
ބީއެމްއެލް ސްޓާފް އެވޯޑްސް ނައިޓް ބާއްވައިފި
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ރޭ ދަރުބާރުގޭގައި ބާއްވާ މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފިއެވެ.
މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ އޮފް ދަ އިޔަރ، ބެސްޓް ލީޑަރ، ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަރ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ކަސްޓަމަރ ސާވިސް ސްޓާރ، ރައިޒިންގ ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ރޭ ވަނީ ދީފައެވެ.
ބަދުރުއްދީން ހަސަން (ރީޓެއިލް ބޭންކިންގ) އަށް އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ލިބުނުއިރު އަބްދުލް އަލީމް އަބްދުލް ޣަފޫރު (ކާރޑް ސާވިސަސް) ވަނީ ބެސްޓް ލީޑަރ އެވޯޑް ހޯދާފައެވެ. ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދާފައިވަނީ ދިލްމާ އަހުމަދު (ކްރެޑިޓް) އަދި އިބްރާހިމް މުހައްމަދު ރަޝީދު (މާރކެޓިންގ) އެވެ. ބޭންކްގައި 28 އަހަރު ޚިދުމަތްކުރުމަށްފަހު ރިޓަޔަރ ކުރައްވާ ހިދާޔާ އަހުމަދު (ރީޓެއިލް ބޭންކިންގ) އަށް، ބޭންކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްޕެޝަލް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއްވެސް ރޭ ވަނީ ދީފައެވެ. މި އެވޯޑްތައް ހަވާލުކޮށްދީފައިވަނީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީގެ އިތުރުން ބޭންކުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.
ސްޓާފް އެވޯޑްސް އާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ “ ބޭންކް މިހާރު މިއޮތީ ވަރަށް ރަގަޅު ހާލަތެއްގައި އަދި މިހިސާބަށް ބޭންކް ގެނެސްދިނުމުގެ ފަހަތުގައި ތިބި ފަރާތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރުމަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑުގެ އެންމެ އިޚްލާސްތެރި ޝުކުރު ދަންނަވަން.“
ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ރާވާ މުހިންމު އެއް ހަރަކާތެވެ. މީގެ އިތުރުން ދާދި ފަހުން ބޭންކުންވަނީ ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ދީފައެވެ.



