ފުޓްބޯލް ފޯރ ފްރެންޑްޝިޕްގެ ހަރަކާތްތައް ދިވެހި ދިދައާއެކު ފަށައިފިއެވެ.
ރަޝިއާގެ މޮސްކޯގައި ފަށާފައިވާ މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އުވައިޝް މުހައްމަދާއި އަހުމަދު ޒަހާން ނަޒީރުއެވެ.
ފީފާގެ އޮފިޝަލް ސްޕޮންސަރއެއް ކަމަށްވާ ގެޒްޕްރޮމްގެ ފަރާތުން ކުރިއަށް ގެންދާ މި ހަރަކާތް މިއަހަރު ކުރިއަށް ގެންދަނީ ވަރލްޑް ކަޕާއި ދިމާކޮށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ 5 އަހަރު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ވަރލްޑް ކަޕް މުބާރާތާއި ދިމާނުވާ ގޮތަށެވެ.
މިދިޔަ 5 އަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ”ފުޓްބޯލް ފޯރ ފްރެންޑްޝިޕް“ގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އިރު، ދުނިޔޭގެ އެކިއެކި ޤައުމުތައް ތަމްސީލުކުރާ ޚާއްޞަ ފުޓުބޯޅަ މުބާރާތަކާއި މަޢުލޫމާތު ސެޝަންތަކާއި ފޯރަމްތައްވެސް ކުރިއަށް ގެންދާނެއެވެ.
މިއަހަރުގެ މުބާރާތުގައި 211 ޤައުމަކުން ކުޅުންތެރިން ބައިވެރިވެފައިވާ އިރު، ވަރލްޑް ކަޕްގެ ފޯމެޓަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ 32 ޓީމުގައި ކުޅޭނީ އެކިއެކި ޤައުމުތަކުގެ ކުޅުންތެރިންނެވެ. އަދި އެކި ޤައުމުތަކުން ޓީމުތަކުގެ މަޤާމުތަކަށް ކުޅޭ ކުޅުންތެރިން މުބާރާތަށް ފޮނުވުމަށް ހަމެޖެހިފައިވާ އިރު، ޤައުމުތަކުން ކުޅުންތެރިން ފޮނުވާނެ މަޤާމާއި ޓީމު ހޮވާފައިވަނީ ގުރުއަތު ނަގައިގެންނެވެ.
ރާއްޖެއިން ވާދަކުރާ ކުޅުންތެރިޔާ ހިމެނެނީ ”ވޭލް ޝާކު“ ޓީމުގައި ހިމެނިފައިވާ އިރު، ރާއްޖޭގެ ކުޅުންތެެރިޔާ ބައިވެރިވަނީ ޑިފެންޑަރެއްގެ ގޮތުގައެވެ. އޭނާއާއެކު ޓީމުގައި ދެން ހިމެނެނީ ބުރުނާއީ ކީޕަރަކާއި ކޭޕް ވާރޑް އައިލެންޑްސްގެ ޑިފެންޑަރަކާއި ހޮންޑޫރަސް އަދި ބޮސްނިއާގެ މިޑްފީލްޑަރަކާއި ލުބުނާނުގެ ފޯވަޑެކެވެ.