އިބްނު ގުދާމާ -ރަޙިމަހުﷲ- ވިދާޅުވިއެވެ.
”ގުރްއާނުން އެއްވެސް މިންވަރެއް ރަގަޅަށް ކިޔަވަން ނޭނގޭނަމަ، އަދި ނަމާދު ވަގުތު ނިމުމުގެ ކުރިން ދަސްކުރުމުގެ ކުޅަދާނަކަން ނެތްނަމަ، އޭނާ ކިޔުމަށް ލާޒިމް ވެގެން ވަނީ (ސުބްޙާނަﷲ ވަލްޙަމްދުލިއްލާހި ވަލާ އިލާހަ އިއްލަﷲ ވަﷲ އަކްބަރު ވަލާ ޙައުލަ ވަލާ ގުއްވަތަ އިއްލަ ބިﷲ ) މިވަރަށެވެ. ދަލީލަކީ: عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى ، قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا يُجْزِئُنِي مِنَ الْقُرْآنِ فَإِنِّي لا أَقْرَأُ ، قَالَ : “ قُلْ : سُبْحَانَ اللَّهِ ، وَالْحَمْدُ لِلَّهِ ، وَلا إِلَهَ إِلا اللَّهُ ، وَاللَّهُ أَكْبَرُ ، وَلا حَوْلَ وَلا قُوَّةَ إِلا بِاللَّهِ “ , قَالَ : فَضَمَّ عَلَيْهَا الرَّجُلُ بِيَدِهِ وَقَالَ : هَذَا لِرَبِّي فَمَاذَا إِلَيَّ ؟ , قَالَ : “ قُلِ : اغْفِرْ لِي ، وَارْحَمْنِي ، وَاهْدِنِي ، وَارْزُقْنِي ، وَعَافِنِي “ , قَالَ : فَضَمَّ عَلَيْهَا بِيَدِهِ الأُخْرَى وَقَامَ . رواه النسائي (924) وأبو داود (832) . މާނައަކީ: ޢަބްދުﷲ ބިން އަބީ އައުފަގެ ކިބައިން ރިވާވެގެން ވެއެވެ. މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާ އެވެ. ގުރްއާނުން ތިމަންނާ އަށް ފުދޭނެ މިންވަރެއް ދަސްކޮށްދެއްވާށެވެ. ހަމަކަށަވަރުން ތިމަންނާ އަށް ގުރްއާން ކިޔަވާކަށް ނޭނގެއެވެ.“ ޙަދީޘް ކުރެއްވިއެވެ. ތިބާ ކިޔާށެވެ. ”ސުބްޙާނަﷲ، ވަލްޙަމްދުލިއްލާހި، ވަލާ އިލާހަ އިއްލަﷲ، ވަﷲ އަކްބަރު، ވަލާ ޙައުލަވަލާ ގުއްވަތަ އިއްލާ ބިﷲ.“ އެހިނދު އެމީހާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުގެ އެއް އަތުން ހިފާލުމަށްފަހު ގައި ބުންޏެވެ. ”މިއީ ތިމަންނާގެ ރައްބަށް އޮތް ކަމެކެވެ. ތިމަންނާ އަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟“ ޙަދީޘް ކުރެއްވިއެވެ. ”ތިބާ ކިޔާށެވެ. (اغْفِرْ لِي ، وَارْحَمْنِي ، وَاهْدِنِي ، وَارْزُقْنِي ، وَعَافِنِي )މާނައީ (މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވަ، ހިދާޔަތް ދައްކަވާ، ރިޒްގު ތަނަވަސް ކޮށް ދެއްވާ، ޢަފޫކޮށް ދެއްވާފާންދޭވެ.) ދެން އެމީހާ އަނެއް އަތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުގައި ހިއްޕެވުމަށްފަހުގައި ތެދުވެއްޖެ އެވެ.
މި ކަލިމަތަކަށް ވުރެ އިތުރު ކުރުން ލާޒިމް ވެގެން ނުވެއެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހާ އަށް ދަސްކޮށްދެއްވީ މިވަރަށެވެ. ފަހުން ދަސްކޮށްދެއްވި ބަޔަކީ އޭނާ އަމިއްލަ އަށް އެދިގެން ދަސްކޮށްދެއްވި ބަޔަކަށް ވާތީވެ އެބައި ކިޔުން ލާޒިމެއް ނޫނެވެ.
އެމީހަކަށް ސޫރަތުލް ފާތިޙާގެ ބައެއް ކިޔަން އެނގިފައި އަނެއްބައި ނޭނގޭނަމަ ލާޒިމް ވެގެންވަނީ އެނގޭބައި ކިޔުމަށެވެ. އެމީހަކަށް އެނގޭ ބައި ހަތް އާޔަތް ހަމަވަންދެން ތަކްރާރު ކުރާނީއެވެ.
