ބަނީ އިސްރާޢީލު ބާގައިގެ ތިންމީހަކު އުޅުނެވެ. އެކަކީ، ބޮލުގައި އިސްތަށިނެތް މީހެކެވެ. އަނެކަކީ ޖުޒާމުބަލި ޖެހިފައިވާ މީހެކެވެ. ތިންވަނަ މީހަކީ ލޯއަނދިރި މީހެކެވެ. އަރަހުރި މާތްރަސްކަލާނގެ އެތިން މީހުން އިމްތިޙާން ކުރައްވަން މިންވަރު ކުރެއްވިހިނދު އެމީހުންގެ ގާތަށް މަލާއިކަތަކު ފޮނުއްވިއެވެ.
މި މަލާއިކަތާ އެންމެ ފުރަތަމަ ވަޑައިގަތީ ޖުޒާމުބަލި ޖެހިފައިވާ މީހާގެ ގާތަށެވެ. އޭނާއާ ސުއާލު ކުރެއްވިއެވެ.
“ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟”
ޖުޒާމުބަލީގެ މީހާ ވަރަށްބޮޑަށް ބޭނުންވެގެންހުރެ ބުންޏެވެ.
“ރީތި ކުލައެއް، ރަނގަޅު ހަމެއް – މިބަލިން އަހަރެން ސަލާމަތްވުން. މިބަލީގެ ސަބަބުން މީހުންގެ ކުރިމަތީގައި އަހަރެން ވެފައިވާ ނިކަމެތިކަމުން މިންޖުވުން.”
މަލާއިކަތާ އެކަލޭގެ ގައިގާ އަތްޕުޅު ފިރުންމައި ލެއްވިއެވެ. އެއާއެކު މާތްރަސްކަލާނގެ ފަޟްލުވަންތަކަމުން އޭނާ ހަމަ މުޅީން ރަނގަޅު ވެއްޖެއެވެ. މިހާރު އޭނާއަކީ، ރީތި މީހެކެވެ. އޭނާގެ ހަންވެސް އެހައި ރީތިވެފައި އޮމާނެވެ. އެމަލާއިކަތާ އަނެއްކާވެސް އެއްސެވިއެވެ.
“އެންމެ ބޭނުން މުދަލަކީ ކޮބާ؟”
އޭނާ ޖަވާބުދިނެވެ. “ޖަމަލު”
މަލާއިކަތާ، އޭނާއަށް ދިހަ ޖަމަލު ދެއްވަމުން ވިދާޅުވިއެވެ.
“މާތްރަސްކަލާނގެ ކަލެއަށް މިޖަމަލުތަކުގައި ބަރަކާތް ލައްވާނެ.”
ޖުޒާމުބަލީގެ މީހާގެ ގާތުން މަލާއިކަތާ ދެން ވަޑައިގަތީ އިސްތަށި ވެރި ތަލަވެފައި ހުރި މީހާގެ ގަތާށެވެ. މަލާއިކަތާ އޭނާޔާވެސް ހަމަ އެފަދައިން ސުއާލު ކުރެއްވިއެވެ.
“ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟”
އޭނާ ޖަވާބު ދިނެވެ. “ރަނގަޅު އިސްތަށިގަނޑެއް. އޭރުން، ތަލަވުމުގެ ހުތުރު ބަލިން އަހަރެން ސަލާމަތްވެދާނެ. އެއީ މީހުން ކެނޑިނޭޅި އަހަންނަށް މަލާމަތްކޮށް ހަދާކަމެއް.”
މަލާއިކަތާ އޭނާގެ ގައިގައި އެއްފަހަރު ފިރުމައިލެއްވިއެވެ. ތަލަވުމުގެ ބަލި ހަމަ އެއްފަހަރުން އެފިލައިގެން ދިޔައީއެވެ. އޭނާޔަށް މާތް ﷲ ރަނގަޅު ރީތި، އިސްތަށިގަނޑެއް ދެއްވައިފިއެވެ. މަލާއިކަތާ އޭނާޔާވެސް ދެވަނަ ސުއާލު ކުރެއްވިއެވެ.
“ދުނިޔެއިން އެންމެ ބޭނުމީ ކޮން މުދަލެއް؟”
އޭނާ ތެޅިގެންފައި ޖަވާބުދިނެވެ. “ގެރިއެއް.”
