
ފްލައިމީގެ ޚިދުމަތަށް 5 އަހަރު. އަދިވެސް އޮތީ ކުރިއަށް..
ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަސޭހަކޮށްދިނުމަށް 1 އޮކްޓޯބަރ 2011 ގައި ވިލާ އެއަރ އިންފެށި ފްލައިމީގެ ޚިދުމަތަށް މިވަނީ 5 އަހަރު ފުރިފައެވެ.
އެހެންކަމުން އެ ކުންފުނިން އަންނަނީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތަފާތު އެކި ހަރަކާތްތައް ރާވާ ހިންގަމުންނެވެ.
އެގޮތުން މި އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު ފްލައިމީ އިންވަނީ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓު މާމިގިލީގައި ވަރަށ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ފްލައިމީގެ މެނޭޖިންގ ޑިރެކްޓަރ ރިޟްވާން ޝަރީފް އާއި ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާރގެ ޖެނެރަލް މެނޭޖަރ ޑރ. ޢަބްދުﷲ މައުސޫމް އަދި ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް މާމިގިލީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ މުޙައްމަދު ފިކްރީ ވަނީ ފަސިންޖަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
އެ ކުންފުނިން ބުނީ ޚިދުމަތަށް ފަސް އަހަރު ފުރުން ފާހަގަ ކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި މިފަދަ ވަރަށް ގިނަ ހަރަކާތްތަތާއި ޕްރޮމޯޝަންތައް ފެނިގެންދާނެ ކަމަށެވެ.
ފްލައިމީގެ މައިބަދައަކީ މިކުންފުނީގެ މުވައްޒަފުން ކަމަށްވާތީ އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެގޮތުންނާއި މުއައްޒަފުންގެ ޙިއްޞާ ފުޅާކުރުމަށް މުއައްޒަފުންގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވާ ލޯގޯ ކުރެހުމުގެ މުބާރާތް މިއަހަރުވެސް ވަނީ ބާއްވާފައެވެ.
އަދި މި އޮކްޓޯބަރ މަހުގެ ކޮންމެ ހަފުތާއަކުވެސް ފްލައިމީގެ ޑެސްޓިނޭޝަނަކަށް ދެކޮޅު ޓިކެޓު ލިބުމުގެ ފުރުޞަތު #FlymeFive ގެ ސޯޝަލް މީޑިއާގައި ބައިވެރިވާ ނަޞީބުވެރި ފަރާތްތަކަށް ލިބޭނެއެވެ. އަދި އޮކްޓޯބަރ މަހު ފްލައިމީގައި ދަތުރުކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 5 ފަރާތަކަށް ފްލައިމީ ޕްރިވިލެޖު ކާޑެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ފްލައިމީގެ ދަތުރުތަކުގައި މިވަގުތު އޮޕަރޭޓް ކުރަނީ 68 މީހުންގެ ޖާގައިގެ ATR 72-500 މަރުކާގެ 2 އެއަރ ކްރާފްޓެވެ. ރާއްޖޭގެ ގިނަ މަންޒިލުތަކަށް ދަތުރުކުރަމުން އައި ފްލައިމީގެ ދަތުރުތައް މިވަގުތު ކުރަނީ މާމިގިއްޔަށާއި ބ. ދަރަވަންދޫއަށް އެކަންޏެވެ.
ހަމަމިއާއެކު ސީޕްލޭން ނުވަތަ ކަނޑަށް ޖައްސާ މަތިންދާ ބޯޓުގެ ވިޔަފާރިއަށްވެސް ފްލައިމީ ވަދެ، 7 މީހުންގެ ޖާގައިގެ Cessna Carvan C208 ގެ ސީ ޕްލޭން މިވަގުތު ބޭނުން ކުރަމުން އަންނަނީ އަރިއަތޮޅުގައި ފަތުރުވެރިންގެ ޚާއްޞަ އިވެންޓުތަކުގައި ފޮޓޯ ނެގުމަށެވެ.
ފްލައިމީގެ އަމާޒަކީ ތަރައްޤީވެ ފުޅާވަމުން އަންނަ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި ފަތުރުވެރިންނަށާއި ދިވެހި ރައްޔިތުންނަށް ރައްކާތެރި، އަގުހެޔޮ، އަދި ރަނގަޅު ޚިދުމަތެއް ދިނުމުގައި ދެމިއޮތުމެވެ. އެހެންކަމުން ފްލައިމީގެ ފްލީޓް ފުޅާކޮށް ރާއްޖޭގެ އެކި އެކި ކަންކޮޅުތަކަށް ދަތުރުތައް އިތުރުކުރުމަކީ ފްލައިމީގެ އެންމެ ބޮޑު އަމާޒެވެ.
އޭވިއޭޝަން ދާއިރާ މެދުވެރިކޮށް ރާއްޖޭގެ އިޤްތިޞާދު ދުޅަހެޔޮކުރުމުގައި ފްލައިމީން އިސްކަމެއް ދޭނެ ކަމަށާއި އެންމެ ރަނގަޅު ޚިދުމަތެއް ދިނުމުގައި އެންމެ ކުރީގައި ފްލައިމީ ދެމި އޮންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފްލައިމީގެ ޗެއަރމަން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ، ވިލާ ގްރޫޕުގެ ބާނީ ޤާސިމް އިބްރާހިމް އެވެ.