ޚަބަރު ފީތާ

ވޯލްޑްކަޕް 2018: ޕޯޗުގަލް – އިރާން

 

މިރޭ އީރާން އަދި ޕޯޗުގަލް ބައްދަލުކުރާ މެޗަކީ ގިނަބަޔަކު ޝައުގުވެރިވާނެ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. މި ގްރޫޕުގެ އެއްވެސް ޓީމަކަށް ދެވަނަ ބުރު ޔަގީންވެފައި ނުވާއިރު، މިރޭގެ މެޗުތަކުން ދެވަނަ ބުރަށްދާ ޓީމުތަށް އެނގި ޔަގީންވާނެއެވެ.

މިރޭގެ މެޗަށް ކުރިމަތިލާއިރު، ގުރޫޕް ބީ އިން މި ދެ ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އަދި އެބައޮތެވެ. ޕޯޗުގަލް އަަތުން މޮޅުވެއްޖެ ނަަމަ، އީރާނަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އީރާން މޮޅުވެ، މި ގުރޫޕްގައި މިރޭ ސްޕެއިން އާއި މޮރޮކޯ ބައްދަލުކުރާ މެޗުން ސްޕެއިން މޮޅުނުވެއްޖެ ނަމަ، އީރާނަށް ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ. ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕޯޗުގަލް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް ސްޓޭޖުގައި މިހާތަނަށް ޕޯޗުގަލް ދެމެޗު ކުޅެފައިވާއިރު، އޭގެތެރެއިން މޮޅުވެފައިވަނީ އެއްމެޗުންނެވެ. އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. އީރާން ވެސް ދެމެޗު ކުޅެފައިވާއިރު، އެއްމެޗުންވަނީ މޮޅުވެފައެވެ. ދެވަނަ މެޗުން ވަނީ ބަލިވެފައެވެ.

އެހެން ކަމުން މިވަގުތު ޕޯޗުގަލްއަށް 2 މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު، އީރާނަށް ދެމެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. ސްޕެއިންއަށްވެސް ލިބިފައިވަނީ ދެ މެޗުން 4 ޕޮއިންޓެވެ. ގުރޫޕްގެ ފަހު މެޗަށް ނުކުންނައިރު، އީރާނަށް އަމިއްލަ ބާރާއެކު އެކަން ހާސިލްކުރުމުގެ ފުުރުސަތު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައި އޮތީ މުބާރާތުން ކަޓާފައިވާ މޮރޮކޯ އެވެ.

ޕޯޗުގަލް މިރޭ އިރާންއާ ދެކޮޅަށް ނިކުންނައިރު، އީރާންގެ ކޯޗަކަށް ހުރީ ޕޯޗުގަލް އަށް ނިސްބަތްވާ ކާލޮސް ކުއެރޯޒް އެވެ. ދެހާސް ދިހަ ވަނަ އަހަރު ސައުތް އެފްރިކާގައި އޮތް ވޯލްޑް ކަޕްގައި ޕޯޗުގަލް ދެވަނަ ބުރުން ޖާގަ ހޯދިއިރު، އެ ޓީމަށް އިރުޝާދު ދިނީ ކުއެރޯޒް އެވެ. ކުއެރޯޒް އަކީ ޕޯޗުގަލްގެ ކުޅުންތެރިންނާއި، އެ ޓީމުގެ ކުޅުން ވަރަށް ރަނގަޅަށް ދަންނާނެ ކޯޗެކެވެ. އެހެންކަމުން އީރާންގެ ޓީމު މިރޭގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ބެލެވެ އެވެ.

މިއީ އީރާނާއި ޕޯޗުގަލް ވޯލްޑް ކަޕްގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ. ޖަރުމަންގައި 2006 ވަަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ޕޯޗުގަލް ވަނީ އީރާން އަތުން 2-0 އިން މޮޅުވެފަ އެވެ. މީގެ ކުރިން މި ދެޓީމު ވަނީ އެކުވެރިކމުގެ މެޗެއްގައިވެސް ބައްދަލުކޮށްފައިވެއެވެ. އެމެޗުންވެސް 0-3 ގެ ނަތީޖާއިން ކުރިހޯދާފައިވަނީ ޕޯޗުގަލްއެވެ.

 

Rate this post