވެ.
އޮންލައިންކޮށް ދައުރުވަމުންދާ އިސްލާމީ ބެޖުތަކަކީ ”އިސްލާމިކް ކޮމިޓީ އޮން ގާލް ސުކައުޓިންގް“ އިން ތައްޔާރުކޮށްފައިވާ ބެޖުތަކެކެވެ. މިއީ ޖީ.އެސް.ޔޫ.އެސް.އޭ އިން ބަލައިގަންނަ، އަމިއްލަ ޕްރޮގްރާމްތައް ހިންގާ 29 މިނިވަން ދީނީ ޖަމްޢިއްޔާގެ ތެރެއިން އެއް ޖަމްޢިއްޔާ އެވެ.
އެހެން ޖަމްޢިއްޔާތަކުގެ ތެރޭގައި ބުދުދީނާއި، ޔަހޫދީ ދީނާއި، ނަޞާރާ ދީން ފަދަ އެކި ދީންތަކަށް ނިސްބަތްވާ ޖަމްޢިއްޔާތައް ހިމެނެއެވެ.
ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން ވަނީ ޖީ.އެސް.ޔޫ.އެސް.އޭގެ ނިންމުމަށް ތާޢީދުކޮށް، މުސްލިމް ކުދިން ހިމެނޭހެން ހުރިހާ ދީނެއްގެ ކުދިންނަށް ފުރުޞަތު ދޭތީ އެ ޖަމްޢިއްޔާއަށް ޝުކުރު އަދާކޮށްފަ އެވެ.
”މުސްލިމް ކުދިން ގަރލް ސްކައުޓް ޙަރަކާތްތަކުގައި ބައިވެރިވުމާ ގުޅިގެން ނުރުހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަކީ ކުދިންގެ މަޞްލަޙަތަށްވުރެ ބޮޑަށް، އަމިއްލަ ފިކުރީ އެޖެންޑާއެއް ކުރިއަރުވަން މަސައްކަތްކުރާ ބައެއް. އެމީހުން ދަނީ މުސްލިމް ޒުވާނުން ބޭނުންކޮށްގެން، ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި މުސްލިމުންނާ މެދު ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުން،“ ކެއަރ އިން އެކްސްގައި ލިޔެފައިވެ އެވެ.






