ވިޔާފާރީގެމައިދާނާއި ސިޔާސީ މައިދާނުގައިވެސް ވިއްކުމަށް ގެންގުޅެނީ ދާދި އެއްފާޑެއްގެ ހުނަރެކެވެ. ނުވަތަ އުކުޅުތަކެކެވެ. މިގޮތުން ގަތުމަށް ހުށަހެޅެނީ މައިގަނޑު ތިނެއްޗެކެވެ. އެއީ
- އުއްމީދު
- ބިރުވެރިކަން
- ލޯބި
ތިމާ ވިޔާފާރިއެއް ކުރުމަށްޓަކައި ފަށައިގަންނައިރު ގަންނަފަރާތްތަކަށް ނުވަތަ ބަލައިގަންނަ ފަރާތްތަކަށް ގަތުމަށް ހުށަހެޅޭ މުދާ ނުވަތަ ޚިދުމަތް ބިނާވަނީ މި ތިންވައްތަރުގެ ތެރެއިން ކޮންވައްތަރެއްގެ ޚިދުމަތެއް ނުވަތަ މުދަލަކަށްތޯ އެނގިފައި އޮތުމަކީ ކަސްޓަމަރުންގެ ސަމާލުކަމާއި ރުހުން ހޯދުމަށް ފަސޭހަވެގެންދާނެކަމެކެވެ. އެހެނީ ކަސްޓަމަރުންނާއި މުޢާމަލާތު ކުރުމުގެ އުޞޫލު ބިނާވަނީ ވިއްކާ ޚިދުމަތެއް ނުވަތަ މުދަލެއްގެ ވައްތަރަށެވެ.
- އުއްމީދު
އުއްމީދުގެ ގޮތުގައި ބެލެވޭ މުދަލާއި ޚިދުމަތަކީ އެޚިދުމަތެއް ނުވަތަ މުދަލެއް ލިބިގަތުމުން ކަސްޓަމަރަށް މަންފާތަކެއް ކުރާނެ ކަމަށް ދެކެވޭ އަދި އެކަމަށް އުއްމީދުކޮށް ލިބިގަންނަ ޚިދުމަތާއި މުދަލެވެ. މިވައްތަރުގެ މުދަލަކީ ޚިދުމަތާއި މުދަލުގެ އެންމެގިނަވައްތަރެވެ. މިސާލަކަށް؛-
- ކުނިއުކާލުމުގެ ޚިދުމަތް ( ޚިދުމަތް ލިބިގަންނަނީ އެކަން ވަރަށް ފަރުވާތެރިކަމާއި އެކުކޮށް ކުނިގިނަވުމުގެ މައްސަލަ ހައްލު ކުރުމުގެ އުއްމީދު ގައެވެ)
- ބޯކޮށުން –
- ގަހުކާނާ، އެކި މީރު ބުއިންތަކާއި ކެއުން ( ލިބިގަންނަނީ އެކަމުން ހިތްހަމަ ޖެހުން ލިބުމުގެ އުއްމީދުގައެވެ)
- ބިރުވެރިކަން
ބިރުވެރިކަން ވެރިވުމުގެ ސަބަބުން ލިބިގަންނަ މުދަލާއި ޚިދުމަތަކީ އެ ޚިދުމަތެއް ނުވަތަ މުދަލެއް ލިބިގަތުމަށް މަޖުބޫރުވެގެން ލިބިގަންނަ ޚިދުމަތާއި މުދަލެވެ. މިފަދަ ޚިދުމަތާއި މުދަލެއް އިސްތިހާރުކޮށް ކަސްޓަމަރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް އުއްމީދުގެ ތެރޭގައި ހިމެނޭ މުދަލާއި ޚިދުމަތް ވިއްކުމަށް ކުރަންޖެހޭ މުދަލާއި ޚިދުމަތާއި އެއްވަރަށް ކުރާކަށް ނުޖެހެއެވެ. މިސާލަކަށް:-
- ޤާނޫނީ ވަކީލުން ( ވަކީލުންގެ ޚިދުމަތް ލިބިގަންނަނީ ކަމަކާއި މެދު އުފެދޭ ބިރުވެރިކަމަކުން ސަލާމަތްވުމަށެވެ.)
- އޮޑިޓްކުރުން ( ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެކަމާއި މެދު ފިޔަވަޅު އަޅާފާނެ ކަމުގެ ބިރުވެރިކަން އަށަގަތުމުން)
- ބޭސް ( ބަލިމަޑުކަމުގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށް)
- ލޯބި
އެ މުދަލެއްނުވަތަ ޚިދުމަތެއް ލޯބިލިބިގެންވާ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ބަދަލުވަނީ އެ މުދަލެއް ނުވަތަ ޚިދުމަތެއްގެ ސަބަބުން ހިތްހަމަ ޖެހުން ލިބި ތިމާގެ މަޤްބޫލު އެއްޗަކަށް ވާހިސާބުންނެވެ. މިސާކަލަށް
- ކޮކާކޯލާ ( އުއްމީދު ކުރި ރަހަ ލިބުމުގެ ސަބަބުން އެ ބުއިން އެއީ ބުއިމަށް ލޯބިކުރާ ބުއިމަކަށް ބަދަލުވެއެވެ.)
- ވޯލްމާޓް ގެ ފިހާރަތައް ( އެފިހާރަތަކުން ދޭ ޚިދުމާއި މުދަލުގެ އަގާއި މެދު ހިތްހަމަ ޖެހި އެފިހާރަތަކަކީ ލޯބިލިބިގެންވާ ފިހާރަތަކެއް ކަމުގައި ބެލެވެއެވެ.)