އިބްނު ގުދާމާ ރަޙިމަހުﷲ ވިދާޅުވިއެވެ. ”އަލްޙަމްދުލިއްލާހި، ލާއިލާހަ އިއްލަﷲ، ވަﷲ އަކްބަރު“ މިފަދައިން ކީ ނަމަވެސް ފުދޭނެއެވެ. ސަބަބަކީ ނަމާދު ނުބައިކޮށް ކުރި މީހާ އަށް ނަމާދު ކުރާނެ ގޮތް ދަސްކޮށް ދެއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (فَإِنْ كَانَ مَعَكَ قُرْآنٌ فَاقْرَأْ وَإِلَّا فَاحْمَدِ اللَّهَ وَكَبِّرْهُ وَهَلِّلْهُ ) رواه أبو داود . މާނައަކީ: ”ތިބާ އަށް ގުރްއާނުން މިންވަރެއް ދަސްވެފައިވާނަމަ އެމިންވަރެއް ކިޔަވާށެވެ. ނޫންނަމަ ﷲ އަށް ޙަމްދުކޮށް ތަކްބީރު ކިޔާ، ތަހްލީލު ކިޔާ ހަދާށެވެ.“ (އަލްމުޣްނީ 1/289-290.)
އިމާމް މީހާ ސޫރަތުލް ފާތިޙާގެ އާޔަތެއް ހަނދާން ނެތިއްޖެނަމަ ނަމާދުގެ ޙުކުމަކީ ކޮބާ؟
ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެއް ކަމަށާއި އެއާއި ނުލާ ނަމާދު ޞައްޙަ ނުވާނެ ވާހަކަ އިސްވެ ބަޔާން ކުރެވިއްޖެއެވެ.
އިމާމަކު ނުވަތަ މައުމޫމަކު ނުވަތަ އެކަނިހުރެ ނަމާދު ކުރާ މީހަކު ރަކްޢަތެއްގައި ސޫރަތުލް ފާތިޙާ ނުވަތަ ސޫރަތުލް ފާތިޙާގެ އާޔަތެއް ހަނދާން ނެތިއްޖެނަމަ، އަދި ނަމާދުން އަވަދިވީތާ ގިނައިރު ތަކެއްވީ ފަހުން އެކަން ހަނދާންވެއްޖެނަމަ އަލުން ނަމާދު ކުރަން ޖެހޭނެއެވެ. ނަމާދުން އަވަދިވީތާ މާގިނައިރު ތަކެއް ނުވަނީސް ހަނދާންވެއްޖެނަމަ، މައްސަލަ ޖެހުނު ރަކްޢަތެއް އެކަނި އަލުން އިޢާދަ ކުރާނީއެވެ. އެއަށް ފަހު ކުށު ސަޖިދަ ކުރާނީއެވެ.
ނަމާދުގައި ސޫރަތުލް ފާތިޙާ އަށް ފަހު ސޫރަތެއް ކިޔަވަން ޖެހޭނެތަ؟
عَنْ عَطَاءٍ ، قَالَ : قَالَ أَبُو هُرَيْرَةَ : “ فِي كُلِّ صَلَاةٍ قِرَاءَةٌ ، فَمَا أَسْمَعَنَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَسْمَعْنَاكُمْ ، وَمَا أَخْفَى مِنَّا أَخْفَيْنَاهُ مِنْكُمْ ، وَمَنْ قَرَأَ بِأُمِّ الْكِتَابِ ، فَقَدْ أَجْزَأَتْ عَنْهُ ، وَمَنْ زَادَ فَهُوَ أَفْضَلُ“ رواه البخاري ( 738 ) وعنده “ وإن زدت فهو خير “ ، ومسلم ( 396 ) . “ . ޢަޠާ ރަޙިމަހުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ”ކޮންމެ ނަމާދެއްގައިވެސް ކިޔެވުމެއް ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިޔަވާ ވިދާޅުވި އަޑު އަހަރުމެންނަށް އިވުނު ތަނެއް ތިޔަބައިމީހުންނަށް އިއްވައިދީފީމުއެވެ. އަދި އެކަލޭގެފާނު ވަންހަނާ ކުރެއްވި ތަންތަން(ސިއްރުން ކިޔަވާ ވިދާޅުވިތަންތަން) ތިމަންމެންވެސް ސިއްރުން ކިޔަވަމެވެ. އުއްމުލް ކިތާބި ކިޔަވައިފި މީހަކަށް ފުދިއްޖެއެވެ. އެއަށް ވުރެ އިތުރު ކޮށްފިނަމަ އެގޮތް މޮޅުއިތުރު ވެގެން ވެއެވެ.“
އިމާމް ނަވަވީ- ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
އަބޫ ހުރައިރާ- ރަޟިޔަﷲ ޢަންހުގެ ބަސްފުޅުގައި ”އުއްމުލް ކިތާބި ކިޔަވައިފި މީހަކަށް ފުދިއްޖެއެވެ. އެއަށް ވުރެ އިތުރު ކޮށްފިނަމަ އެގޮތް މޮޅުއިތުރު ވެގެން ވެއެވެ.“ މިފަދައިން އޮތުމުން ދޭހަވަނީ ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭ ކަމެވެ. އަދި އޭގެ ބަދަލުގައި އެހެން ތަނެއް ކިޔަވައިގެން ނުފުދޭނެ ކަމެވެ. ހަމައެފަދައިން، ސޫރަތުލް ފާތިޙާ އަށް ފަހުގައި އެހެން ސޫރަތެއް ނުވަތަ އާޔަތެއް ކިޔެވުން މުސްތަޙައްބު ވެގެންވާ ކަމެވެ. މިއީ ފަތިސް ނަމާދާއި ހުކުރު ނަމާދުގައްޔާއި، އެހެން ކޮންމެ ނަމާދެއްގެ ފުރަތަމަ ދެރަކްޢަތުގައި ކަން ކުރުން ސުންނަތްވެގެންވާ ގޮތެވެ.
