މިހާރު ރަޝިއާގައި ފަށައިގެން ކުރިޔަށްދާ 21 ވަނަ ފީފާ ވޯލްޑް ކަޕުގެ ގުރޫޕް ”ސީ“ ގެ މެޗުތަކުގެ ކުޅުން މިއަދު ފެށޭއިރު، އެންމެ ފުރަތަމަ މި ގުރޫޕުން ވާދަކުރާނީ ފްރާންސްއާއި އޮސްޓްރޭލިއާއެވެ. މި ދެޓީމަކީވެސް ވޯލްޑްކަޕުގެ ތަޖުރިބާ ހުރި ގިނަ ވޯލްޑް ކަޕުތަކުގައި ވާދަކޮށްފައިވާ ދެ ގައުމުކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ފްރާންސްގެ ޓީމަށް ބަލާލާއިރު،
ފްރާންސަކީ ޔޫރަޕްގެ ފުުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގަދަ ބާރެކެވެ. ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. ވޯލްޑް ކަޕެއްގައި ފްރާންސަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެ އަހަރުގެ މުބާރާތް އޮތީ ފްރާންސްގަ އެވެ. ފްރާންސް ތަށި ހޯދީ ފައިނަލްގައި ވަރުގަދަ ބްރެޒިލް ބަލިކުރުމަށް ފަހު އެވެ.
ފްރާންސް ވަނީ 2006ގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު ފައިނަލްގައި އެޓީމު ވަނީ އިޓަލީ އަތުން ބަލިވެފަ އެވެ. ފްރާންސަކީ 1998 ވަނަ އަހަރުން ފެށިގެން ގަވައިދުން ވޯލްްޑް ކަޕްގައި ވާދަކުރަމުން އަންނަ ގައުމެކެވެ. މިއީ ފްރާންސް ވޯލްޑް ކަޕްގައި ވާދަކުރާ 15 ވަަނަ ފަހަރެވެ.
މިފަހަރުގެ ވޯލްޑްކަޕަށް ފްރާންސް ކޮލިފައިވި ގޮތަށް ބަލާއިރު، ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގައި ފްރާންސް ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ފްރާންސް ގުރޫޕްގެ އެއްވަނަ ހޯދީ 23 ޕޮއިންޓާ އެކު އެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ސްވިޑަން އަށް ލިބުނީ 19 ޕޮއިންޓެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު 10 މެޗުގައި އެ ޓީމުން 18 ލަނޑު ޖެހި އެވެ. ބައިކޮޅަށް ވަނީ ހަ ލަނޑެވެ.
ފްރާންސް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެޓީމަކީ ވެސް ތަރިންގެ ޓީމެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ތަރިންގެ ތެރޭގައި އެންޓޯނިއޯ ގްރީޒްމަން ، ޕޯލް ޕޮގްބާ ، އޮލިވިއާ ގީރޫޑް، ގޯލް ކީޕަރު ހޫގޯ ލޮރިސް ހިމެނެއެވެ.
ހޫގޯ ލޮރިސް އަކީ ފްރާންސް ޓީމުގެ ކެޕްޓަނެވެ. ތަޖުރިބާކާރު ގޯލްކީޕަރެކެވެ. އުމުރުން 31 އަހަރުގެ ލޮރިސް ގައުމީ ޓީމަށް ކުޅެން ފެށީ 2008 ގަ އެވެ. ލޮރިސް ވަނީ 2010 އަދި 2014ގެ ވޯލްޑް ކަޕާއި 2012 އަދި 2016ގެ ޔޫރޯގައި ފްރާންސްގެ ގޯލު ބަަަލަހައްޓައިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ލޮރިސް އަކީ މި ވަގުތު ފްރާންސްގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ލޮރިސްގެ މުހިންމުކަން ފްރާންސަށް ބޮޑުވާނެ އެެެވެ.
ފްރާންސް ހިމެނޭ ގްރޫޕް ”ސީ“ ގެ ފޭވަރިޓަކީ ހަމަ ޔަގީނުން ވެސް ފްރާންސް އެވެ. މި ގުރޫޕްގައި ދެން އޮތީ ޕެރޫ އާއި ޑެންމާކް އަދި އޮސްޓްރޭލިއާ އެވެ. ފްރާންސް އަށް އެންމެ ބޮޑު ވާދައެއް ކުރާނެ ކަމަށް ބެލެެވެނީ ޑެންމާކެވެ. ނިސްބަތުން މިއީ ފްރާންސަށް ފަސޭހަ ގުރޫޕެކޭ ބުނެވިދާނެ އެވެ.
އޮސްޓްރޭލިއާގެ ޓީމަށް ބަލާލާއިރު،
އޮސްޓްރޭލިއާ އަކީ އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ މެމްބަރެކެވެ. އޯޝޭނިއާ ސަރަައްދުގައި ވާދަވެރިކަމެއް ނެތުމާއި، އޮސްޓްރޭލިއާގެ ފުޓްބޯޅަ އިތުރަށް ކުރެއެރުވުމުގެ ގޮތުން އޭއެފްސީއާ ގުޅުނީ 2006 ވަނަ އަހަރެވެ.
އޮސްޓްރޭލިއާ އިން ވަނީ 2006 އިން ފެށިގެން ގަވައިދުން ވޯލްޑް ކަޕްގައި ވާދަކޮށްފަ އެެވެ. އެ އަހަރުގެ ކުރިން އޮސްޓްރޭލިއާ ވޯލްޑް ކަޕްގައި ވާދަކުރީ ހަމައެކަނި 1974 ގެ މުބާރާތުގަ އެވެ. އޮސްޓްރޭލިއާ އަށް ވޯލްޑް ކަޕެއްގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގައި ދެ ވަނަ ބުރަށް ދިއުމެވެ. އޮސްޓްރޭލިއާ އިން ވަނީ 2015 ގައި އަމިއްލަ ގައުމުގައި އޮތް އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެެވެ.
