ވޯލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ފްރާންްސްއާ ދެކޮޅަށް ބެލްޖިއަމް މިރޭ ނުުކުންނައިރު، އެޓީމު އޮތީވަރަށް ރަނގަޅު ފޯމެއްގައެވެ. މިހާތަނަށް މެޗަކުން ބަލިނުވެ މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފައިވާ ބެލްޖިއަމް މިރޭގެ ސެމީފައިނަލާ ކުރިމަތިލާއިރު މިރޭގެ މެޗާއިމެދު އުންމީދުތަކެއް ކުރާނެކަމީޔަގީން ކަމެކެވެ. މިރޭގެ މެޗާއި ބެހޭގޮތުން ބެލްޖިއަމްގެ ކޯޗު ވަނީ ރަނގަޅު ނަސޭހަތެއްވެސް ކުޅުންތެރިންނަށް ދީފައެވެ.
ކޯޗު ބުނެފައިވަނީ ”ބިރަކާ ނުލައި“ ފްރާންސްއާއި ދެކޮޅަށް ކުޅުމަށެވެ. ބިރަކާއިނުލާ ކުޅެފިނަމަ ކާމިޔާބީއަށް ދެވޭނެ ކަމާއި މެދު ކޯޗު ޔަގީންކުރެއެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ބެލްޖިއަމް އަންނަނީ މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމު ދައްކަމުންއައި ކުޅުމާއި ވިދިގެން ބެލްޖިއަމްގެ ”ރަން ޖީލު“ގެ ގޮތުގައި ޓީމަށް ވަނީ ނަންވެސް ދީފައެވެ.
ކޯޗު މާޓިނޭޒް ބެލްޖިއަމްގެ ޓީމަށް މި ނަން ދީފައިވަނީ މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލްއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި އެ ޓީމުން ދެއްކި ކުޅުމާއި ގުޅިގެންނެވެ. ކޯޗު މާޓިނޭޒް ވަނީ އެޓީމަށް ވަރަށްބޮޑަށް ތައުރީފުގެ ބައްސަތައްވެސް ރައްދުކޮށްފައެވެ.
ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑެބްރޮއިނާ ބުނީ މި މެޗަށް ނުކުންނައިރު ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.
ޑެބްރައިނާ ބުނީ ދެޓީމުވެސް ސެމީއާ ހަމައަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަމަށެވެ. އަދި ދެޓީމަކީވެސް މޮޅު ކުޅުންތެރިންތަކެއް ތިބި ދެޓީމު ކަމަށްވެސް އޭނާ ބުންޏެވެ. މިރޭގެ މެޗަށް ނުކުންނައިރު ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް މުނިއޭ ވަނީ ރީންދޫ ދެކާޑް ހަމަވުމާއި ގުޅިގެން ސަސްޕެންޑްވެފަ އެވެ. މިރޭގެ މެޗުގައި އޭނާ ނުފެންނާނެއެވެ.
ފްރާންސްގެ ޓީމަށް ބަލާއިރު، ސަސްޕެންޝަނަށް ފަހު މިޑްފީލްޑަރ ބްލައިސް މަޓުއީޑީ އަށް މިރޭގެ މެޗުގައި ކުޅެވޭއިރު، ފްރާންސްގެ ޓީމަށް މާބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.
ފްރާންސްގެ ޑިފެންޑަރ ރަފައެލް ވަރާން ބުނީ ބެލްޖިއަމްގެ އެޓޭކް ވަރަށް ވަރުގަދަ ކަމަށާއި ބެލްޖިއަމްގެ ވަކިވަކި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ.
އެގޮތުން ބެލްޖިއަމްގެ ރޮމެއޫ ލުކާކާ އަކީ ފިސިކަލީ ގޮތުން ވަރުގަދަ ނުރައްކާތެރި ފޯވަޑެއްކަމަށާއި ކޮންމެ ޑިފެންޑަރަކަށް ވެސް ލުކާކޫއާ ދެކޮޅަށް ކުޅުމަކީ އުނދަގޫކަމެއްކަމަށް ވެރާން ބުންޏެވެ. ހަމަ އެގޮތަށް އެޑެން ހަޒާޑަކީ ވެސް މޮޅު ކުޅުންތެރިއެއްކަމަށާއި ޖާގަ ދީފިއްޔާ ހަޒާޑް އިދިކޮޅު ޓީމުގެ ގޯލް ފޫއަޅުވާނެކަމަށްވެސް ވަރާން ބުންޏެވެ. މީގެ ކުރިން މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ހަ ފަހަރު ވާދަކޮށްފައިވާ ފްރާންސް މިރޭ ނިކުންނައިރު އެޓީމުގައި ވެސް މައްސަލަތަކެއް ނެތެކެވެ. އަނިޔާގެ މައްސައެއްވެސް އަދި ސަސްޕެންސަނުގެ މައްސަލައެއްވެސް ނެތެވެ.
ފްރާންސް އަދި ބެލްޖިއަމް އަކީ މީގެ ކުރިން ގިނަ މެޗުތަކުގައި ބައްދަލުކޮށްފައިވާ ދެޓީމެވެ. އެގޮތުން މި ދެ ޓީމު މިހާތަނަށް ހަތް ފަހަރު ބައްދަލުކޮށްފައިވާއިރު، މިއީ ފީފާ ވޯލްޑްކަޕުގައި މި ދެޓީމު ބައްދަލުކުރާ ދެވަނަ ފުރަތަމަ ފަހަރެވެ.