އައި.އެސް.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރި މަސައްކަތްތަކަކީ ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތުގެ ގޯތިތެރޭގައި ހުރި 3 އިމާރަތް ތަޅާލުމާއި، އުކާލަންޖެހޭ ތަކެތި އުކާލައި، ރައްކާކުރަންޖެހޭ ތަކެތި މި މިނިސްޓްރީން ދައްކާ ތަނެއްގައި ރައްކާކޮށްދީ ބިން ސާފުކުރުމެވެ.
އެއް މިލިއަން ހަތަރު ލައްކަ ނުވަދިހަ ހަތަރު ހާސް ހަ ސަތޭކަ ރުފިޔާ އަށް މި ޢިމާރާތުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމުމަށް ސޮއިކުރި މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙިމް އިސްމާއިލް ޢަލީއެވެ. އައި.އެސް.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ހުސެއިން ފިޔާޒްއެވެ.
2016 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ އިން ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ތިންސަތޭކަ ފަންސާސް ނުވަ މިލިޔަން ހަތް ލައްކަ ވިހި ހާސް އެއްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާއެވެ.
މިއަދު ސޮއިކުރި ޕްރޮޖެކްޓާއިއެކު ޕީ.އެސް.އައި.ޕީގެ ތެރެއިން މިހާރު ޖުމްލަ 49 ޕްރޮޖެކްޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ 319 ކްލާސްރޫމް، 12 ހޯލް، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 23 އުމްރާނީ ވަސީލަތްތަކުގެ މަސައްކަތެވެ. މި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 316 މިލިއަން ރުފިޔާއެވެ.
އަދި ޖުމްލަ 22 ޕްރޮޖެކްޓެއް އިއުލާންކޮށް އެވޯޑްކުރުމުގެ މަސައްކަތް ކުރިޔަށްދާ އިރު، އޭގެ ތެރޭގައި 153 ކްލާސްރޫމާއި 7 ހޯލް، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 24 އުމްރާނީ ވަސީލަތް ހިމެނެއެވެ. މި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 80.2 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި މިއަހަރުގެ މިހާތަނަށް ކުރެވިފައިވާ ބޮޑެތި މަރާމާތުތަކަށާއި އަލަށް ހުއްދަދެވުނު މަރާމާތުގެ މަސައްކަތްތަކަށާއި އަޕްގްރޭޑިންގގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 28.2 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.