އެމެރިކާގެ ޒުވާން އަންހެން ކުއްޖަކު އިސްލާމްވި ގޮތުގެ ވާހަކަ އޭނާގެ ދުލުން…

އަހަންނަކީ އެމެރިކާގެ ވާޖީނިއާގެ ރިޗްމަންޑަށް އުފަން މީހަކީމެވެ. އަހަރެން މުސްލިމް ވީ ވަރަށް ފަހުންނެވެ. އިސްލާމްދީނާއި ބެހޭގޮތުން އަހަންނަށް ކުރިން އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ. އަދި އަހަންނާއި މުސްލިމުންނާއި ބައްދަލުވެފައެއްވެސް ނުވެއެވެ. މީގެ އިތުރުން އަހަރެން ދިރިއުޅެމުންދިޔަ ސިޓީގައި އިސްލާމިކް ސެންޓަރެއް ހުންނަ ކަމެއްވެސް އެއިރަކު އަހަންނަކަށް ނޭނގެއެވެ. ނަމަވެސް އިސްލާމްދީނަކީ އޮންނަ ދީނެއްކަން އަހަންނަށް އެނގެއެވެ. އެ ދީނާއި މެދު ދެކެވޭ ވާހަކަތަކުން އެ ދީން ދިރާސާ ކުރުމަށް އަހަރެން ޝައުގުވެރިވިއެވެ.

ނަމަވެސް އަހަންނަށް އިސްލާމްދީނާއި ބެހޭ ގޮތުން އެނގި ޝައުގުވެރިކަން އުފެދުނު ފަހުން އިސްލާމްދީނާއި ބެހޭ ހަގީގަތް އެނގޭ ފަދަ ފޮތްތަކެއް އަހަންނަށް ލިބޭގޮތް ނުވިއެވެ. އަހަންނަށް ލިބުނު އެންސައިކްލޮޕީޑިއާތަކާއި ފޮތްތަކަކީ ކާފިރުން ލިޔެފައިވާ ފޮތްތަކެވެ. އެފޮތްތަކުގައި ބުނެފައިވަނީ ގުރުއާނަކީ ހިޖުރައިން ހަތް ވަނަ އަހަރުގައި ކީރިތި ރަސޫލާ ލިޔުއްވާފައިވާ ފޮތެއް ކަމަށެވެ. އަދި މުސްލިމުން އަޅުކަން ކުރަނީ ހަޖުރުލް އަސްވަދަށް ކަމަށާއި އަންހެނުންނަށް މުސްލިމުން އަނިޔާކުރާ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ގުރުއާން ލިޔުއްވުމަށް ރަސޫލާ ބައިބަލް ނަކަލު ކުރެއްވި ކަމަށާއި އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުން ކަމަށެވެ. އަދި ހުރިހާ މުސްލިމުންނަކީ އަރަބިން ކަމަށް ދޭހަވާ ގޮތަށްވެސް އެ ފޮތްތަކުގައި ބުނެފައިވެއެވެ. އެތަނުން އެއް ފޮތުގައި ބަޔާން ކޮށްފައިވާ ގޮތުގައި ‘ﷲ’ މި ބަސްފުޅު އައިސްފައިވަނީ އަރަބިން އަޅުކަން ކުރި ހަނދުގެ ކަލާނގެ އައްލޮތު ގެ ނަމުން ކަމަށެވެ. މިއީ އެ ފޮތްތަކުން އަހަންނަށް ބުނެދިން ދޮގު ވާހަކަތަކެވެ.

އެއްދުވަހަކު އަހަރެން ކިޔަވަމުން ދިޔަ ކޮލެޖަށް ހިޖާބު އަޅައިގެން ތިބި ޕާކިސްތާނުގެ ދެ އަންހެނުން އައެވެ. އަހަރެން އެ ދެ މީހުންނާއި ގުޅުން ބަދަހި ކުރީމެވެ. އަދި އަހަރެންގެ ހިތުގެ ތެރޭގައި ހުރިބ ސުވާލުތައް އެމީހުންނާއި ކުރަން ފެށީމެވެ. އަހަރެންގެ އުމުރުން 12 އަހަރުގައި އަހަރެން ކްރިސްޓިއަން ދީން ދޫކޮށްލާފައިވާތީ އެ މީހުންނާއި އެ ސުވާލުތައް ކުރުން އަހަންނަށް އެއްވެސް މައްސަލައަކަށް ނުވިއެވެ. އަހަރެން ކިޔަވަމުންދިޔައީ ބައޮލޮޖީ އެވެ. އަދި އެއިރު އަހަރެންވީ އެއްވެސް ދީނެއް ގަބޫލުނުކުރާ މީހަކަށެވެ.