މަލާއިކަތާ، އޭނާއަށް ގެރިޔެއް ދެއްވިއެވެ. އަދި ދުޢާކުރެއްވިއެވެ. އަރަހުރި މާތްރަސްކަލާނގެ މިގެރީގައި ކަލެއަށް ބަރަކާތް ލައްވާނެތެވެ.
މިތަނުން ދެން މަލާއިކަތާ ވަޑައިގަތީ ލޯއަނދިރި މީހާ ގާތަށެވެ. އޭނާއާވެސް ހަމަ އެސުއާލު ކުރެއްވިއެވެ.
“ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟”
އަނދިރި މީހާ ޖަވާބުދިނެވެ.
“އަރަހުށި މާތްރަސްކަލާނގެ އަހަންނަށް އަހަރެންގެ ލޮލުގެ އަލިކަން ދެއްވާނެނަމަ ކިހާ ރަނގަޅު! އޭރުން އަހަންނަށް މީހުން ފެންނާނެ.”
މަލާއިކަތާ އޭނާ ގައިގައި އަތްޕުޅު ލެއްވެވިއެވެ. ހަމަ އަތްޕުޅު ލެއްވުމާއެކު މާތްރަސްކަލާނގެ އޭނާގެ ލޮލުގެ އަލިކަން އަނބުރާ ދެއްވައިފިއެވެ. ދެން މަލާއިކަތާ، އޭނާޔާވެސް ދެވަނަ ސުއާލު ކުރެއްވިއެވެ.
“ދުނިޔެއިން އެންމެ ބޭނުމީ ކޮންކަހަލަ މުދަލެއް؟”
އޭނާ ޖަވާބުދިނެވެ. “ބަކަރިއެކެވެ.”
މަލާއިކަތާ އޭނާއަށް ބަކަރިޔަކާ ގިތެލަކާ ދެއްވިއެވެ.
ވަގުތު ވޭތިވަމުންދެއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ.
ތިންމީހުންގެ ޖަނަވާރުތައް ވިހައި އެތަކެތި ގިނަވަމުން ދެއެވެ. މާތް ﷲ އެމީހުންގެ މުދަލުގައި ބަރަކާތް ލެއްވިއެވެ.
އެ ތިން މީހުންގެ އަތުގައި މިހާރު ވަރަށްގިނަ ޖަމަލާއި ގެރިއާއި ބަކަރިވެއެވެ.
އެތައް ދުވަހަކަށްފަހު، އެއްކަލަ މަލާއިކަތާ ޖުޒާމު ބަލީގެ މީހާ ގާތަށް ވަޑައިގަތެވެ. ވަޑައިގަތީ ޖުޒާމުބަލި ޖެހިފައިވާ މީހެއްގެ
ސިފައިގައެވެ. ވާހަކަ ފެއްޓެވީ މިގޮތަށެވެ.
“އަޅުގަނޑަކީ ނިކަމެއްޗަކީން، ދަތުރުމަތީގައި އަޅުގަނޑުގެ ހުރިހައި އެއްޗެއް ހުސްވެއްޖެ. ދެންއޮތީ ހަމައެކަނި އެކަލާނގެ އެހީތެރިކަން. ނުވަތަ ކަލާގެ ދީލަތި އެހީތެރިކަން. ކަލާއަށް ތިޔަ ރީތި ސޫރަޔާއި ރީތި ހަމާ އަދި ގިނަގުނަ ޖަމަލުތައް މުދަލުގެ ސިފައިގައި ދެއްވި ރަސްކަލާނގެ އަށްޓަކައި މިދަތުރުގައި އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ދެއްވާ.”
އެމީހާ އަނެއް ފަރާތަށް މޫނު އަނބުރާލާފައި ޖަވާބުދިނެވެ. “އަހަންނަށް ވަރަށް ގިނަ ކަންތައް ކުރަންޖެހިފައި އެބަހުރި.”
ދެން މަލާއިކަތާއި ޙަޤީޤަތް ހާމަކޮށްދެއްވަމުން ވިދާޅުވިއެވެ. “އަހަރެން ކަލޭ ދަންނަން. ކަލޭ ތިޔައީ އިހަށް ޖުޒާމުބަލި ޖެހިފައިހުރި މީހެއް. މީހުން ކަލޭ ދެކެ ވަރަށް ފޫހިވޭ. ކަލެއަކީ ބޮޑު ފަޤީރެއް. އެހެން އެކަން ހުއްޓާ އަރަހުށި މާތްރަސްކަލާނގެ ކަލެއަށް ފުރިހަމަ ޞިއްޙަތެއް ދެއްވައި، މުދާވެރިކަން ދެއްވީ. މީދޮގެއްތަ؟”
އެ މީހާ ބޮޑާވެލާފައި ބުންޏެވެ.
