ކުޅިވަރަކީ ދަރިވަރުންގެ މެދުގައި އިޖުތިމާޢީ ގުޅުން އިތުރުކޮށްދޭ އެއްޗެއްކަމަށް ތަޢުލީމާއިބެޭޭ ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ސްކޫލް ދުވަސްވަރު ކުޅިވަރުގެ މައިދާނުން ފުރުޞަތު ހޯދާ ދަރިވަރުންނަކީ ހަމަ ޔަޤީނުންވެސް މާދަމާގެ ޤައުމުގެ ބަޠަލުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، 2014 ވަނަ އަހަރުން ފެށިގެން ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ކުޅިވަރަށް އޮތް ޝައުޤުވެރިކަން އިތުރު ކުރުމަށް ފެށުނު މަސައްކަތްތަކުގެ ފޮނި މޭވާ މިއަދު ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން ކަލަރސް އެވާރޑަކީ ދަރިވަރުންގެ ކުޅިވަރު ހުނަރު ދެނެގަނެ، އެ ހުނަރަށް ހިތްވަރު ދެއްވުމުގެ ގޮތުން 2014 ވަނަ އަހަރު ތަޢާރަފް ކުރެވުނު އެވާރޑެއް ކަމަށާއި ފާއިތުވި 5 އަހަރު ގެ ތެރޭގައި މި އެވާރޑުގެ ސަބަބުން ހިތްވަރު ލިބިގެން މިޤައުމު ފަޚުރުވެރި ކުރުވާފަދަ ނަތީޖާތައް ބައިނަލްއަޤްވާމީ މައިދާނުން ހޯދަމުން ގެންދާ ދަރިވަރުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ ކުރިން މި އެވާރޑް ޙަފްލާތަކުން ފެނިފައިވާ ގިނަ ދަރިވަރުންނަކީ ކުޅިވަރު ކުޅެގެން ދިވެހި ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ދަރިވަރުންކަން ފަޚުރުވެރިކަމާއެކު ފާހަގަކުރާކަމަށާއި އެހެންކަމުން މިފަދަ ގޮތަކަށް ދަރިވަރުންގެ ހިތުގައި ކުޅިވަރަށް އޮތް ލޯބި އިތުރުކުރައްވާ މާދަމާގެ ބަޠަލުން އުފަންކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ ކާމިޔާބު މަސައްކަތްޕުޅަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ މަރުޙަބާ ދަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.