
ބ، ތ އަދި ޏ އަތޮޅުގެ ސްކޫލްތަކުގެ ވެރިންނަށް ބައްދަލުވުން ފަށައިފި
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫއުގެ ދަށުން ބ، ތ އަދި ޏ އަތޮޅަށް ބައްދަލުވުން ފަށައިފިއެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް މާލޭގައި ކުރިއަށްދާ މި ބައްދަލުވުމުގައި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ސްކޫލްތަކުގެ ވެރިންނާއި ހިއްސާކުރައްވާނެއެވެ. އަދި ސްކޫލުތަކުގެ ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރަށް މަތިކުރުމާއި ބެހޭ ގޮތުންނާއި، ސްކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ ބައްލަވާލައްވައި، އިތުރަށް މަސައްކަތްކުރަންވީ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ސްކޫލްތަކަށް ބޭނުންވާ މައުލޫމާތުތައް ޕްރިންސިޕަލުންނަށް ފޯރުކޮށްދެވޭނެ އެވެ. އެގޮތުން، ފައިސާ އާއި މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި، ޓިވެޓް، ދަސްވާރު އަދި ބީޓެކް ފަދަ ޕްރޮގްރާމްތަކުގެ މައުލޫމާތު ކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.
މިނިސްޓަރ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫއުގެ ފުރަތަމަ ބުރުގައި މިހަފްތާގެ ކުރީކޮޅު އެކަމަނާ ވަނީ ވ، މ، ލ އަދި ގއ. އަތޮޅުގެ ހުރިހާ ސްކޫލްތަކެއްގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ ހާލަތު ބެއްލެވުމަށް މިނިސްޓަރ ވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ މަގްސަދަކީ މިނިސްޓަރގެ ދަތުރުފުޅުތަކަށް ފަހު މިހާރު ސްކޫލްތަކުގެ ހާލަތު ހުރި ނެތްގޮތް ބެއްލެވުމެވެ.



