އެކަމަނާގެ މޫނުފުޅު ނިވާކުރައްވައިގެން އިންނެވުމުން ޞޮފްވާނު ބުނުލް މުޢައްޠިލް رضي الله عنه އެކަލޭގެފާނުގެ ސާވާރީ އެކަމަނާއާ ކައިރިކުރައްވައި އެކަމަނާއަށް އޭގެ މައްޗަށް އެރޭނޭހެން އޭތި ތިރިކުރައްވައި އެންމެހާ މުއުމިނުތަކުންގެ މަންމަ ކަމުގައިވާ ޢާއިޝާ رضي الله عنها އަރައިވަޑައިގަންނަވަންދެން އެކަމަނާއަށް ފުރަގަސްދެއްވައި އިޙްތިރާމާއެކު އިސްދަށަށް ޖައްސަވައިގެން ޖަމަލުގެ ކުރީ ފައިގެ ކަކޫ މައްޗަށް ފައިން އަރައިވަޑައިގެން އެސޮރު ކިޔަމަންކުރައްވައި އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހުންނެވިއެވެ.
އެހިނދު ކުރިމަތިވެފައިމިވާ ކަންތަކުގެ ބޮޑުކަން ހިތަށް އަރައިވަޑައިގެން އެކަމުން ވީހާވެސް އަވަހަކަށް މިންޖުވުން އެދޭޙާލު ލަސްނުކުރައްވައި ﷲ ތަޢާލާއަށް ވަކީލު ކުރައްވައި “حسبي الله ونعم الوكيل” މިހެން ވިދާޅުވެ އުއްމުލްމުއުމިނީން ސަވާރީއަށް އަރައިވަޑައިގެންނެވިއެވެ.
އަދި ޞޮފްވާނު ބުނުލް މުޢައްޠިލް رضي الله عنه ވެސް ސަވާރީގެ ލަގަނުގައި ހިއްޕަވައިވަޑައިގެން އެކަމަނާގެ ލޮބުވެރި ފިރިކަލުން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ފޯރާތޯ އަވަސްފިޔަވަޅުގައި ކުރިއަށް ވަޑަގެންނެވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު ތިމަންކަމަނާއާ މުޚާތަބުކޮށް އެންމެ ކަލިމައެއްހާހިސާބުވެސް ވިދާޅެއް ނުވެއެވެ”.
ދުވަހުގެ ވަގުތުތައް ހިނގަމުން ގޮސް އެންމެފަހުން އިރުއޮއްސެން ގާތްވުމުން ގާފިލާ މަރުކަޒުކުރުމައްޓަކައި އަޅަން މަޑުކުރަން ނަބިއްޔާ صلى الله عليه وسلم ގެ އަމުރުފުޅު އައުމުން އެހެނެކޭވެސް އެއްފަދައިން އެންމެހާ މީސްތަކުން އެބައިމީހުންގެ ޖަމަލުތަކުގެ މަތިން ޙައުދަޖުތަކާއި ސާމާނުތައް ތިރިކޮށް އެމަންޒިލަށް ފައިބަން މަސައްކަތް ފެށިއެވެ.
ނަމަވެސް ކުއްލިއަކަށް ގާފިލާގެ ބައެއް މީހުންނަށް ފެނިގެން ދިޔައީ މާދުރުނޫން ހިސާބަކުން ޖަމަލެއްގެ މައްޗަށް އަންހެނަކު އަރުވައިގެން އޭގެ ލަގަނުގައި ހިފައިގެން ހިނގާފަ އަންނަ ފިރިހެނެކެވެ. އަދި ގާފިލާތެރެއަށް ވަދެގޮސް ޢާއިޝާ رضي الله عنها ގެ ހައުދަޖަށް އޭގައި އިން އަންހެން މީހާ ވަތް ތަނެވެ. އިސާހިތަކު މަންޒަރު ދުށް މީހުންގެ ތެރޭގައި ތިބި ބައެއް މުނާފިޤުން ދަނޑިވަޅުގެ ބޭނުންހިފައި ﷲ ތަޢާލާ ރުއްސުންލެއްވި މުއުމިނުތަކުންގެ މަންމާފުޅު ޢާއިޝާ رضي الله عنها އާ މެދު ވާހަކަ ހަދައި އެމީހުންގެ މެދުގައި ދައްކަން ފެށިއެވެ.
