މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރެވެނީ ކިހާވަރަކަށް!

ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެ ގަދަޔަށް އިވުނު އަޑަކީ ސްކޫލުތަކާއި މަދަރުސާތަކާއި އަދި މިނޫންވެސް ތަޢުލީމު އުނގަންނައިދިނުމުގެ މަސައްކަތް ކުރާ މަރުކަޒުތަކުގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގަމުންދިޔަ ޙަރަކާތްތަކުގެ އަޑެވެ. ސްކޫލުތަކުގެ މެނޭޖްމަންޓާއި ޕީޓީއޭ އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މުދައްރިސުންނަށް ދިން ‘ޓީޗާރސް ޑޭ’ ގެ ޚާއްސަ ‘ސަޕްރައިޒް’ ޕާޓީތަކާއި، ހަދިޔާތަކާއި، އެކިއެކި ޕޯޑިއަމްތަކުގައި އެތައް ދުލަކުން މުދައްރިސުންނަށްޓަކައި އޮހެމުންދިޔަ ޝުކުރާއި ތަޢުރީފާއި ހިތްވަރުގެ ބަސްތަކެވެ. އެހެނަސް ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮކްޓޯބަރ މަހުގެ ފަސްވަނަ ދުވަސް މާޒީގެތެއެއަށް ގޮސް ގެއްލިއްޖެ އެވެ. އެދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އެސެމްބެލީތަކާއި ފާޓީތަކާއި ޖަލްސާތަކުގައި ފިނިފެންމަލުގެ ގުލްދަސްތާތަކެއް ފަދައިން އެކި ދޫތަކުން އަމުނާލި ފަށުވި ޢިބާރާތްތަކުގެ ހަނދާން މިހާރު ގިނަ ހިތްތަކުން ފިލާ ހިނގައްޖެއެވެ.

މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާލާއިރު ކޮންމެ މުޖްތަމަޢެއްގައިވެސް މީހުން އެންމެ ޤަދަރު ކުރާ، އެބަޔަކަށް އެންމެންވެސް އިޙްތިރާމް ކުރާ ބަޔަކީ އެދުރުންނެވެ. ދައުލަތުގެ މާލިއްޔާއިން އެބަޔަކަށް މުސާރަދޭ ސިވިލް ސާވަންޓުންގެ ތެރޭން އޭރު އެންމެ ރަނގަޅު އުޖޫރައެއްދޭ ބަޔަކީ މުދައްރިސުންނެވެ. ތަޢުލީމީ ފެންވަރު ރަނގަޅު، ޤާބިލު އެތަށް އެދުރުންނެއް ތަރުބަވީ މަސައްކަތުގެ މައިދާނަށް ނުކުންނަމުން ދިޔައެވެ. އެދުރުން އުޅެމުން ގެންދިޔައީ ފުދުންތެރި، އަބުރުވެރި ޙަޔާތެކެވެ. ދަރިވަރުންނަށް އެ އެދުރުންގެ ކިބައިން ލިބެމުން ދިޔައީ އިޚްލާޞްތެރި ޚިދުމަތްތަކެކެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންވެސް އެ އެދުރުންނަށް ފުރިހަމަ އިތުބާރާއި ޔަޤީންކަމާއި ޢިޙްތިރާމާއި ލޯބި ދިނެވެ.

