
އާމްދަނީ އާއި ހިއްސާދާރުންގެ ފައިދާގެ އިތުރުން ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
އަމާނާ ތަކާފުލް (މޯލްޑީވްސް) ޕލކ، ދިވެހިރާއްޖޭގެ ހިއްސާ ބާޒާރުގައި ލިސްޓްކުރެވިފައިވާ ހަމައެކަނި އިސްލާމީ ޝަރިއާގެ ޢުސޫލުން ވިޔަފާރިކުރާ ކުންފުނީގެ 6 ވަނަ އަހަރީ ޢާންމު ޖަލްސާ 14 މެއި 2017 ވަނަދުވަހު ވަނީ ބާއްވައިފިއެވެ.
މިޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާނެ މިންވަރު ވަނީ ކަނޑައަޅާފައެވެ.
އަހަރުން އަހަރަށް ހިއްސާގެ ފައިދާ އިތުރުވަމުންގޮސް، މިދިޔަ 2016 ވަނަ އަހަރަކީ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު ޢަދަދެއް ދިނުމަށް ނިންމި އަހަރެވެ. 2016 ވަނަ އަހަރަށް ކަޑައަޅާފައިވާ ހިއްސާގެ ފައިދާގެ މިންވަރަކީ 12.5 އިންސައްތައެވެ. 2016 ވަނަ އަހަރުގެ އޯގަސްޓް އަދި ޑިސެމްބަރު މަހު ދޫކޮށްފައިވާ އިންޓެރިމް ފައިދާ އާއިއެކު މިފަހަރުގެ އަހަރީ ޢާންމު ޖަލްސާގައި މިވަނީ ޖުމްލަ ޑިވިޑެންޑް ގޮތުގައި ބަހާނެ މިންވަރު ކަނޑައަޅާ ފާސްކޮށްފައެވެ.
”ކުންފުނީގެ ވިޔަފާރީގެ ނަތީޖާއަށް ބަލައި ކުންފުނީގެ ފަރާތުން 2016 ވަނަ އަހަރުގެ އޯގަސްޓް އަދި ޑިސެމްބަރު މަހު ދޫކޮށްފައިވާ އިންޓެރިމް ޑިވިޑެންޑާއެކު މުޅިޖުމްލަ ހިއްސާއެއްގެ މޫނުމަތީ އަގުގެ 12.5 އިންސައްތަ ހިއްސާދާރުންނަށް ބެހުމަށް އުފަލާއެކު ކަނޑައަޅާ އެކަން އިޢުލާންކުރަމެވެ.“، ކުންފުނީގެ ޗެއާމަން ތައްޔިބު އަކުބަރު ޢަލީ ވިދާޅުވިއެވެ.
ކުންފުންޏަށް ދިމާވަމުންދާ ގޮންޖެހުންތަކާއިބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޗެއާމަން އަކްބަރު ޢަލީ ވިދާޅުވީ ،“ކުންފުންޏަށް ދިމާވި ގޮންޖެހުންތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދިނުމުން މަހްރޫމުވުމުގެ ގޮންޖެހުމާއެކު ކުންފުނީގެ އަމާޒަށް ވާސިލުވުމަށް އިތުރަށް މަސައްކަތްކުރަން ޖެހުނެވެ“.
އަކްބަރު ޢަލީ އިތުރަށް ވިދާޅުވި ގޮތުގައި، ”ތަފާތު މާކެޓުތަކަށް ޙާއްސަކޮށް ޚިދުމަތްތައް ތަޢާރަފުކޮށް ކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުތަށް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރެވުމުގެ ސަބަބުން އުނިވެގެންދިޔަ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް އިންޝުއަރަންސުން ދިމާވި ގެއްކުމަށް ޙައްލެއް ހޯދުނެވެ“.
ވޭތުވެދިޔަ އަހަރު ކުންފުނިންވަނީ ރެކޯޑް ޢަދަދެއްގެ ޢާމްދަނީ ހޯދާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ކުންފުނީގެ އެއްއަހަރު ދުވަހުގެ ޢާމްދަނީ 100 މިލިޔަން ރުފިޔާގެ ލަނޑުދަނޑި ހާސިލުވިއެވެ. އަހަރުން އަހަރަށް ޢާމްދަނީ އިތުރުވާ މިންވަރު ވަނީ 19 އިންސައްތަ އިތުރުވެފައެވެ. މިއިތުރުވުމުގައި ކުންފުނިން ފޯރުކޮށްދޭ އިންޝުއަރަންސުގެ ހުރިހާ ޚިދުމަތްތަކެއް ހަމަހަމަކޮށް ޝާމިލުވެފައިވާކަން ފާހަގަކުރެވެއެވެ.
