ބިސްމިން ( البسملة ) 3

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް 22 ސެޕްޓެންބަރު 2016 އާ ގުޅޭ..

ކަތިލާއިރު ބިސްމި ކިޔުން

ކަތިލާއިރު ގައި ބިސްމި ކިޔުމުގެ މައްސަލާގައި ޢިލްމުވެރިން ތިންބަޔަކަށް ބެހިގެންވެއެވެ.

އިޝްތިހާރު Below Header ad

ފުރަތަމަ: އެއީ އެދެވިގެންވާ ކަމެއްކަމަށް. މިއީ އިމާމް ޝާފިޢީ ރަޙިމަހުﷲގެ ރައުޔެވެ.

ދެވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ކަތިލެވޭ އެތި ޙަލާލު ވުމުގެ ޝަރްޠެކެވެ. ހަނދާންނެތިގެން ބިސްމި ނުކިޔާ ދޫކޮށްލެވުނު ނަމަވެސް ޞައްޙަވާނެއެވެ. މިއީ ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ.

ތިންވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ޝަރްޠެކެވެ. އެއްވެސް ޙާލެއްގައި (ހަނދާން ނެތިގެން ވިޔަސް ނުވަތަ ގަޞްދުގައި ވިޔަސް ނުވަތަ އެކަމުގެ ޙުކުމް ނޭނގިގެން ވިޔަސް) ބިސްމި ނުކިޔިއްޖެނަމަ، ކަތިލުން ޞައްޙަ އެއް ނުވާނެއެވެ. މިއީ ޡާހިރީ މަޛްހަބުގެ ރައުޔެވެ. އަދި އިމާމް މާލިކް އާއި އަޙްމަދުގެ ކިބައިން ރިވާގެންވާ ރިވާޔަތެކެވެ. އަދި ސަލަފްގެ ބައެއް ޢިލްމުވެރިން މިގޮތަށް ވިދާޅުވެފައިވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި ޝައިޚް ޢުޘައިމީން ރަޙިމަހުމުﷲ އިޚްތިޔާރު ކުރައްވާފައިވާ ރައުޔަކީވެސް މިއީ އެވެ.

މި ބޭފުޅުންގެ ދަލީލަކީ ސޫރަތުލް އަންޢާމްގެ 121 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّـهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ   ) މާނައަކީ: “(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، اللَّه ގެ اسم ފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَا أَنْهَرَ الدَّمَ وَذُكِرَ اسْمُ اللَّهِ عَلَيْهِ فَكُلْ)[1] މާނައަކީ: “ﷲގެ އިސްމުފުޅުގަނެ ކަތިލެވިފައިވާ ތަކެތި ކައި ހަދާށެވެ.”

މި ޙަދީޘްގައި ޙަލާލުވުމުގެ ޝަރްޠެއް ކަމުގައި “ބިސްމި ކިޔުން” މިވަނީ ލައްވާފައެވެ. އެހެންކަމުން، ޝަރްޠު ފުރިހަމަ ނުވެއްޖެނަމަ މަޝްރޫޠު ހުއްދައެއް ނުވާނެއެވެ. ވީމާ، ބިސްމި ނުކިޔިއްޖެނަމަ ކެއުން ޙަލާލެއް ނުވާނެއެވެ. މީހަކު ހަނދާންނެތި ވުޟޫ ނުކޮށް ނަމާދުކުރި ނަމަވެސް އެމީހާ އަލުން ނަމާދު އިޢާދަކުރަން ޖެހޭ ފަދައިން، އަދި ވައިބޭރުވެއްޖެނަމަ ވުޟޫ ގެއްލޭކަން ނޭނގުމުގެ ސަބަބުން ވުޟޫނުކޮށް ނަމާދުކޮށްފި މީހާ އަލުން ނަމާދު އިޢާދަކުރަން ޖެހޭ ފަދައިން، ހަނދާން ނެތިގެން، ނުވަތަ ނޭނގިގެން ނުވަތަ ގަޞްދުގައިވެސް ބިސްމި ނުކިޔާ ކަތިލައިފިނަމަ، އެއެއްޗެއް ކެއުން ހުއްދަވެގެން ނުވެއެވެ.  ބައްލަވާ: “الشرح الممتع” (6/358) العناية شرح الهداية (9/489) ، الفواكه الدواني (1/382) ، المجموع (8/387) ، المغني  (9/309).

އެހެންކަމުން، އުޟްޙިޔާފަދަ ތަކެތި ކަތިލާން ޖެހޭނީ ނަމާދުގެ އަހްލުވެރިޔެކެވެ. އަދި ކަތިލުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެއެވެ. ބިސްމި އާއި އެކު ތަކްބީރު ކިޔުމަކީވެސް އެދެވިގެންވާ ކަމެކެވެ. އެގޮތުން “ބިސްމިﷲ ﷲ އަކްބަރު” މިފަދައިން ކިޔުން އެދެވިގެންވެއެވެ.

