ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް ސައުދީ އަރަބިޔާއިން ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާކުރެއްވި ފޮތްތަކާއި އެޑިޔުކޭޝަން މިނިސްޓްރީއިން ހަވާލުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ފޮތްތަކާއި ހަވާލުވެވަޑައިގަތީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ.
ރާއްޖޭގައި އަރަބި އިސްލާމީ ތަޢުލީމް ފުޅާކޮށް ދަރިވަރުންގެ އަޤީދާ ވަރުގަދަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ސައުދީން ވަނީ ރާއްޖެއަށް ސަތާރަ ހާސް ފަސްސަތޭކަ އަރަބި ފޮތް ހަދިޔާ ކުރައްވާފައެވެ. އެއީ ގްރޭޑް 1ން 5ށް ކޮންމެ ގްރޭޑަކަށް 3500 ފޮތެވެ. މި ފޮތްތައް ބޭނުންކުރެވޭނީ ގްރޭޑް 1 ން 5 ކާއި ދެމެދުގެ ގްރޭޑް ތަކުގައި އަރަބި ބަސްކިޔަވާ ދަރިވަރުންނަށް އަރަބި ބަސް އުނގަންނައި ދިނުމަށެވެ.
މި ފޮތްތަކުގެ ގްރޭޑްތައް ވަކިކުރެވި ތަފްސީލީ މައުލޫމާތުތައް ރެކޯޑުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މި މަސައްކަތް ފުރިހަމަކުރެވުނުހާ އަވަހަށް، ސްކޫލްތަކަށް ފޮތްތައް ފޯރުކޮށްދޭވޭނެއެވެ.
ދަށް ގްރޭޑްތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް ސައުދީން ރާއްޖޭގެ ސްކޫލްތަކަށް އަރަބި ފޮތްތައް ހަދިޔާކޮށްދެއްވާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް ސައުދީން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް އުނގަންނައި ދިނުމުގައި ބޭނުންކުރުމަށް އެއްލައްކަ ފޮތް ހަދިޔާ ކޮށްދެއްވާފައެވެ.
އަދި ސްކޫލްތަކުގައި އަރަބި ބަސް އުނގަންނަވައިދެއްވުމަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރުގެ ތެރޭގައި ވަނީ 17 ޓީޗަރަކު ރާއްޖެ ފޮނުވާފައެވެ.