
ސަބްސިޑީގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް
ސަރުކާރުން ދެމުންއައި ކާޑުގެ ސަބްސިޑީ ފަޤީރުންނަށް އެކަނި ދޭން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ސަބްސިޑީ ދިނުން ފަދަ ކަމެއް ކުއްލިއަކަށް ހުއްޓާލުމުން، އެކަމުގެ ގެއްލުން ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށާއި ބަނދަރު ހެދުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ވުރެ ރައްޔިތުން ބަނޑުފުރާނަ މުއްތިކޮށްގެން ތިބުން މާ މުހިއްމު ކަމަށެވެ.
އަދި ތަރައްޤީގެ ކަންކަމަށް ފައިސާ ހޯދުމަށް ގިނައިން އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުން މާރަނގަޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ސަބްސިޑީ ކަނޑާލައި، ބޭނުންވާ މީހުން އެކަމަށް އެދުމަށް ފޯމެއް ހުށަހަޅަން ޖެހުމުން ސަލާންޖެއްސުމުގެ ޘަގާފަތެއް ސަރުކާރުން ގެންގުޅޭކަން ހާމަވާ ކަމަށާއި ރައްޔިތުންނާ ގުޅޭ ސަބްސިޑީތައް ކަނޑާލައި، ތަކެތީގެ އަގު ބޮޑުކުރަނީ ސަރުކާރު ހިންގަން ނޭނގިގެން ކަމަށެވެ.
މިކަމާއިގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކާޑުގެ ސަބްސިޑީ ކަނޑާލައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ބަނދަރު ހެދުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
ރޮޒޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ވަކި ކަމަކަށް ވަކި ވަރެއް ކަނޑައަޅާފައި އޮއްވާ، އެހެން ކަމަކަށް އެ ފައިސާއިން ޚަރަދު ނުކުރެވޭނެ ކަމަށެވެ.
ސަބްސިޑީ ކަނޑާލަން ނިންމި ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން ދަތިވެފައިވާތީ ކަމަށެވެ.