އެމީހުން އަހަންނަށް ދިން ޖަވާބުތަކުން އަހަރެން އަޖައިބުވިއެވެ. އަދި އަހަންނަށް އިސްލާމްދިނާއި ބެހޭ ގޮތުން ފޮތްތަކުން އެނގިފައިވާ ތަކެއްޗާއި މީހުން ބުނެ އުޅޭތީ އިވޭ އަޑުތަކަކީ ދޮގު ވާހަކަތަކެއް ކަން އެނގުނެވެ. ސަމާ ބަންދަށް އަހަރެންގެ އުފަން ސިޓީއަށް ބަދަލުވީމެވެ. އަދި އަމިއްލަ އެޕާޓްމެންޓަށް ކުއްޔަށް ހިފައިގެން ވަޒީފާ އަދާ ކުރަން ފެށީމެވެ. އެއް ދުވަހަކު އަހަރެން މަސައްކަތް ކުރި ފިހާރައަށް ހިޖާބު އަޅައިގެން ހުރި އަންހެނަކު އައެވެ. އަހަރެން އެ މީހާ އަޅުކަން ކުރަނީ ކޮންތަނެއްގައިތޯ ސުވާލު ކުރީމެވެ. އަދި އަހަރެން މަސައްކަތް ކުރާ ފިހާރައާއި ވަރަށް ގާތުގައި އިސްލާމިކް ސެންޓަރެއް ހުންނަކަން އަހަންނަށް އެނގުނެވެ.

ޖެހިގެން އައި ދުވަހު އަހަރެން އެ ސެންޓަރަށް ދިޔައީމެވެ. ނަމަވެސް އެ ތަނުގައި އެއްވެސް މިހަކު ނެތެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު އަނެއްކާ އަހަރެން އެ ސެންޓަރަށް ދިޔައީމެވެ. ކަން ދިމާކުރި ގޮތުން އެ ދުވަސް ވީ ހުކުރު ދުވަހަކަށެވެ. އެ ދުވަހު އެތަނުގައި މީހުންވެސް ތިއްބެވެ. އެތަނުން މީހަކު އަހަރެން ގާތުގައި އަންހެނުން ބައްދަލުކުރަން ބޭނުމިއްޔާ ހުކުރު ދުވަހުގެ މެންދުރު އައުމަށް ބުންޏެވެ. ނަމަވެސް އެ މީހާ މެންދުރު މާނަކުރީ އަސުރު ގަޑިއަށް ކަން އަހަންނަށް ނޭނގުނެވެ.

އަހެންކަމުން ޖެހިގެން އައި ހަފްތާ ހުކުރު ދުވަހު 12 ޖެހި އިރަށް އަހަރެން އެތަނަށް ދިޔައީމެވެ. ނަމަވެސް އެއްވެސް މީހަކު ނެތެވެ. ނަމަވެސް އަހަރެން މަޑުކުރުމަށް ގަސްދު ކުރީމެވެ. އެއްގަޑިއިރާއި 30 މިނެޓަށް ވުރެ ގިނަ އިރުވަންދެން އަހަރެން މަޑުކުރީމެވެ. އެ ހިސާބުގައި ހުކުރު ނަމާދު ކުރަން ފަށަނީ 2:00 ގައެވެ. އެ ނަމާދުކޮށްގެން ފިރިހެނުންތައް ދިޔަ ފަހުން އަހަންނާއި އަންހެނުންތަކަކާއި ދިމާވިއެވެ.