عَنْ أَنَسٍ رضي الله عنه قَالَ : ( ضَحَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ فَرَأَيْتُهُ وَاضِعًا قَدَمَهُ عَلَى صِفَاحِهِمَا يُسَمِّي وَيُكَبِّرُ فَذَبَحَهُمَا بِيَدِه)[2]  މާނައަކީ: “މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޟްޙިޔާގެ ގޮތުގައި ދެކަންބަޅި ކަތިލެއްވިއެވެ. އެކަލޭގެފާނު އޭގެ އެއްފަރާތަށް ފައިން އަރުއްވާ “ބިސްމިﷲ، ﷲ އަކްބަރު” ވިދާޅުވެފައި ޛަބަޙަ ކުރެއްވިއެވެ.”

މި ޙަދީޘުން ދޭހަވަނީ “ބިސްމިﷲ، ﷲ އަކްބަރު” ކިޔުމަކީ ސުންނަތެއް ކަމެވެ. والله أعلم.

 

ބޭރު ގައުމުތަކުން އެތެރެކުރާ އެއްގަމު މަސް ކެއުމުގެ ޙުކުމް

އަހުލުކިތާބީން (ޔަހޫދީންނާއި ނަޞާރާ) އިން ފިޔަވާ އެހެން ހުރިހާ މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންގެ މައްޗަށް ޙަރާމް ވެގެންވާ ކަމަށާއި، އެބައިމީހުން (ޔަހޫދީންނާއި ނަޞާރާއިން)  ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލުވެގެންވާ ކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވައެވެ. މިކަމުގެ ދަލީލަކީ މާއިދާ ސޫރަތުގެ ފަސް ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ ((الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ وَطَعَامُ الَّذِينَ أُوتُواْ الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلُّ لَّهُمْ))  المائدة: ٥ މާނައަކީ: “އަދު، އެންމެހައި ރަނގަޅު ތަކެއްޗާއި ކަންތަށް، ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވުނެވެ. ފޮތްލިބގެންވާ މީހުންގެ ކާތަކެތި (ޙަރާމްކަން ޤުރްއާނުގައި އަންގަވާފައިވާ ތަކެތި ނޫން އެހެންތަކެތި) ތިޔަބައިމީހުންނަށް ޙަލާލެވެ. އަދި ތިޔަބައިމީހުން ކާތަކެތި އެބައިމީހުންނަށް ޙަލާލެވެ.”

މިއާޔަތުން ދޭހަވާގޮތުގައި އަހްލުކިތާބީން ކެއުމަށްބޭނުން ކުރާތަކެތި ވަނީ މުސްލިމުންނަށް ޙަލާލު ކުރެވިގެންނެވެ. އޭގެ ތެރޭގައި އެބައިމީހުން ކަތިލާތަކެތިވެސް ހިމެނިގެންވެއެވެ. މިއާޔަތުގެ މަފްހޫމަކީ އަހްލުކިތާބީންފިޔަވާ އެހެން މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލު ވެގެން ނުވާކަމެވެ.

އެހެންކަމުން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ މުޝްރިކުންގެ ތެރެއިން އަހްލުކިތާބީންގެ ކަތިލުމެއް ކަމަށް ވަނީނަމަ، ޝަރްޢީ ހަމަތަކާ ޚިލާފަށް ކަތިލެވިފައިވާކަން ދޭހަނުވާހާ ހިނދަކު އެތަކެތި މުސްލިމުންނަށް ޙަލާލުވެގެންވެ އެވެ. އެހެނީ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ދޭހަވާގޮތުގައި އެތަކެތީގެ އަޞްލަކީ ހުއްދަވުމެވެ. ދެން އެތަކެތި ޙަރާމް ކަމަށް ބެލެވޭނީ އެހެން ނައްޞަކުން ޙަރާމް ކަމަށް ދަލީލު ލިބިގެންނެވެ.

ހަމަ އެފަދައިން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ އަހްލުކިތާބީން ފިޔަވާ އެހެން މުޝްރިކުންގެ ކަތިލުމެއް ކަމަށް ވަނީނަމަ، އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވާކަން އިސްވެ ބަޔާން ކުރެވުނު އާޔަތުން ދޭހަވެއެވެ. އަދި ދަންނަބޭކަލުންގެ އިޖްމާޢުން ވެސް މިކަން ދޭހަވެއެވެ. މިފަދަ މަސް ކާން ފެށުމުގެ ކުރިން ބިސްމިﷲ ކިޔައިގެން ކާންފެށިކަމުގައިވީނަމަވެސް އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވެއެވެ.