“މީ އަހަރެންގެ ޚާންދާނުގެ މުދަލެއް. މި މުދަލުގެ ވާރިޘަކީ ޚުދް އަހަރެން.”
މަލާއިކަތާ ވިދާޅުވި އެވެ.
“ތިޔަ ހަދަނީ ދޮގުކަމުގައި ވަނީވިއްޔާ މާތް ﷲ ކަލޭގެކުރިންވެސް ހުރި ސިފަޔަށް ބަދަލުކޮށްދެއްވާނެތެވެ.”
ދެން އެމަލާއިކަތާ ވަޑައިގަތީ ބޮލުން އިސްތަށި ވެރިފައިހުރި މީހާގެ ގާތަށެވެ. ބޮލުން އިސްތަށިވެރިފައިހުރި މީހެއްގެ ސިފައިގައެވެ. އޭނާވެސް ކުރީމީހާ ފަދައިން މަލާއިކަތާއަށް ހަމަ އެޖަވާބު ދީފިއެވެ. މިހެން ބުނުމާއެކު މަލާއިކަތާ އޭނާޔާމެދުވެސް އެފަދައިން ވިދާޅުވިއެވެ.
“ތިޔަހަދަނީ، ދޮގުކަމުގައި ވަނީވިއްޔާ މާތް ﷲ ކަލޭގެކުރިންވެސް ހުރި ސިފަޔަށް ބަދަލުކޮށްދެއްވާނެތެވެ.”
ދެން މަލާއިކަތާ، އަނދިރި މީހެއްގެ ސިފައިގައި އެއްކަލަ އަނދިރި މީހާގާތަށް ވަޑައިގަތެވެ. ވަޑައިގެން ވިދާޅުވިއެވެ.
“އަހަންނަކީ އަތްމަތި ދަތިވެފައިވާ ދަތުރުވެރިޔަކީން. މިދަތުރުގައި އަހަރެންގެ ހުރިހައި އެއްޗެއް އަތްމަތީން ގޮސްހުސްވެއްޖެ. ދެންއޮތީ، އެކަލާނގެ އެހީތެރިކަން. ނުވަތަ ކަލާގެ ދީލަތި އެހީތެރިކަން، އަހަރެން އެކަލާނގެއަށްޓަކައި މިދަތުރަށް އެހީއަކަށް ތިޔަ ތަނުން ބަކަރިއެއް ދެއްވާތޯ ނަންގަތިން. ކަލާއަށް ލޮލުގެ ފެނުން ދެއްވީ އެކަލާނގެ.”
އެ މީހާ ބުންޏެވެ.
“ޝައްކެއްވެސްނެތް. ދެވެނަފަހަރަށް އަހަންނަށް ލޮލުގެ ނޫރު ދެއްވީ މާތް ﷲ. އަހަންނަކީ އިހަށް ފަޤީރެއް. އަހަރެން މުއްސަންޖަކަށް ހެއްދެވީ އެކަލާނގެ. ކަލެއަށް ހުރިހައި އެއްޗެއް މިހިރި ހަމަ ހުރިގޮތަށް. ބޭނުން އެއްޗެއް ބޭނުން ވަރަކަށް ގެންދޭ.
ބޭނުންނޫން އެއްޗެއް ބަހައްޓާ. މާތްރަސްކަލާނގެ ގަންދީފައި ބުނަން. މާތްރަސްކަލާނގެ ނަންފުޅުގައި ދޭން ތިޔަ އެދުނު އެއްވެސް އެއްޗެއް ދިނުމަކާ ދެކޮޅެއް ނަހަދަން.”
ދެން މަލާއިކަތާ އޭނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ.
“ކަލޭ ތިޔަހުރިހާ މުދާ އަތުގައި ބަހައްޓާ. ތިޔައިގެ ތިން މީހުން މާތް ﷲ އިމްތިޙާން ކުރެއްވީ. މާތް ﷲ ރުހިވޮޑިގަތީ ހަމައެކަނި ކަލެއާ. އަނެއް ދެރައްޓެހިންނަށް ކޯފާވެ ވޮޑިގެންފި.”