އިޝްތިހާރު Below Header ad

އަދުގެ ޙާލަތަކީ ކޮބައިތޯއެވެ؟ މިއަދު ބައެއް ދަރިވަރުން ދެކޭ ގޮތުގައި މުދައްރިސުންނަކީ އެމީހުންގެ ހަތުރުންނެވެ. އެ ކުދީންގެ މިނިވަންކަމަށް އަރައިގަންނާތީއެވެ. ދަރިވަރުން މުދަރްރިސުންނާ ދިމާއަށް ނުގޮވާ ވަނަމެއް، ނުކުރާ މަލަމާތެއް ނެތެވެ. މުދައްރިސުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ބުނާ އެތައް ދަރިވަރުންނެއް ސްކޫލް މަދަރުސާތަކުގައި އުޅެއެވެ. ދަރިވަރު އަތުގައި ހިފައިގެން ސްކޫލަށް ހިނގާއިރު ދަރިފުޅުގެ އެދުރު މީހާއަށް އެއްޗެތި ގޮވާ ބެލެނިވެރިންވެސް ވަރަށް ގިނައެވެ. މިހެން ދެންނެވި ކަމުގައި ވިޔަސް އެކި ސްޓޭޖެ ތަކުގެ ދަރިވަރުން މުދައްރިސުންނާ މެދު ޢަމަލު ކުރާގޮތުގައި ވަރަށް ބޮޑެތި ތަފާތު ހުންނަކަމަށް މުދައްރިސުން ވިދާޅުވެއެވެ. ޚާއްޞަކޮށް ތުއްތު ކުދިން މުދައްރިސުންދެކެ ވަރަށް ލޯބިވެއެވެ. އަދި މަތީ ތަޢުލީމުގެ މަރުހަލާތަކުގައި ކިޔަވާ ދަރިވަރުންވެސް މުދައްރިސުންނަށް އިޙްތިރާމް އަދާކުރެއެވެ. މައްސަލަ ބޮޑަށް ފާހަގަ ކުރެވެނީ ފުރާވަރު އުމުރުގެ ބައެއް ކުދީންގެ ފަރާތުންކަމަށް އެއުމުރުގެ ކުދިންނަށް ކިޔަވައިދޭ މުދައްރިސުން މަޢުލޫމާތުދެއެވެ.

ދަރިވަރުންގެ ނަތީޖާއާއި މެދު ސުވާލުކުރެވޭ އެންމެ ފުރަތަމަ ފަރަތަކީ މުދައްރިސް ކަމުގައި މިއަދު ވަނީ ވެފައެވެ. އެދުރުމީހާއާއި ބެލެނިވެރިޔާ ގުޅިގެން ދަރިވަރުގެ އުގެނުމުގެ ހަރަކާތްތަކާއި އެދަރިވަރު ޙާޞިލް ކުރާ ނަތީޖާއާއި މެދު ދަރިވަރު ޒިންމާދާރު ކުރުވުމަށް ބާރު އެޅި ދުވަސްވަރެއްވެސް ދިޔައެވެ. މިއަދު ދަރިފުޅަށް އޭ ރިޕޯޓު ނުލިބުމުން ގިނަ ބެލެނިވެރިން ސުވާލު އުފައްދަނީ މުދައްރިސުންނާއި ސްކޫލުގެ އިސްވެރިންގެ ޤާބިލުކަމާއިމެދުގައެވެ. ދަރިވަރުގެ ޒިންމާ އުފުލިފައިވަނީ ކިހާމިންވަރަކަށްތޯ، އަދި ބެލެނިވެރިޔާގެ ޒިންމާ އަދާކުރެވުނީ ކިހާ މިންވަރަކަށްތޯ ބަލައިލެވިފައި އޮންނަނީ ވަރަށްމަދު ފަހަރެއްގައެވެ.

