30 އެޕްރިލް ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ޙިއްޞާ ވިއްކަން ފަށާނެކަމަށް އިއުލާންކޮށްފި

އުރީދޫ އިން ރާއްޖޭގެ ޙިއްޞާ ބާޒާރުގައި، އުރީދޫ މޯލްޑިވްސްގެ ޙިއްޞާ ވިއްކުމަށް ގަސްތުކޮށްފައިވާ ރޭވުންތައް ހާމަކޮށްފިއެވެ.

އެކުންފުނީގެ ޙިއްޞާގެ %40 އާއި ހަމައަށް ދޫކުރަން ހަމަޖެހިފައިވާއިރު، ޙިއްޞާ ވިއްކަން ހުޅުވާލާނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުރީދޫ މޯލްޑިވްސް ޕލކ. އިން ގަސްތުކޮށްފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް،  ކުންފުނީގެ އިކުއިޓީއިން ބައެއް، ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް ވިއްކުމަށެވެ. ރާއްޖޭގެ ޙިއްޞާ ބާޒާރުގައި އުރީދޫ މޯލްޑިވްސް ލިސްޓް ކުރުމާއި އެކު، ރާއްޖޭގައި އެކުންފުންޏަށް ލިބިފައިވާ ކާމިޔާބީ ދޭހަވެ، މި ކުރިއެރުމުގައި ދިވެހި ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

”ފުޅާ ދާއިރާއެއްގައި އައިސީޓީގެ ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި، އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހިރާއްޖޭގެ މުވާޞަލާތީ ދާއިރާ ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި. ހަމައެއާއި އެކު އުރީދޫ އިން ވަނީ ޑިޖިޓަލް ދިވެހިރާއްޖޭގެ ތަސައްވަރު ހާސިލް ކުރުމުގައި ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ، އެކަމަށް ފުރިހަމަ އެއްބާރުލުންދީފައި. ދިވެހިރާއްޖޭގެ ޙިއްޞާ ބާޒާރުގައި ކުންފުނި ލިސްޓްވެ، ދިވެހި ރައްޔިތުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް މުޖުތަމައު ކުރިއެރުވައި، އިންސާނީ ތަރައްޤީ ޙާޞިލްކުރުމަށް.“ އުރީދޫ ގުރޫޕުގެ ޗެއަރމަން، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދު އަލްޘާނީ ވިދާޅުވިއެވެ.

”އުރީދޫ މޯލްޑިވްސް ޤާއިމުކުރެވުނީއްސުރެ، ދިވެހިރާއްޖޭގައި އުރީދޫ ކުރިއަރައި، ކާމިޔާބު ވެފައި ވަނީ ދިވެހި ރައްޔިތުންގެ އެއްބާރުލުމާއި ހިއްވަރު ލިބުމުގެ ސަބަބުން. އެހެންކަމުން ދިވެހިރާއްޖެއަށާއި، ދިވެހި މުޖުތަމައުއަށް އިތުރު ފައިދާތައް ގެނެސްދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އުރީދޫގެ ޝެއާހޯލްޑަރުންގެ ގޮތުގައި ދިވެހި ރައްޔިތުން ބައިވެރިވުމަށް، ވަރަށް އުފަލާއި އެކު ދައުވަތު އަރުވަން.“ އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ، ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ޙިއްޞާއަކަށް 30 ރުފިޔާގެ ގެ ރޭޓުން، އެންމެ ފުރަތަމަ ވިއްކަން ހުށަހަޅާފައިވަނީ ދޫކޮށްފައިވާ އާންމު ޙިއްޞާގެ 15 އިންސައްތަ ކަމުގައިވާ 22,170,060 ޙިއްޞާއެވެ. ދޫކޮށްފައިވާ އާންމު ޙިއްޞާގެ 15 އިންސައްތަ އަށްވުރެ ގިނައިން ޙިއްޞާ ގަންނަން ހުށަހެޅުންތައް ލިބިއްޖެނަމަ، ކުންފުނިން ދޫކޮށްފައިވާ އާންމު ޙިއްޞާގެ 40 އިންސައްތަ ކަމުގައިވާ 59,120,160 އާންމު ޙިއްޞާއާ ހަމައަށް އިތުރަށް ވިއްކުމަށް އުރީދޫ އިން ފުރުސަތުދޭނެއެވެ.

2005 ވަނަ އަހަރު ކުންފުނި ތައާރަފް ކުރީއްސުރެ، އުރީދޫ އިން ދަނީ ދިވެހިރާއްޖޭގެ މުވާޞަލާތީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގައުމުގެ މުވާޞަލާތީ ވިއުގަ ވަރުގަދަކުރުމަށާއި، ރާއްޖެއަށް އައު ޓެކްނޮލޮޖީތައް ތައާރަފް ކުރުމުގައި މުހިއްމު ރޯލެއް ކުޅުމާއިއެކު، ފާއިތުވި އަހަރުތަކުގެ ތެރޭގައި އުރީދޫ އަށް ވަނީ ދިވެހިރާއްޖޭގައި ފަޚުރުވެރި ކުރިއެރުންތަކެއް ލިބިފައެވެ. މިގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށްވެސް، އުރީދޫއިން ދައުވަތު އަރުވަނީ، އެކުންފުނީގެ ކުރިއެރުމުގައި ބައިވެރިވެ، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށެވެ.

ޙިއްޞާ ގަންނަން ހުށަހަޅާ ފަރާތްތަކަށް މުޙިއްމު ތާރީޚްތައް*:

  • ޙިއްޞާ ގަންނަން ހުޅުވާލެވޭ ތާރީޚް: 30 އޭޕްރިލް 2017
  • ޙިއްޞާ ގަތުމުގެ މުއްދަތު ނިމޭ ތާރީޚް: 28 މޭ 2017
  • ޙިއްޞާ އެކަށައެޅޭނެކަމަށް ލަފާ ކުރެވޭ ތާރީޚް: 15 ޖޫން 2017
  • ވިއްކުމަށް ހުށައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގަންނަން ހުށައަޅާފައިވާ ހާލަތެއްގައި ފައިސާ އަނބުރާ ރައްދުކުރެވޭނެކަމަށް ލަފާކުރެވޭ ތާރީޚް: 12 ޖުލައި 2017
  • ވިއްކުމަށް ހުށަހެޅިފައިވާ ޙިއްޞާ ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚް: 17 ޖުލައި 2017
  • ޙިއްސާ ގަނެވިއްކަން ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީޚް: 07 އޮގަސްޓް 2017

* ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ދިވެހިރާއްޖޭގައި ހަފްތާ ބަންދު ނޫން ދުވަހަކަށް ދިމާވެއްޖެނަމަ މި ތާރީޚުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.

ޕްރޮސްޕެކްޓަސް އާއި އައިޕީއޯ އާއި ގުޅޭ އެހެނިހެން ލިޔުންތައް އުރީދޫގެ ވެބްސައިޓް، http://ooredoo.mv/investors މެދުވެރިކޮށް ބައްލަވައިލެއްވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.