އެތަނުން އަންހެން ކަނބަލަކު އަހަންނަށް މައުރީސް ބުސައިލެސް ލިޔެފައިވާ ‘ދި ބައިބަލް، ގުރުއާން އެންޑް ސައިންސް’ ގެ ކޮޕީއެއް ދިނެވެ. އެ ސެންޓަރުން އަހަންނަށް ފެނުނު މަންޒަރުތަކާއި އަދި އެ ފޮތް ކިޔުމުން އަހަންނަށް ލިބުނު މައުލޫމާތުތަކާއެކު އަހަރެން މުސްލިމް ވާން ބޭނުންވިއެވެ. އަހަރެން ކިޔަވަމުންދިޔައީ ބައޮލޮޖީ ކަމަށްވާތީ ގުރުއާނުގައިވާ ސައިންސްގެ މައުލޫމާތުތައް ދެނެގަންނަން އަހަންނަށް ވަރަށް ފަސޭހަވިއެވެ. އަދި ގުރުއާނުގައިވާ ކަންތައްތަކަކީ މާތް ﷲ ގެ ފަރާތުން އައިސްފައިވާ ކަންތައްތަކެއް ކަމާއި އަދި ލިޔަންކިޔަން ނުދަންނަ މީހަކަށް އެފަދަ ކަންތައްތަކެއް ގެނެސްނުދެވޭނެ ކަން އަހަންނަށް ވިސްނުނެވެ.

އަހަންނަށް އިސްލާމްދީނާއި ބެހޭ ގޮތުން ކުރިން ލިބިފައިވަނީ ދޮގު މައުލޫމާތުތަކެއްކަން އެނގުނެވެ. މުސްލިމުން އަޅުކަން ކުރަނީ ހަޖުރުލް އަސްވަދަށް ނޫން ކަމަށާއި ގުރުއާނަކީ މާތް ﷲ ބާވައިލެއްވި މުއުޖިޒާތެއް ކަމަށާއި މީސްތަކުންނާއި ހިސާބަށް މާތް ﷲގެ ބަސްފުޅު ގެނެސްދެއްވީ ރަސޫލާކަން އެނގި ހާމަވިއެވެ. އަދި އިސްލާމްދީނުގައި ފިރިހެނުންނަށް ވުރެ އަންހެނުންގެ ހައިބަތު އުފުއްލުވާފައިވާކަން އެނގުނެވެ. އަދި އަންހެނުންނަށް ކުރެވެމުން ދިޔަ އަނިޔާތައް ހުއްޓުވުނީ އިސްލާމްދީން އައުމަށް ފަހުގައިކަން ވެސް އެނގުނެވެ.

އެހެންކަމުން އަހަންނަށް ވިސްނުނު ކަންތައްތަކާއި ގަބޫލުކުރުވެނު ކަންތައްތަކަކީ އަހަރެންގެ ބުއްދި ގަބޫލުކުރާ ކަންތައްތަކަކަށްވާތީ އަހަރެން އިސްލާމްދީން ގަބޫލުކުރުމަށް ނިންމީމެވެ. ޖެހިގެން އައި ހަފްތާގައި އަހަރެން ޝަހާދަތް ކިޔައި އިސްލާމްވީމެވެ. އަހަރެން އިސްލާމްވިކަން އަހަރެންގެ ބައްޕައަށް އެނގުމާއެކު ރުޅިގަދަވެފައި ހުރެ އަހަރެންގެ އެޕާޓްމެންޓަށް އައެވެ. އަދި އަހަންނާއި ޒުވާބުކޮށް އަހަރެންގެ އެޕާޓްމެންޓުގައި ހުރި ތަކެތި ހަލާކުކޮށް ގުރުއާން ވީދާލިއެވެ. އަހަރެން ފުލުހުންނަށް ގުޅުމުން އެމީހުން އައި ނަމަވެސް އެހީވާން އެ މީހުން ދެކޮޅު ހެދިއެވެ. އެމީހުން ބުނީ ބައްޕަ އެ ދައްކާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށެވެ. އަހަރެން އެ ސިޓީ ދޫކޮށް އެހެން ސިޓީއަކަށް ބަދަލުވީމެވެ.

މިހާރު އަހަރެން ބައްޕަ އާއި ވާހަކަ ދައްކަމެވެ. އެއީ ގުރުއާނުގައިވެސް މައިންބަފައިންނަށް އިހުތިރާމް ކުރުމަށް އަންގަވާފައިވާތީއެވެ. އެއީ އިސްލާމްދީން ގަބޫލުނުކުރާ މައިންބަފައިންނަށް ވިޔަސް އެމީހުންނަށް އިހުތިރާމް ކުރުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.