ތަޢުލީމީ ނިޒާމުގައި މުދައްރިސުންގެ މަސައްކަތް ބެލެހެއްޓުމާއި، ފެންވަރު ވަޒަންކުރުމުގެ އުސޫލުތަކަށް ބަލާލައިފިނަމަ ފެންނަ މަންޒަރަކީ ފެކްޓްރީއެއްގައި މަސައްކަތްކުރާ މަސައްކަތު މީހެކޭ އެއްފަދައިން މަސައްކަތް ވަޒަންކުރެވޭ ކަމެވެ. ނިކަން ވިސްނަވާށެވެ. މަސް ފެކްޓްރީއެއްގައި ހުންނަ މަސްކަނޑާ މީހާއަށް ދުވާލެއްގެ މައްޗަށް ވަކި ޢަދަދަކަށް މަސްކެނޑުމަކީ ލަނޑުދަނޑިއަކަށް ކަނޑައެޅިދާނެއެވެ. އަދި މަސްކެނޑުމުގެ މަސައްކަތް ކުރާމީހުންގެ މަސައްކަތް ވަޒަން ކުރުމަށް އެ ލަނޑުދަނޑި ޙާޞިލުވޭތޯބެލިދާނެއެވެ. ސަބަބަކީ އޭނާގެ މަސައްކަތަށް ބަލާއިރު އެމަސައްކަތުގައި އެކުލެވޭ ގިނަ ކަންތައްތަކަކީ އޭނާގެ ބާރު ފޯރާކަންކަމަށް ވުމެވެ. ފެކްޓްރީގައި މަސް ހުރިކަމަށްވާނަމަ އޭނާއަށް އޭނާގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ހުރަހެއް ނެތެވެ. މުދައްރިސުންގެ މަސައްކަތް ވަޒަން ކުރުމަށް ކަނޑައަޅާ ލަނޑުދަނޑިއަކަށް ދަރިވަރުން ޙާޞިލް ކުރާ ނަތިޖާ ވުމުން، ލަނޑުދަނޑި އެ ކަނޑައެޅުނީ އެއްކަލަ މަސްކަނޑާ މީހާ އާއި އެއްގޮތަށެވެ. ދެ ޙާލަތުގައިވެސް ޓާގެޓް ކޮށްފައި އެވަނީ ‘އެންޑް-ޕްރޮޑަކްޓަށެވެ.’ އެކަމަކު މި ދެ ޙާލަތުގެ ތަފާތު ހުރި މިންވަރު ނުފެނޭތޯއެވެ؟ މުދައްރިސްގެ ޓާގެޓަށް ވާސިލުވުމަށް ކުރަން ހުރި މަސައްކަތް އެކުލެވިގެން ވަނީ އޭނާގެ ބާރު ނުފޯރާ އެހެން ކަންތައްތަކެއްގެ މައްޗަށެވެ. ދަރިވަރުގެ ދައުރާއި ބެލެނިވެރިޔާގެ އެއްބާރުލުމާއި ބޭނުންވާ ވަސީލަތްތައް ނުލިބުނު ކަމުގައި ވިޔަސް ޒިންމާ މިއޮތީ މުދައްރިސް މީހާގެ ބޮލުގައެވެ. ނަތީޖާ އަކީ ކޮބައިތޯއެވެ؟ މުދައްރިސުންނަކީ ވަޒީފާ އަދާކުރާ މީހުންގެ ތެރޭން އެމީހުން ކުރާ މަސައްކަތާ ދޭތެރޭ ހިންހަމަ ނުޖެހޭ ބަޔަކަށް ގިނަފަހަރު ވަނީ މިސަބަބަށް ޓަކައެވެ. ކަނޑައެޅޭ ޓާގެޓްތައް އޭނާގެ އެއްވެސް އިހުމާލެއް ނެތްނަމަވެސް ގިނަފަހަރު ޙާޞިލުނުވުމެވެ. އެކި ކުދިންގެ ފެންވަރު ތަފާތު ވާނެއެވެ. އެހެންކަމުން އެކި ކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި، އެކުދިންނަށް އަމަލު ކުރަންވީ ގޮތްވެސް ތަފާތު ވާނެވެއެވެ، އެހެންނަމަވެސް މުދައްރިސުން ކަނޑައެޅިފައިވާ ވަކި ކަރިކިއުލަމް އަކަށް މަސްއްކަތް ކުރަން ޖެހޭ ބަޔަކަށް ވާތީ، މުދައްރިސުންގެ ޤާބިލިއްޔަތު ދައްކައި، މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތެއް ނޯވެއެވެ.

މުދައްރިސުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ. ބައެއް އާންމު ފަރާތް ތަކާއި ތަޢުލީމީ ދާއިރާގެ އިސް ބައެއް ވެރިންވެސް ދެކޭ ގޮތުގައި މުދައްރިސުންގެ މަސައްކަތަކީ ހަމައެކަނީ އެމީހުން ކުލާހުގައި ހޭދަކުރާ ވަގުތު އެކުރާ މަސައްކަތެވެ. އެހެންކަމަށް ވާނަމަ، އެކުލާސް ނެގުމަށްޓަކައި ޕްލޭންކުރަން ހޭދަކުރިވަގުތާއި އެ ކުލާހުގައި ކުރެވުނު މަސައްކަތްތައް ވަޒަންކޮށް ދެންއޮތް ކުލާހުގައި ގެންނަންޖެހޭ ބަދަލުތަކާމެދު ފިކުރުކުރުމުގައި ހޭދަކުރި ވަގުތުތައް ކޮބައިތޯއެވެ؟ އޮފީހެއްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފަކަށް ރަސްމީގަޑި ނިމުނުން ދެން އޮފީހުގެ މަސައްކަތާމެދު ފިކުރު ކޮށްލުމެއްނެތި އަނެއްދުވަހުގެ މަސައްކަތު ވަގުތު ޖެހެންދެން ހުރެވިދާނެއެވެ. ނަމަވެސް މުދައްރިސަކީ ހަފްތާ އަކު 7 ދުވަހު ކޮންމެ ދުވަހަކު 24 ގަޑިއިރު އޭނާގެ މަސައްކަތުގައި ހުންނަމީހެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. ސްކޫލުގައި ހޭދަކުރާ ވަގުތުގެ އިތުރުން އާއިލާއާއިއެކު ގޭގައާއި ބޭރުގައި ހޭދަކުރާ ވަގުތުތަކާއި، ނިދަން އޮށޯވެ އޮންނަވަގުތުގައި ވެސް ހިނގަމުންދަނީ އުނގެނުމާއި އުނގަންނައިދިނުމުގެ ފިލާވަޅުތަކެވެ. އާއެކެ. ޓީޗަރުންނަކީ 24 ގަޑިއިރު އުނގަންނައިދިނުމުގެ މަސައްކަތުގައި އުޅޭ ބައެކެވެ.

ނަމަވެސް ހިތާމައަކީ މި ރާއްޖޭގައި މަސައްކަތައް އުޖޫރަ ދިނުމުގެ އުސޫލުތަކަށް ބަލާއިރު އެންމެ އިހާނެތިކޮތް ހިތަމުންދާބަޔަކީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންކަމަށްވީކަމެވެ. އެހެން އެއްވެސް ދާއިރާއެއްގައި ރަސްމީ މަސައްކަތު ގަޑީގެ ބޭރުން މަސައްކަތް ކުރަން ޖެހޭ މިންވަރަށްވުރެ ބޮޑަށް މުދައްރިސުން އިތުރު ވަގުތު މަސައްކަތް ކުރަން ޖެހެއެވެ. އެހެންނަމަވެސް ތަޢުލީމީ ދާއިރާގައި އިތުރުގަޑީގެ ފައިސާއަކީ ވަރަށްބޮޑަށް ހިފެހެއްޓިފައިވާ އެއްޗެކެވެ. ގިނަ މުވައްޒަފުންނަށް ލިބެނީ އެމީހެއްގެ އަސާސީ މުސާރައިގެ %10 އެވެ. އެހެން އެއްވެސް ދާއިރާއެއްގައި މިގޮތަށް މިކަން އޮންނަކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ.

ދަރިވަރުންނަށް ވަސިއްޔަތެއް ކުރަން ބޭނުމެވެ. އޭ ލޮބުވެތި ދަރިވަރުންނޭވެ. ތިޔަ ދަރިވަރުންގެ އެދުރުންދެކެ ލޯބިވާށެވެ. އެމީހުންނަށް އިޙްތިރާމް ކުރާށެވެ. އެމީހުންގެ ލޯބި ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ޢިލްމަކީ އެދުރުމީހާގެ ހިތުން ދަރިވަރުގެ ހިތަށް ނަޤުލުވާ އެއްޗެކެވެ. ހިތްތަކުގެ މި ‘ވައިފައި ނެޓްވޯކަށް’ ގުޅުމުންނޫނި މިކަންވާކަށްނެތެވެ. ތިޔަ ކުދިންނަކީ ﷲ އަށް ކިޔަމަންތެރި މައިންބަފައިންނަށް އިޙްސާންތެރި ބަޔަކަށްވާށެވެ. ހެޔޮ ޢަމަލު ގިނަކޮށް ފާފަތަކުން ދުރުވާށެވެ. ފާފައިން ދުރުވުމަކީ ހިތްތައް އަލިވުމަށް ބާރު އަޅާ ކަމެކެވެ.

