އަޅުގަޑަކީ ޒަމާންތަކަކަށް ދެމިގެންދާ ފަދަ ބައްޔެއް ތަޙައްމުލް ކުރަމުންދާ އަންހެނަކީމެވެ. ޑރ އިން އަޅުގަޑަށް ލަފާ ދެއްވާފައިވަނީ ރޯދަ ނުހިފުމަށެވެ. އަޅުގަޑު ދިރިއުޅޭ ރަށުގައި ފިދްޔަ ދޭނެ މިސްކީނުންނެއް ނޫޅެއެވެ. އެހެންވީމާ ކަންތައް ކުރަންވީ ގޮތް ބުނެދެއްވުން އެދެމެވެ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد
ﷲ ތަޢާލާ ކަމަނާ އަށް އަވަސް ޝިފާ އެއް ދެއްވުމަށް އެދި ދުޢާ ކުރަމެވެ. އަދި ކަމަނާގެ ބައްޔަކީ ފާފަތަކުގެ ކައްފާރާ އެއް ކަމުގައި ލައްވާށިއެވެ. އަދި އާޚިރަތުގައި ކަމަނާގެ ދަރަޖަ މަތިވެރިވެގެންދާ ފަދަ ކަމެއް ކަމުގައި ލައްވާށިއެވެ. އާމީން.
ރޯދަ ހިފުމުގެ ކުޅަދާނަކަށް ލިބިގެންނުވާ އަދި ރޯދަ ގަޟާ ކުރުމުގެ ކުޅަދާނަކަށްވެސް ލިބިގެން ނުވާ، ޒަމާން ތަކަކަށް ދެމިގެންދާ ފަދަ ބައްޔެއް ތަޙައްމުލް ކުރަމުން ގެންދާ މީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ކޮންމެ ރޯދަ އެއްގެ ބަދަލުގައި މިސްކީނަކަށް ކާންދިނުމެވެ. ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
(وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ) މާނައަކީ: “ އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ.“ މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވިއެވެ. “
މިއާޔަތް މަންސޫޚެއް ނުވެއެވެ. މިއާޔަތުގައި އެވަނީ ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މުސްކުޅި ފިރިހެނުންނާއި މުސްކުޅި ފިރިހެނުންގެ ވާހަކަ އެވެ. އެފަދަ މީހުން ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ.“ رواه البخاري ( 4505 ) .
ޝިފާ ލިބޭނެ ކަމުގެ އުއްމީދު ކެނޑިފައިވާ ބަލި މީހުންގެ ޙުކުމަކީ މުސްކުޅިންގެ ޙުކުމެވެ.
އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
”ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބަލި މީހުން ރޯދަ ދޫކޮށްލާ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. އެފަދަ މީހުންނަކީ ޢުމުރުން ދުވަސްވުމުގެ ސަބަބުން ރޯދަ ނުހިފޭ މީހުންފަދަ ބަޔެކެވެ.“ (އަލްމުޣްނީ 4/ 396).
އިސްލާމީ ގައުމު ތަކުގައި އެބައިމީހުންނާއި އަނބިދަރިންގެ ޙާޖަތްތައް ނުފުއްދޭ ފަގީރުންނާއި މިސްކީނުން ބައިވަރެވެ. ފަހަރެއްގައި ގައުމެއްގައި އެފަދަ ބަޔަކު ނޫޅުނުނަމަވެސް، އެގައުމެއްގައިވެސް އެފަދަ ޞަދަގާތާއި ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނާއި ހަމައަށް ފޯރުކޮށްދޭނޭ ޖަމްޢިއްޔާތައް ހުންނާނެއެވެ.
އެފަދަ ޖަމްޢިއްޔާ އެއްގެ އެހީތެރިކަން ހޯދުން ރަގަޅެވެ. އަދި މިގޮތުން ފައިސާ ޙަވާލު ކުރެވޭ ޖަމްޢިއްޔާ ނުވަތަ ފަރާތަކީ ތެދުވެރި ކަމުގެ ގޮތުން އިތުބާރު ކުރެވޭ ބަޔަކަށްވާން ޖެހޭނެއެވެ. والله أعلم
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު