
މައުމޫންގެ ނިންމުމަކީ ހުދުމުހުތާރު ނިންމުމެއް ކަމަށް ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ބުނެފި
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް މަގާމުން ދުރުކުރަން އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިއަދު ނިންމެވި ނިންމެވުމަކީ ހުދުމުހުތާރު ނިންމުމެއް ކަމަށް ޒުވާނުންގެ ގޮފިން ބުނެފިއެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފިކަމަށްވާ ޕްރޮގްރަސިވް ޔޫތު އޮފް މޯލްޑިވްސް އިން މިހެން ބުނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ މި ދައްދަލުވުމުގައި ޕްރޮގްރަސިވް ޔޫތު އޮފް މޯލްޑިވްސް މެންބަރެއް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ ޕާޓީގެ އަސާސީ ޤަވައިދާއި ޕާޓީގެ ހިންގާ ޤަވައިދާއި ހިލާފަށް ޕާޓީގެ ރައީސް ނަމަވެސް އަދި އެހެން ބޭފުޅަކު ނަމަވެސް ނިންމަވާފައިއެވާ ނިންމެވުމަށް ދިވެހިބަހުން ކިޔާނީ ހުދުމުހުތާރު ނިންމެވުމެއް ކަމަށެވެ.
މިއަދު ޒުވާނުންގެ ގޮފީގެ ރައީސް ކަމުގެ މަގާމުން ދުރުކޮށްފައިވާ އެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު އެބޭފުޅާވެސް ވިދާޅުވީ ޕީޕީއެމް މިހާރު ހިނގަމުން ދަނީ ޕާޓީގެ އަސާސީ ޤަވައިދާއި ޕާޓީގެ ހިންގާ ޤަވައިދާއި ހިލާފަށްކަމަށެވެ.
ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕްރޮގްރަސިވް ޔޫތު އޮފް މޯލްޑިވްސް އިން ބުނީ އަބްދުލްރަހީމް އާއި ޒާހިދު ވެސް ކައުންސިލް މެންބަރުކަމުން ވަކިކުރެވިދާނެ ކަމަށް ގަބޫލުނުކުރާ ކަަމަށާއި އެކަން ކޮށްފައިވަނީ ޕާޓީގެ އަސާސީ ގައިވައިދާ ޚިލާފަށް ކަމަށެވެ.
ޕްރޮގްރަސިވް ޔޫތު އޮފް މޯލްޑިވްސް އިން މައުމޫންގެ މި ނިންމެވުމާއި މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.