ލޮބުވެތި ޢިއްޒަތްތެރި ބެލެނިވެރިނޭވެ. ތިޔަ ބެލެނިވެރިންގެ އެހީތެރިކަމާ އެއްބާރުލުމާ ނުލާ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަކީ އެއްވެސް މުދައްރިސަކަށް ވާނޭ ކަމެއްނޫނެވެ. ދަރިންގެ ޙައްޤުތައް ރަނގަޅަށް އަދާކޮށް، ދަރީންނަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ. ހެޔޮ މަގުގައި ސާބިތުވެތިބުމަށް ދަރީންނަށް ހިތަވަރުދީ ބާރުއަޅާށެވެ. ދަރީންނަށް ހެޔޮ ނަމޫނާ ދައްކާށެވެ.

ތަޢުލީމީ ދާއިރާގެ އެއްމެހާ ހިންގުންތެރީންނޭވެ. ތިޔަކުރައްވާ ތަރުބަވީ މަސައްކަތުގެ އެއްމެ މުހިއްމު ރައުސްމާލަކީ މުދައްރިސުންނެވެ. މުދައްރިސުންނަށް އެކަށޭނަ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވާށެވެ. އެމީހުންގެ މަސައްކަތާއި އެކަށީގެންވާ ރަނގަޅު އުޖޫރަދޭށެވެ. ވޭތުވެދިޔަތަނުން ޢިބްރަތް ޙާޞިލްކުރައްވާށެވެ. ތަޢުލީމީ ދާއިރާއަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރަމުން ދިޔަ ކުޅަދާނަ، ޤާބިލް އެތައް އެދުރުންނެއް ދާއިރާ ދޫކޮށް ގޮސްފައިވާނީ ކީއްވެގެންކަން ރަނގަޅަށް ދިރާސާކޮށްލައްވާށެވެ. މި ލިއުމުގައި ފަހަގަ ކޮށްފައިވާފަދަ އެތައް ކަމެއް ފެނިލައްވާނެއެވެ. ތަޢުލީމީ ދާއިރާއާއި ޤައުމުގެ އަންނަން އޮތް ޖީލަށްޓަކައި މުދައްރިސުން ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރައްވާ އެމީހުންނަށް ޙައްޤު މަޤާމް ހޯދައިދެއްވާށެވެ. ނަމުގެ ކުރިއަށް “ޢިއްޒަތްތެރި” ލަޤަބު ނުލި ނަމަވެސް، މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި ޢިއްޒަތް އެންމެ ފުރިހަމައަށް ދެއްވާށެވެ. މުދައްރިސުންގެ އަގު ވަޒަން ކުރުމަކީ ހަމައެކަނި އަހަރަކު އަންނަ އެންމެ ދުވަހެއްގައި ހަދިޔާއަކާއެކު ލިޔެލާފައިދޭ ފޮނި އިބާރާތްކޮޅަކަށް ނުހައްދަވާށެވެ. މުދައްރިސުންގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރެވޭނެ ގޮތަކީ، އެބޭފުޅުންނަށް ޙައްޤުވާ އިޙްތިރާމާއި ލޯބި އެންމެ ފުރިހަމައަށް ދީގެންނެވެ. އަދި އެއާއެކު، އެބޭފުޅުންގެ މަސައްކަތައް ޙައްޤުވާ އުޖޫރަ ދިނުމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.