
ޖީ7 ގެ އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ފުރާވަޑައިގަންނަވައިފި.
މިމަހުގެ 11-12 އަށް އިޓަލީވިލާތުގެ ބޮލޯނާގައި ބޭއްވޭ ޖީ7 ނުވަތަ ދި ގްރޫޕް އޮފް ސެވަންގެ، އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް އިޓަލީއަށް ފުރާވަޑައިގަންނަވައިފިއެވެ.
މިބައްދަލުވުމަކީ، ޖީ7 ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވާ ޤައުމުކަމަށްވާ އިޓަލީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޖީ7 ގެ މެންބަރު ޤައުމުތައްކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާން، ޖަރުމަނީ، ފްރާންސް އަދި އިޓަލީވިލާތުގެ މިނިސްޓަރުންގެ އިތުރުން ޔޫރަޕިއަން ޔުނިއަންގެ އެންވަޔަރަންމަންޓް އަދި ކުލައިމެޓް ޗޭންޖްގެ ކަމިޝަނަރުންވެސް ބައިވެރިވެ ވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ. ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވަނީ، ބައްދަލުވުމުގައި ބައިވެރިވުމަށް ޚާއްސަ ދަޢުވަތު ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
އިޓަލީގައި ބޭއްވޭ މިބައްދަލުވުމުގައި، އ.ދ.ގެ މޫސުމަށްއަންނަ ބަދަލުތަކާބެހޭ، ޕެރިސް އެގްރީމަންޓް ތަންފީޒު ކުރުމާބެހޭ ގޮތުންނާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމާބެހޭ ގޮތުންނާއި އަދި ވެސް ތިމާވެއްޓާއި ގުޅުންހުރި މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްވަރާތަކުގައި ކުދި ޤައުމުތަކުގެ މަސްލަޙަތާއި ގުޅޭގޮތުން ރާއްޖެއިން ވާހަކަ ދެއްވުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިބައްދަލުވުމުގެ ހަވާސާގައި އިޓަލީގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގޭ ތިމާވެއްޓާއި މޫސުމަށްއަންނަ ބަދަލުތަކާއި ގުޅޭ ޕްރޮގްރާމްތަކާއި، އަދި މިދާއިރާއިން އިތުރު އެހީ ހޯއްދެވުމާއި ގުޅޭގޮތުން އިޓަލީގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއި މަޝްވަރާކުރެއްވުމަށާއި އަދި އިންޓަރނޭޝަނަލް ރިނިވްބަލް އެނެރޖީ އޭޖެންސީގެ އެހީގައި ހިންގޭ މަޝްރޫޢުތަކާއި ގުޅޭގޮތުން އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޢަދުދާނު އަމީންއާއިވެސް މަޝްވަރާކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.



