
ދިރާގުގެ 30 އަހަރުގެ ކާމިޔާބީގެ ފަހަތުގައިވަނީ ހީވާގި، މަސައްކަތްތެރި މުވައްޒަފުން: އިސްމާޢިލް ރަޝީދު
ދިރާގުގެ 30 އަހަރުގެ ކާމިޔާބީގެ ފަހަތުގައިވަނީ އެ ކުންފުނީގެ ހީވާގި އަދި މަސައްކަތްތެރި މުވައްޒަފުންކަމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ޤައުމީ ޚިދުމަތުގައި 30 އަހަރު ހޭދުވުމާއިގުޅިގެން އޭނާ ވިދާޅުވީ ދިރާގުގެ މި 30 އަހަރުގެ ދިގު ޚިދުމަތުގައި ކަސްޓަމަރުންނާއި ޕާރޓްނަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރަށް ފަށް ފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
“ ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ޚިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން ނުހަނު އުފަލާއި އެކު ކުރަމުން އަންނަ ޤައުމީ މަސައްކަތެއް. ދިރާގުގެ މި 30 އަހަރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ ހީވާގި އަދި މަސައްކަތްތެރި މުވައްޒަފުން ކަން ކަށަވަރު“ އިސްމާޢިލް ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ފުރުޞަތުގައި ދިރާގަށް މަސައްކަތްކޮށްދެއްވި އަދި މަސައްކަތްކުރައްވަމުންގެންދާ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރުދަންނަވާ ކަމަށާއި ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށދިނުމުގައި އަބަދުވެސް ދެމިއޮތުން ކަމަށެވެ.