މިފަހަރުގެ ވޯލްޑްކަޕަށް އޮސްޓްރޭލިއާ ކޮލިފައިވިގޮތަށް ބަލާއިރު، އޭޝިއާގެ ކޮލިފައިންގެ ތިން ވަނަ ބުރުގެ ގުރޫޕް ބީގައި އޮސްޓްރޭލިއާ އަށް ލިބުނީ ތިން ވަނަ އެވެ. އެެހެންކަމުން އޮސްޓްރޭލިއާ އަށް ޖެހުނީ ކޮލިފައިންގެ ފަސް ވަނަ މަގާމު ލިބޭ ޓީމު ކަނޑައެޅުމަށް ކުޅުނު ޕްލޭއޮފް މެޗުގައި ވާދަކުރާށެވެ. މި ގުރޫޕްގެ ދެވަނައިގައި އޮތް ސައޫދީ އަރަބިއްޔާ އާއި އޮސްޓްރޭލިއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް، ފައިދާ ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ ސައުދީ އަރަބިއްޔާއަށެވެ. ޕްލޭއޮފްގައި އޮސްޓްރޭލިއާ ވަނީ ސީރިއާގެ މައްޗަށް ކުރި ހޯދައި، އިންޓަ ކޮންފެޑަރޭޝަން ޕްލޭއޮފް އަށް ދަތުރުކޮށްފަ އެވެ. އެ ޕްލޭއޮފް މެޗުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުތީ އުތުރު އެމެރިކާ ސަރަހައްދުގެ ހޮންޑޫރަސް އެވެ. ހޮންޑޫރަސްގައި ކުޅުނު ފުރަތަަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުން އޮސްޓްރޭލިއާ 3-1 އިން މޮޅުވި އެވެ.
އޮސްޓްރޭލިއާ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންނަށް ބަލާއިރު، ޓިމް ކޭހިލް އަދި މިލް ޔެޑިނަކް ފާހަގަކޮށްލެވެއެވެ. މި ދެ ކުޅުންތެރިންނަކީވެސް ވަރަށް ތަޖުރިބާކާރު ދެ ކުޅުންތެރިންނެވެ.
ޓިމް ކޭހިލް އަކީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މަސައްކަތުގެ ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކޭހިލް ،38، އަކީ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އޮސްޓްރޭލިއާގެ ފުރަަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ. ތިން ވޯލްޑް ކަޕްގައި ކުޅެ، އޭނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ކުރިން އެވަޓަން އާއި ނިއު ޔޯކް ރެޑްބުލްސް އަށް ކުޅުނު ކޭހިލް މި ވަގުތު ހުރީ ކްލަބެއް ނެތި އެވެ. އެކަމަކު އޭނާ އަކީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ.
އަދި އޮސްޓްރޭލިއާގެ ކެޕްޓަން މިލް ޔެޑިނަކް އަކީ އެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އޮސްޓްރޭލިއާގެ ގައުމީ ޓީމާ އެކު ޔެޑިނަކް ވަނީ ދެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި 2015 ވަނަ އަހަރު އޮސްްޓްރޭލިއާ އިން އޭޝިއަން ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގެ ކެޕްޓަންކަން ކުރީ ވެސް އޭނާ އެވެ. ޔެޑިނަކް އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ވިދާލި ކުޅުންތެރިއެކެވެ. ކްރިސްޓަލް ޕެލެސްގައި ޔެޑިނަކް ފަސް ސީޒަން ހޭދަކުރި އެވެ. މިހާރު އޭނާ ކުޅެމުން އަންނަނީ އެސްޓަން ވިލާއަށެވެ.
އޮސްޓްރޭލިއާ ހިމެނޭ ގުުރޫޕް ސީގެ ފޭވަރިޓުންނަކީ ފްރާންސް އެވެ. މި ގުރޫޕްގައި ދެން އޮތީ ޕެރޫ އާއި ޑެންމާކެވެ. މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ހޯދާނެ ކަމަށް ބެލެވެނީ ޑެންމާކެވެ. އެކަމަކު އޮސްޓްރޭލިއާ އަކީ ވެސް ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރެވިދާނެ ފެންވަރު ހުރި ގައުމެކެވެ.
ފްރާންސް އަދި އޮސްޓްރޭލިއާގެ ބައްދަލުކުރުންތަށް :
ފްރާންސް އަދި އޮސްޓޤރޭލިއާ މިހާތަނަށް ވޯލްޑްކަޕެއްގައި ބައްދަލުކޮށްފައި ނުވާއިރު، މި ދެޓީމަކީ މާ ބޮޑު ތާރީޚެއް އޮތް ދެ ޓީމެއް ނޫނެވެ. ވާދަވެރި މުބާރާތެއްގައި މި ދެޓީމު ކުޅެފައިވަނީ 2001 ވަނަ އަހަރު ބޭއްވުނު ފީފާ ކޮންފެޑެރޭޝަން ކަޕުގައެވެ. އެފަހަރު 0-1 ގެ ނަތީޖާއިން ފްރާންސްގެ މައްޗަށް ކުރިހޯދާފައިވަނީ އޮސްޓްރޭލިއާއިން ނެވެ. އޭގެ ފަހުން އެކުވެރިކަމުގެ ދެ މެޗެއްވެސް ވަނީ މި ދެޓީމު ކުޅެފައެވެ. އެއްމެޗު އެއްވަރުވެގެން ނިމުނުއިރު އަނެއް މެޗު ކާމިޔާބު ކޮށްފައިވަނީ ފްރާންސްއެވެ.