ގާފިލާ ގޮސް އޭގެ މަންޒިލު ކަމުގައިވާ މަދީނާއަށް ފޯރައި ދަތުރު ޚަލާޞްކުރުމުން އޭގައި ތިބި އެހެން ދަތުރުވެރިންނެކޭ އެއްފަދައިން ޢާއިޝާ رضي الله عنها ވެސް އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި ސަހަރާތެރޭގައި ކުރެއްވި ބުރަ ދަތުރުގެ ވަރުބަލިކަމާއި އާލާސްކަންފުޅުގައި ދުވަސްތައް ވޭތުކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން ގެކޮޅުން ނިކުމެވަޑައިނުގެން ދުވަސްތައް ވޭތުކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން އެކަމަނާއާ ބެހޭގޮތުން މުނާފިޤުން އަޑީގައި ތިބެ ރަށުތެރޭގައި ތުންތުންމަތިން ފަތުރަމުން ދިޔަ ވާހަކައިގެ ހިލަމެއްވެސް އެކަމަނާއަށް ނުވެއެވެ.
އެގޮތުގައި ދުވަސްތައް ވޭތުވަމުން ދިޔައިރު ކުރިޔާ ޚިލާފަށް މާތް ނަބިއްޔާ صلى الله عليه وسلم ގެ އޯގާތެރިކަމާއި އަޅާލެއްވުމާއި މުނިއަވަސްފިއްލުމުގެ އެއްވެސް ކަމެއް އެކަމަނާއަށް ނުފެންނަކަން ފާހަގަކުރެއްވުމެވެ. އަދި އާލާސްކަންފުޅާ އުޅުއްވާއިރު ބަހައްޓަވާފަދައި ހަމްދަރުދީވުމެއްވެސް އެއްވެސް ވަރަކަށް ނުލިބޭކަން އިހުސާސްކުރެވުނެވެ. ހަމައެކަނި ހަދީޘްފުޅު ކުރައްވާހާވެސް ބަސްފުޅަކީ: “ކަމަނާގެ ޙާލު ކިހިނެތް؟” މިއެވެ. އަދި އެކަމާމެދު ހައިރާންވެވަޑައިގެން އެއީ ކީއްވެގެން ވާކަމެއްތޯ ސުވާލު އުފެދި އެކަމާ ވަރަށް ބޮޑަށް ފިކުރުކުރެއްވެން ފެއްޓެވިއެވެ.
މިގޮތުގެމަތިން ދުވަސްތަކެއް ވޭތުވިފަހުން ޢާއިޝާ رضي الله عنها ގެ އާލާސްކަންފުޅު ލުއިވެ ބޭރަށް ނުކުމެވޭވަރުވުމުން އޭރުގެ އަންހެން ޞަޙާބާއިންގެ ޢަމަލުފުޅު ހުންނަވާގޮތުގެމަތީން އެއްރެއަކު އެކަމަނާއާ ގާތްތިމާގެ ޞަޙާބީއެއް ކަމުގައިވާ މިސްޠޮޙްގެ މަންމާފުޅާއެކު ރަށްބޭރަށް ޤަޞާޙާޖަތަކަށް ނިކުމެވަޑައިގެންވިއެވެ. އަދި ހިންގަވާފައި އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތިން ، އުއްމު މިސްޠޮޙް رضي الله عنهما އެކަމަނާގެ ދަރިފުޅަށް ނިސްބަތްކުރައްވައި ބުނުއްވި ބަދުބަސްފުޅެއްގެ ސަބަބުން ޢާއިޝާގެފާނު رضي الله عنها ހައިރާންވެވަޑައިގެން ސުވާލުފުޅު ކުރެއްވިއެވެ: “ކަމަނާ ﷲ އަށް ބިރުވެތިވެވަޑައިގަންނަވާށެވެ! ބަދުރު ހަނގުރާމައިގައި ބައިވެރިވެޑައިގެންނެވި ބޭކަލަކަށް ކަމަނާ ބަދުބަސް ވިދާޅުވަނީތޯއެވެ؟”
ޖަވާބުގައި އުއްމު މިސްޠޮޙް رضي الله عنها ވިދާޅުވިއެވެ: “ކަމަނާއާ ބެހޭގޮތުން މިސްޠޮޙް ދެއްކި ވާހަކަ ކަމަނާއަށް އެނގިނުލައްވަނީތޯއެވެ؟”
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: “އާދޭހެވެ. އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟”
އެހިނދު އެކަމަނާއާ ބެހޭގޮތުން ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަ އުއްމު މިސްޠޮޙް رضي الله عنها ކިޔައިދެއްވިއެވެ.
