ބޭކާރު ވާހަކަދެއްކުމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ވަރަށް ނުރައްކާތެރިކަމެކެވެ. އެކަމަށް ގިނަ ގުނަ ދަލީލްތަކެއްވެސް އައިސްފައިވެއެވެ. އެގޮތުން
“ކީރިތި ރަސޫލާ(ﷺ) ޙަދީޘްކުރައްވަނީ “އަޅާ ތެދު ދޮގު ބެލުމެއް ނެތި (ބޭކާރު) ވާހަކަދެއްކުމުގެ ސަބަބުން (އޭނާ) ނަރަކައަށް ވައްޓައިލެވެއެވެ.” އެހެންވީ އިރު ނަރަކައިން ސަލާމަތްވުމަށް ޓަކައި ދޫ ރައްކާތެރިކުރާން ކޮންމެހެން އެބަޖެހެއެވެ. ބޭކާރުވާހަކަތައް ދޫކޮށްލާން އެބަޖެހެއެވެ.
މިއަދުގެ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢަށް ވިސްނައިލާއިރު ދޫ ރައްކާތެރިކުރުމަށް ދެވޭ ސަމާލުކަން ވަރަށް ވެސް ކުޑައެވެ. ހިތަށް އެރިހާ ގޮތަކަށް ތިމާގެ އަޚާއާއި ވާހަކަދައްކާ ދިމާކޮށް ފުރައްސާރަ ކުރުމުގެ އިތުރުން ބޭނުންހައި އެއްޗެއް ސޯޝަލް މީޑީޑިއާގައި ވެސް ޢާއްމުކުރުމަކީ ގިނަމީހުން މުނިފޫހިފިލުވުމަށްޓަކައި ކުރަމުންއަންނަ ކަމަކަށް މިވަނީ ވެފައެވެ.
ތިމާގެ އަޚާއަށް އެއްވެސް ހަމްދަރުދީއެއް އިޚްތިރާމެއް ނެތި އިހާނެތި ބަސްތަށް ރައްދުކުރަމުން އެއްވެސް ޙަޤީޤަތެއް ބެލުމަކާ ނުލައި ތިމާއަށް ހީވާހައި ވާހަކައެއް ފަތުރައި ހިތަށް އެރިހާ އެއްޗެއް ކިޔަމުން ގެންދަނީއެވެ. މިކަމުގެ ހުރި ނުރައްކާތެރިމަށް ނުވިސްނައެވެ.
އަދި އެއީ އަޅުގަނޑުމެންގެ ދެ ކޮނޑުގައި ތިއްބަވާ ދެ މަލާއިކަތުން ލިޔެރެކޯޑްކުރާ އެއްޗެއް ކަމުގައި ވިސްނައިވެސް ނުލައެވެ. ދުލުން ބޭރުކޮށްލާ ހަމަ ކޮންމެ ލަފުޒެއް މަލާއިކަތުން ލިޔުއްވަމުން ގެންދަވާ ކަމަށް ޤާފު ސޫރަތުގެ 18 ވަނަ އާޔަތުގައި މާތް ﷲ އަންގަވައިފައިވާކަން ހަނދާން ކުރާށެވެ.