ޚަބަރު ފީތާ

ޙުކުމް ތަންފީޛުކުރަމުންދާ ބައެއް މީހުންނަށް އަދަބު ލުއިކޮށްދެއްވުމަށް ރައީސް ޔާމީން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް: ފައިލް ފޮޓޯ

ޙުކުމް ތަންފީޛުކުރަމުންދާ ބައެއް މީހުންނަށް އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައެވެ. އަދި އަދަބު ލުއިކޮށްދިނުމަށް ނިންމެވީ މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނަށެވެ.

އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން ޙުކުމް ތަންފީޛުކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ޚާއްޞަ ޝަރުތުތަކަކާއިއެކުގައެވެ.

މިގޮތުން އަދަބު ‏‏ލުއިކޮށްދެއްވާފައިވާ މީހަކު، ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އެމީހަކަށް ‏‏އަދަބު ލުއިކޮށްދިންދިނުން ބާޠިލުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އެމީހަކަށް އަދަބު ލުއިކޮށްދެއްވުމުގެ ކުރިން އެމީހަކު ހުރި ޙާލަތަށް ރުޖޫޢަވެގެންދާނެ ކަމަށާއި ‏‏އަދަބު ލުއިކޮށްދެއްވި ޙުކުމުގެ ތަންފީޛުނުވެ ބާކީ އޮތް މުއްދަތު ތަންފީޛު ކުރަންޖެހޭނެ ކަމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވެއެވެ.

އެހެންނަމަވެސް ޖިނާއީ ޙުކުމެއްގެ ދަށުން އަދަބު ‏‏ކަނޑައެޅިފައިވާ މީހުންގެ އަދަބު ލުއިކޮށްދެއްވި ކަމުގައިވީނަމަވެސް،
އެ މީހެއްގެ މައްޗަށް ‏‏ކުރެވުނު ޙުކުމުގައި ފައިސާ އަނބުރާ އަދާކުރުމަށް އިލްތިޒާމެއް އޮތް ކަމުގައިވާނަމަ، އެ ‏‏އިލްތިޒާމަކަށް ލުޔެއް ދެއްވާފައެއް ނުވެއެވެ. ‏

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޓެރަރިޒަމްގެ ކުށާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް ތަންފީޛުކުރަމުންދާ ނުވަތަ ކުރަންޖެހިފައިވާ މީހުން ހިމެނިފައިނުވެއެވެ.

 

Rate this post