ކުންފުންޏަށް 2016 ވަނަ އަހަރު ފައިދާގެގޮތުގައި 3.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިހާ ވާދަވެރި އަދި ގޮންޖެހުންތައްގިނަ މާކެޓެއްގައި ކުންފުނީގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވަނީ ހިއްސާދާރުންނަށް ކުންފުންޏާއި އަދި ކުންފުނީގެ ވިޔަފާރި ބިނާވެފައިވާ އިންޝުއަރަންސް ދާއިރާއަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.
ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ޙަރީޒް ސުލައިމާން ވިދާޅުވިގޮތުގައި ”ކުންފުނީގެ ލަނޑުދަނޑިތަކާއި އެކަންކަން ހާސިލުކުރުމަށް ރޭވިފައިވާ ޕްލޭން ފަރުވާތެރިކަމާއެކު މުރާޖަޢާކުރަމުން ދިޔައީ އިންޝުއަރަންސްގެ ޚިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ބޭނުންވާ ގޮތްތަކަށް އިސްކަންދީގެންނެވެ. އަދި، ކުންފުނީގެ މަޤްސަދަކީ ވިޔަފާރިއަށް އައު ދޮރުތައް ހުޅުވައި ކުންފުނީގެ ފައިދާގެ މިސްރާބު އަމާޒަށް ވާސިލްވާނެހެން ދެމެހެއްޓުމެވެ“ އަދި އިތުރަށް ހަރީޒު ވިދާޅުވީ، ”އަޅުގަޑުމެން ކުންފުނީގެ ޚިދުމަތްތައް ފުރިހަމަކޮށް ފުޅާކުރުމުގެ މަޤްސަދުގައި ތަފާތު މުއައްސަސާތަކާއި އަދި ވިޔަފާރި ކުންފުނިތަކާއިއެކު ގުޅިގެން މަސައްކަތް ކުރަމުން ގެންދަމެވެ.
މީގެއިތުރުން ކުންފުނީގެ އެންމެބޮޑު އެއްއަމާޒަކީ ހިއްސާދާރުންނާއި، ކުންފުންޏާއި ގުޅިފައިވާ ހުރިހާ ފަރާތްތަކެއްގެ އުންމީދުތަކާއި އެއްގޮތަށް އިންޝުއަރަންސްގެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ކުރިއެރުން ވިޔަފާރިއަށް ހޯދުމާއި ކުންފުނީގެ ވަޤުފް ފަންޑު ފުރިހަމަ ދަރަޖައެއްގައި ހިފެހެއްޓުމެވެ.“
2016 ވަނައަހަރަކީ މިހާތަނަށް ކުންފުންޏަށް އެންމެގިނަ އަދަދެއްގެ ކްލެއިމް ހުށަހެޅުނު އަހަރެވެ. އަދި، މިކަމުގައި ކުނަފުނިން ވަނީ ހާދިސާތައް ދިމާވި ފަރާތްތަކާއި އެކު އެއްބާރުލުންދީ މަސައްކަތް ކޮށް ޙައްޤު ބަދަލުތައް ދީފައެވެ.
ހިއްސާގެ ފައިދާ ބެހުމުގެ މަޤްސަދަށްޓަކައި، ހިއްސާގެ ދަފްތަރު ނުވަތަ ޝެއަރ ރެޖިސްޓަރ ބަންދުކުރާނެ ތާރީޚަކީ 23 މެއި 2017 ކަމުގައި އަހަރީ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެމުއްދަތުގެ ނިޔަލަށް ހިއްސާގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ހުރިހާ ހިއްސާދާރުންނަށް ޑިވިޑެންޑް ލިބުމަށް ޝަރުތުހަމަވާނެއެވެ. ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި ޑރ. ޢަބުދުﷲ ޝިހާމް ހަސަން ވަނީ ހޮވާފައެވެ.
ހިއްސާދާރުންނަށް ލިބިދެވޭ އިތުރު އިނާޔަތެއްގެ ގޮތުން، ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް، ޕަރސަނަލް އެކްސިޑެންޓް ކަވަރ ލިބޭނެއެވެ. މިކަމާ ގުޅޭ އުސޫލުތައް، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
އަމާނާ ތަކާފުލް މޯލްޑިވްސް ޕ.ލ.ކ ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ، ޠައްޔިބް އަކްބަރްއަލީ (ޗެއަރމަން)، އުސްމާން ކާސިމް، ދާތޯ މުޙައްމަދު ފަޒްލީ ޔޫސުފް، އެމް.އެޗް.އެމް ރަފީޤް، ޑރ.އަބްދުﷲ ޝިހާމް، ޢަބުދުﷲ ކާސިމް އަދި ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ) އެވެ.



