
ޤުރްއާން ސެންޓްރަލް އެޕް މެދުވެރިކޮށް ޑރ.ޝަހީމްގެ އަޑުން މިހާރު ޤުރްއާން އަޑު އަހާލެވޭނެ
މަޝްހޫރު ޤުރްއާން އެޕްލިކޭޝަނެއް ކަމަށްވާ ”ގުރުއާން ސެންޓުރަލް“ މެދުވެރިކޮށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޤުރްއާން ކިޔެވުން އަޑުއަހާލުމުގެ ފުރުސަތު މިހާރު ލިބޭނެ އެވެ.
ދާދި ފަހުން، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީ ސައީދުގެ ކިޔެވުން ޤްރްއާން ސެންޓްރަލް އިން އަޑުއަހާލެވޭ ގޮތް މި ވަނީ ހަދާފައެވެ.
ޑރ.ޝަހީމް އަލީ ސައީދަކީ ކީރިތި ޤުރްއާން މުޅިން ހިތުދަސް ބޭފުޅަކަށް ވުމުގެ އިތުރުން މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި ފާއިތުވި 6 އަހަރުވެސް ހިމެނިފައިވާ ޑރ.ޝަހީމްގެ ޤުރްއާން ކިޔެވުމަކީވެސް އެތައް ބަޔަކު އަޑު އަހާލަން ބޭނުންވާ އަޑެކެވެ.
ސައުތު އެފްރިކާގެ މުސްލިމް ސެންޓްރަލް އެޕްލިކޭޝަންގެ މި އުފެއްދުމުގެ ސަބަބުން އެތައް ބަޔަކަށް ޑރ.ޝަހީމް އަލީ ސައީދު އަދި އެތައް ޤާރީންގެ ޤުރްއާން ކިޔެވުމުގެ އަޑު އަހާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެޕްލިކޭޝަންގެ އެންޑުރޮއިޑް ވާޝަން އާއި އައިއޯއެސް ވާޝަން އުފައްދާފައިވާއިރު ކޮމްޕިއުޓަރު ނުވަތަ ފޯނު ބޭނުންކޮށްގެން ޤުރްއާން ސެންޓްރަލްގެ ވެބްސައިޓުންވެސް ޤުރްއާން އަޑު އަހާލެވެއެވެ. ޑެސްޓޮޕް ވާޝަން މެދުވެރިކޮށް ވަކިވަކި ސޫރަތްތައް އަޑު އަހާލެވޭއިރު ގުރުއާންގެ މާނަ އިނގިރޭސި ބަހުން ބަލާލެވެއެވެ.
ސްޓްރީމް ކޮށްގެން ނުވަތަ ޑައުންލޯޑު ކޮށްގެން ޤުރްއާން ސެންޓަރަލް އިން އެކި އެކި ޤާރީންގެ ޤުރްއާން ކިޔެވުމުގެ އަޑު އަހާލެވޭއިރު މި އެޕަކީ މުޅިން ހިލޭ ޑައުންލޯޑްކޮށް ބޭނުންކޮށްލެވޭ އެޕެކެވެ.
އިތުރު މައުލޫމާތު ޤުރްއާން ސެންޓަރަލް ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
https://www.qurancentral.com