ތިންވަނަ އަދި ހަތަރު ވަނަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހު ސޫރަތެއް ކިޔަވާނެތޯ ނުވަތަ ނޫންތޯ؟ މި މައްސަލާގައި ޢީލްމުވެރިން އިޚްތިލާފު އުފެދިފައިވެއެވެ.
އިމާމް މާލިކް ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި ފަހު ދެރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހު އިތުރު ތަނެއް ކިޔެވުމެއް ނެތެވެ.
އިމާމް ޝާފިޢީ ރަޙިމަހުﷲ- ގެ އަރިހުގައި ފަހު ދެރަކްޢަތުގައިވެސް ސޫރަތެއް ކިޔެވުން އެދެވިގެން ވެއެވެ.
ރާޖިޙް ގޮތަކީ: ފަހު ދެރަކްޢަތުގައި ސޫރަތެއް ނުކިޔެވުމެވެ. (ޝަރްޙު މުސްލިމް 4/105-106.)
ރަކްޢަތެއް ގެއްލުމުގެ ސަބަބުން އިމާމް މީހާ ސަލާމް ދިނުމަށް ފަހު، ނަމާދު ފުރިހަމަ ކުރުމަށް ތެދުވާ މީހާ، އޭނާގެ ފުރަތަމަ ރަކްޢަތްތަކަކީ އިމާމާ އާއި އެކުގައި ލިބުނު ރަކްޢަތްތަކެވެ. އެހެންކަމުން، ބާކީ އޮތީ ތިންވަނަ ނުވަތަ ހަތަރުވަނަ ރަކްޢަތްނަމަ ސޫރަތުލް ފާތިޙާ އަށް ފަހު ސޫރަތެއް ނުކިޔަވާނެއެވެ.
ނަމަވެސް، ބައެއް ފަހަރު ތިންވަނަ އަދި ހަތަރު ވަނަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހު ސޫރަތެއް ކިޔަވާ ލުމަކީ މައްސަލަ އެއް ނޫނެވެ. ސަބަބަކީ އެގޮތަށް އެކަން ކުރައްވާ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ކިބައިން ވާރިދުވެފައިވާތީވެއެވެ. والله أعلم .