ބައެއްމީހުން ބުނެ އުޅޭ ގޮތުގައި ކާންފެށުމުގެ ކުރިން ބިސްމިﷲ ކިޔައިގެން ފެށީމާ ހުއްދަވެއެވެ. އެހެންނަމަވެސް މިއީ މުޅިން ރަގަޅުވާހަކަ އެއް ނޫނެވެ. ސަބަބަކީ އެގޮތަށް ވާރިދުވެފައިވަނީ އަލަށް އިސްލާމްވި ބަޔަކު ކަތިލާތަކެއްޗާބެހޭގޮތުން ކަމަށްވާތީއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ރިވާޔަތެއްގައިވަނީ ޞަޙާބީންގެ ބަޔަކު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގެންދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަލަށް އިސްލާމްވީ ގައުމެއްގެ ބަޔަކު އެމީހުން ކަތިލާފައިވާ ތަކެތި އަހަރުމެންނަށް ހަދިޔާ ކުރެއެވެ. އެމީހުން އެތަކެތި ކަތިލުމުގެ ކުރިން ބިސްމިﷲ ކީ ކަމެއް އަހަރުމެންނަކަށް ނޭގެއެވެ. އެހިނދު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ. ތިޔަބައިމީހުން ކާންފެށުމުގެ ކުރިން ބިސްމިﷲ ކިޔާށެވެ.

މިޙަދީޡްގައި މިވަނީ ހަމައެކަނި އަލަށް އިސްލާމްވި ބަޔެއްގެ ކަތިލުމުގެ ވާހަކައެވެ. ކޮންމެ ކޮންމެ ބަޔެއްގެ ކަތިލުމުގެ ވާހަކަ އެއް ނޫނެވެ. އެހެންކަމުން ކަތިލާފައި ހުންނަ މަސްގަންނަ އިރު އެތަކެއްޗަކީ ޝަރްޢީ ހަމަތަކުގެ މަތިން ކަތިލެވިފައިވާ ތަކެތިތޯ، އަދި އެއީ ކޮންބަޔެއްގެ ކަތިލުމެއްތޯ ޔަގީން ކުރަން ޖެހޭނެއެވެ. ކުރިންވެސް ބުނެވުނު ފަދައިން މުޝްރިކުންގެ ކަތިލުންތަކުގެ ތެރެއިން މުސްލިމުންނަށް ޙަލާލުވެގެންވަނީ ހަމަ އެކަނި ފޮތުގެ އަހްލުވެރިންގެ ކަތިލުންތަކެވެ. އެނޫން ކަތިލުންތައް މުސްލިމުންގެ މައްޗަށް ޙަރާމްވެގެންވެއެވެ. ވީމާ ބާޒާރުގައި “ޙަލާލް” ލޭބަލް ޖަހާ، އިސްލާމީ އުސޫލުން ކަތިލެވިފައިވާ އެއްޗެއްކަމަށް ބުނެފައިވާނަމަ އެކެއުން ހުއްދަވެގެން ވެއެވެ. ނަމަވެސް ކަނޑައެޅިގެން އެއީ އިތުބާރުނުހިފޭ ފަރާތެއްކަން ޔަގީންވާނަމަ ހުއްދައެއް ނުވާނެއެވެ. “الحلال” މިލޭބަލަކީ ދުނިޔޭގެ ހުރިހާތަނެއްގައިވެސް ޢާއްމުކޮށް ވަކި އުސޫލެއްގެމަތިން ވަކި ޖަމްޢިއްޔާ މުއައްސަސާ ތަކަކުން ދޫކުރާ ލޭބަލެކެވެ. އަދިހަމަ އެހެންމެ ދިވެހިރާއްޖެއަށް އެފަދަ ތަކެތި އެތެރެ ކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ޙަލާލް ސެޓްފިކެޓް ހުށަހަޅަންޖެހޭގޮތަށް އޮންނަކަންވެސް ފާހަގަ ކޮށްލަމެވެ. ވީމާ މިފަދަ އެއްޗެއް ކެއުމުގެ ކުރިން އެއީ ކޮންދީނެއްގެ ކާކު ކަތިލިއެއްޗެއްތޯ ބަލާ ސުވާލުކުރުމުގެ ތަކުލީފު މުސްލިމުންނަކަށް ނުޖައްސަވައެވެ. ނަމަވެސް ވަރަޢަ ވެރިކަމުގެ (ދީންވެރިކަމުގެ) ގޮތުން މީހަކު އެފަދަ އެއްޗެއް ނުކެއުމަކީ އެމީހަކަށް ލިބިގެންވާ ޙައްގެކެވެ. ނަމަވެސް އެހެން މީހުންގެ މައްޗަށް އެއްވެސް ހެއްކެއްނެތި އެޙަރާމްކޮށްގެން ނުވާނެއެވެ.   والله أعلم

[1]  صحيح البخاري » كِتَاب الذَّبَائِحِ وَالصَّيْدِ » بَاب التَّسْمِيَةِ عَلَى الذَّبِيحَةِ، رقم الحديث: 5099

[2]  صحيح البخاري » كِتَاب الْأَضَاحِيِّ » باب مَنْ ذَبَحَ الْأَضَاحِيَّ بِيَدِهِ، رقم الحديث: 5158

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.