ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގާ މީހަކަށް އިންޓަރނެޓް މެދުވެރިކޮށް ކުޑަ ފިރިހެންދަރިފުޅު ވިއްކާލި ޖަރުމަނު އަންހެނަކާއި އޭނާގެ ބައިވެރިޔާ، 12 އަހަރާއި 6 މަހަށް ޖަލަށް ލުމަށް ޖަރުމަނުގެ ކޯޓަކުން ހޯމަ ދުވަހު ޙުކުމް ކޮށްފިއެވެ.
ފްރީބާގްގެ ކޯޓުން އަންހެންމީހާގެ ބައިވެރިޔާ (ކުއްޖާގެ ދޮންބައްޕަ) ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ 12 އަހަރަށެވެ. ޖޫން މަހު ޝަރީއަތް ފެށުނު އިރު ކުއްޖާގެ އުމުރަކީ އެންމެ 9 އަހަރެވެ.
ބެރިން ޓީ، 48، އާއި ކްރިސްޝަން އެލް، 39، އަކީ ފްރީބާގް ކައިރީ ހިސާބެއް ކަމަށްވާ ސްޓާފެންގައި ދިރިއުޅޭ ޖަރުމަނުގެ 2 ރައްޔިތުންނެވެ.
މީގެ އިތުރުން އެ ކުޑަ ފިރިހެން ކުއްޖާއަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ސްޕޭންގެ ފިރިހެނަކުވެސް 10 އަހަރަށް ޖަލަށް ލުމަށް ހޯމަ ދުވަހު ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އަދި އެ ތުޙުމަތާއި ގުޅުން ހުރި އިތުރު 5 ފިރިހެނަކު ވެސް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.
ޖަރުމަނުގެ ދެމަފިރިންގެ މައްޗަށް ކޮށްފައި ވަނީ ރޭޕްއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް މަގުފަހު ކުރުމާއި، ހަށި ވިއްކުމަށް މަޖުބޫރު ކުރުވުމާއި އަދި ކުޑަކުދިންގެ އޮރިޔާންކާޑު ވިއްކުމުގެ ދަޢުވާއެވެ.
މި މައްސަލައިގެ ތަހުގީގުގައި އެ ދެމަފިރިން ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވެސް ވަނީ ސާބިތު ވެފައެވެ.
އެ ކުއްޖާ މިހާރު ދިރިއުޅެމުން ދަނީ ފޮސްޓަރ ޕޭރަންޓެއްގެ ބެލުމުގެ ދަށުގައެވެ.
ކޯޓުން ވަނީ ދެމަފިރިންގެ ފަރާތުން ކުއްޖާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ ކުއްޖާއަށް 42،600 ޔޫރޯ ދިނުމަށް ވެސް އަމުރު ކޮށްފައެވެ. މީގެ އިތުރުން އެ ދެމަފިރިންގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވި 3 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ ކުއްޖާއަށް ވެސް 42،500 ޔޫރޯ ދިނުމަށް ވަނީ އަމުރު ކޮށްފައެވެ.
ޖަރުމަނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ކުދިންނަށް ދެމަފިރިންގެ ފަރާތުން މިފަދަ އަނިޔާތައް ލިބިފައި މި ވަނީ ކުޑަކުދިންގެ ވެލްފެއާއިން ވެސް ފަރުވާކުޑަ ކުރުމާއި ގުޅިގެންނެވެ. އަދި މީގެ ކުރިން ދެމަފިރިންގެ އަތުން ކުއްޖާ ވަގުތީގޮތުން އަތުލާފައިވާ ކަމަށާއި، ނަމަވެސް ފަހުން އެ ދެމަފިރިންނާއި ކުއްޖާ އަލުން ހަވާލު ކުރުން އެއީ ސަރުކާރުން ކުއްޖާއާއި މެދު ފަރުވާ ކުޑަ ކުރުން ކަމުގައި ބުނެ މީޑީއާތަކުގައި ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.