އެވާހަކަ ކިޔައިދެއްވުމުން ޢާއިޝާގެފާނު رضي الله عنها ހައިރާންވެ ބަސްހުއްޓުނެވެ. އަދި އެކަމާ ހިތާމަކުރައްވާ ޙާލު ބާރަށް ގެކޮޅަށް ވަޑައިގެން އާލާސްކަންފުޅުމުގެ މައްޗަށް ހިތްދަތިކަން އިތުރުވެ އިހުނަށް ވުރެ ޙާލުކޮޅު ދެރަވިއެވެ. އަދި ދާންމަތިކޮޅުގައި އޮށޯވެވަޑައިގެން ކީރިތިކުރެއްވުމުގައި އެރޭގެ ވަގުތުތައް ހޭދަކުރައްވަމުން ގެންދެވިއެވެ. އަދި މަންމާފުޅާއި ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވުމަށް އިޒުނަ ހޯއްދެވުމުގެ ބޭނުމުގައި ރަސޫލާ صلى الله عليه وسلم އެރޭ އެކަމަނާއަށް ޒިޔާރަތްކުރެއްވާނެ ވަގުތެއްގެ އިންތިޒާރުގައި އިންނެވިއެވެ. އެއީ އިވިވަޑައިގެންނެވި ޚަބަރުގެ ވާހަކަ ޔަޤީންކުރެއްވުމައްޓަކައެވެ.
ޢާއިޝާ رضي الله عنها އެހެން އިންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم އެކަމަނާގެ ގެކޮޅަށް ވަޑައިގެން ސަލާމް ގޮވާލައްވައި އެކަމަނާގެ ޙާލުކޮޅާމެދު ސުވާލުފުޅުކުރެއްވުމުން އެއަށް ޖަވާބުދާރިވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅުގެ އަރިހަށް ވަޑައިގަތުމުގެ އިޒުނަފުޅަށް އިތުރު އެކަލޭގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި އިޒުނަފުޅު ލިބިވަޑައިގަތުމުން އެދެބޭކަލުންގެ އަރިހަށް ވަޑައިގެން މަންމާފުޅުގެ އަރިހުން ސުވާލު ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ:
“އޭ މަންމާފުޅާއެވެ! މީސްތަކުން މިކިޔަނީ ކީކޭހެއްޔެވެ؟”. ޖަވާބުގައި މަންމާފުޅު ވިދާޅުވިއެވެ. “އޭ ދަރިފުޅާއެވެ! އެކަމާ އަޅާނުލާށެވެ. އެކަކަށް ވުރެ ގިނަ އަނބިން ގެންގުޅޭ ފިރިއެއްގެ ކައިރީ އެއިން އެކަކީ ގަދަރު އުފުލިގެންވާ އަންބެއް ކަމުގައިވާނަމަ ދެންތިބި އަނބީންގެ ފަރާތުން ޖެހޭ އުނދަގޫ ގިނަވުމަކީ ނުވެނުދާނެ ކަމެކެވެ”. އެހިނދު ޢާއިޝާ رضي الله عنها “ސުބްޙާނަﷲ އެވެ! މީސްތަކުން ހަމަކަށަވަރުން އެފަދައިން ވާހަކަ ދައްކަނީތާއެވެ”. މިހެން ވިދާޅުވެ ފަތިސް ވަންދެން ކީރިތިކުރެއްވުމުގައި އެރޭ އެއްކޮށް ހޭދަކުރެއްވިއެވެ.