ނަމާދުގައި ސޫރަތުލް ފާތިޙާ އަށް ފަހުގައި އެއް ސޫރަތަށް ވުރެ ގިނަ ސޫރަތް ކިޔެވުން:
ނަމާދުގައި ސޫރަތުލް ފާތިޙާ އަށް ފަހުގައި އެއް ސޫރަތަށް ވުރެ ގިނަ ސޫރަތް ކިޔެވުމަކީ މައްސަލަ އެއް ނޫނެވެ. ދަލީލަކީ: عَنْ عَائِشَةَ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، “ بَعَثَ رَجُلًا عَلَى سَرِيَّةٍ ، وَكَانَ يَقْرَأُ لِأَصْحَابِهِ فِي صَلَاتِهِمْ فَيَخْتِمُ بِ قُلْ هُوَ اللَّهُ أَحَدٌ فَلَمَّا رَجَعُوا ، ذُكِرَ ذَلِكَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : سَلُوهُ ، لِأَيِّ شَيْءٍ يَصْنَعُ ذَلِكَ ؟ فَسَأَلُوهُ ، فَقَالَ : “ لِأَنَّهَا صِفَةُ الرَّحْمَنِ “ ، فَأَنَا أُحِبُّ أَنْ أَقْرَأَ بِهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ“ رواه البخاري (6940) ، ومسلم (813) . މާނައަކީ: އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޝްކަރެއްގައި މީހަކު ފޮނުއްވިއެވެ. އޭނާގެ ދަތުރުގެ ބައިވެރިންނާއި އެކު ނަމާދު ކުރައްވާނަމަ ނިންމަވާލައްވަމުން (قُلْ هُوَ اللَّهُ أَحَدٌ ) ކިޔަވައެވެ. އެބޭކަލުން އެނބުރި ވަޑައިގަތުމަށް ފަހު މިވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”އެއީ ކީއްވެގެން ކުރާ ކަމެއްތޯ އޭނާ އާއި ސުވާލުކޮށް ބަލާށެވެ؟“ ދެން އޭނާ އާއި ސުވާލު ކުރުމުން ޖަވާބުގައި ބުންޔެވެ. ”އެ ސޫރަތުގައި ރަޙްމާންވަންތަ ﷲ ގެ ޞިފަފުޅުތައްވާތީވެއެވެ. އެހެންވެ، އެސޫރަތް ކިޔަވާ ހިތްވަނީއެވެ.“ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ ދެކެ ލޯބިވެ ވޮޑިގެންވާ ކަމުގެ ޚަބަރު އޭނާ އަށް ދޭހުށި ކަމެވެ.“
ވީމާ، ނަމާދުގައި މިގޮތަށް ހެދުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ސުންނަތެއް ނޫނެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިގޮތަށް ކަންތައް ކުރެއްވި ކަން އެނގެން ނެތުމެވެ. ވީމާ، ކޮންމެ ނަމާދެއްގައި މިގޮތަށް ކަންތައް ނުކުރުން ރަގަޅެވެ. ނޫންނަމަ، އެއީ ސުންނަތެއް ކަމުގައި ބަޔަކު މީހުންނަށް ހީވެދާނެއެވެ. ދޭތެރެއަކުން މިގޮތަށް ހަދާލި ނަމަވެސް މައްސަލަ އެއް ނެތެވެ.
ފަޟީލަތުއް ޝައިޚް އިބްނު ބާޒް- ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ.
އެއް ރަކްޢަތެއްގައި އެއް ސޫރަތަށް ވުރެ ގިނަ ސޫރަތް ކިޔެވުން ހުއްދަވެގެންވޭތޯއެވެ؟ އެއީ ހުއްދަ ކަމެއް ކަމަށް ވަނީނަމަ، ކިޔަވަން ޖެހޭނީ ސޫރަތްތަކުގެ ތަރްތީބުންތޯ އެވެ؟ ނޫންނަމަ ފަހުގެ ސޫރަތެއް ކިޔެވުމަށް ފަހު ކުރީގެ ސޫރަތެއް ވެސް ކިޔެވިދާނެތޯއެވެ؟
ޖަވާބުގައި ވިދާޅުވިއެވެ. ”ސޫރަތުލް ފާތިޙާ އަށް ފަހު އެއް ސޫރަތަށް ވުރެ ގިނަ ސޫރަތް ކިޔެވުމަކީ މައްސަލަ އެއް އޮތް ކަމެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއް ރަކްޢަތުގައި ބަގަރާ، އާލުޢިމްރާން އަދި ނިސާ ސޫރަތް ކިޔަވާ ވިދާޅުވި ކަމަށް ޘާބިތު ވެއެވެ. އަދި ބައެއް ޞަޙާބީން ސޫރަތުލް ފާތިޙާ އަށް ފަހުގައި އިތުރު ސޫރަތެއް ކިޔެވުމަށްފަހު ސޫރަތުލް އިޚްލާޞް ކިޔަވާ ވިދާޅުވި ޚަބަރު ލިބިވަޑައިގަތް ހިނދުގައި އެކަމަށް އިގްރާރުވެލެއްވިއެވެ.
ވީމާ، އެއް ސޫރަތަށް ވުރެ ގިނަ ސޫރަތް ކިޔެވުމަކީ މައްސަލަ އެއް ނޫނެވެ. މުޞްޙަފްގެ ތަރްތީބުން ނޫންނަމަވެސް މައްސަލަ އެއް ނެތެވެ. ނަމަވެސް، ބޮޑަށް ރަގަޅު ގޮތަކީ މުޞްޙަފްގެ ތަރްތީބު އޮޅުވާ ނުލުމެވެ.“ (ފަތާވާ ނޫރުން އަލައްދަރްބި 8/250.)
(ނުނިމޭ..)
ދެން އަންނަން އޮތް ބައިގައި……….
ކޮންމެ ރަކްޢަތެއްގައި ކިޔަވަން ޖެހޭނީ ސޫރަތެއް އެއް ކޮށްތޯ؟ ނުވަތަ ދިގު ސޫރަތެއްގެ އެއްބައި ކިޔެވި ނަމަވެސް ފުދޭނެތޯ؟