މުނާފިޤުންގެ އިތުރުން ބައެއް މުއުމިނުންގެ ތުންތުން މަތިން މިވާހަކައިގެ ފޮލާތައް މަދީނާތެރޭގައި ހުއްޓުމެއްނެތި ދައުރުވެ ފެތުރެމުން ދިޔައެވެ. ހަމައެއާއެކު ނަބިވީ އާއިލާއަށް އެކަމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ބުރައާއި އުނދަގޫތައް ތަޙައްމަލު ކުރެއްވުމުގައި މާތް ނަބިއްޔާ صلى الله عليه وسلم ވެސް ކެތްތެރިކަމާއެކު ހުންނެވިއެވެ.
ނަމަވެސް މިގޮތުގައި އެތައް ދުވަހެއް ހޭދަކުރެއްވުމަށްފަހު އެކަން ހަމަމަގަށް އެޅުވުމަށް އެންމެ ފަހުން ނަބިއްޔާ صلى الله عليه وسلم ނިންމެވިއެވެ. އަދި މިސްކިތްކޮޅަށް ވަދެވަޑައިގެން މިންބަރުކޮޅަށް އަރާވަޑައިގެން ޙަދީޘްފުޅު ކުރެއްވިއެވެ: “އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ގޭގެ އަހުލުވެރިންނަށް ދާންދެން އެމީހެއް (އެމީހަކީ: މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބުނު އުބައްޔު ބުނު ސަލޫލް) ގެ އުނދަގޫ ޖެހިފައިވާ މީހާގެ ކިބައިން ތިމަންކަލޭގެފާނަށް ޢުޛުރު (އެބަހީ: ނަޖާ) ހޯދައިދެއްވާނީ ކޮންބޭކަލެއް ހެއްޔެވެ؟”.
މާތް ނަބިއްޔާ صلى الله عليه وسلم އެފަދައިން ހަމަ ހަދީޘްފުޅު ކުރެއްވުމާއެކު އެތަނުގައި ތިއްބެވި ޞަޙާބީންގެ ތެރެއިން އައުސްވަންހައިގެ ޞާހިބާ ސަޢްދު ބުނު މުޢާޛް رضي الله عنه އެއަށް ޖަވާބުދާރީވެޑައިގެން ވިދާޅުވިއެވެ: “އެމީހެއްގެ ކިބައިން ތިމަންކެލޭގެފާނު ޢުޛުރު ހޯއްދަވައިދެއްވާނަމެވެ. އެމީހަކީ އައުސްވަންހައިގެ މީހެއްކަމުގައިވާނަމަ އެމީހަކު ޤަތުލުކުރާހުށީމެވެ. އަދި އެމީހަކީ އަހަރެމެންގެ އަޚުން ކަމުގައިވާ ޚަޒްރަޖުވަންހައިގެ މީހެއްކަމުގައިވާނަމަ ތިމަންބޭކަލުންނަށް އަމުރުފުޅު ކުރައްވާށެވެ. ފަހެ ކަލޭގެފާނުގެ އަމުރުފުޅު ތަންފީޛުކުރާހުށީމެވެ. ފަހެ އެމީހަކީ އެމީހެއްގެ ކަނދުރާގައި ކަނޑިން އެތިފަހަރެއް ޖެހުން ޙައްޤުވެގެންވާ މީހެކެވެ”.
ނުނިމޭ…