ޚަބަރު ފީތާ

މޫނު ބުރުގާ އެޅުން މަނާކުރާ މާއްދާ ބާތިލްކުރަން ހައި ކޯޓަށް

ސިވިލް ސާވިސް ގަވައިދުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައި އޮންނަ މާއްދާ ބާތިލްކުރަން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ވަކީލުންތަކެއް ހިމެނޭ ގޮތުން 12 މީހެއްގެ ނަމުގައެވެ.

ސިވިލް ސާވިސްގެ ގަވާއިދުގެ 14 ވަނަ ބާބުގެ 145 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައެވެ. މި މާއްދާ އާ ޚިލާފުވާ ކަމަށް ބުނެ މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުނިކުތުމަށް ދެ ސްކޫލެއްގެ ދެ ޓީޗަރަކަށް އަންގައި، އޭގެ ތެރެއިން އެއް ޓީޗަރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. މި މައްސަލަ ހޫނުވެ، އޭގެ ތެރެއިން އެއް ސްކޫލެއްގެ ބެލެނިވެރިން ވަނީ ދަރިވަރުން އަނބުރާ ގެއަށް ގެންގޮސްފައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މައްސަލާގައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާއިރު، މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނުގައި މަޝްރޫޢު ވެގެންވާ ކަމެއް ކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަމުގައިވިޔަސް، ސިވިލް ސާވިސްގެ ވަޒީފާތަކުގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ކުރުން ސިވިލް ސާވިސް ޤަވާއިދު 2014 ގެ 145 ވަނަ މާއްދާގެ (ހ) އިން ވަނީ މަނާކޮށްފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، މީހެއްގެ ހުރި ވިސްނުމަކަށް ބަލައި، ތަފާތު ގޮތަކަށް ޢަމަލުކޮށްގެން ނުވުމުގެ ޙައްޤާއި، 20 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޤާނޫނު ހިންގުމުގައި، އަދި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބިގެންވުމުގެ ޙައްޤާއި، 24 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކޮންމެ މީހެއްގެ ޒާތީ ކަންކަން ޙުރުމަތްތެރިވެގެންވުމުގެ ޙައްޤާއި، 25 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އަޅުވެތިކޮށްގެން ނުވާނެކަމުގެ ޙައްޤާއި، 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއެކު ފިކުރުކުރެވުމުގެ ޙައްޤާއި، 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އުނގަންނައިދިނުމުގެ ޙައްޤާއި، 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަބުރު ރައްކާތެރި ކުރެވިގެންވުމުގެ ޙައްޤާއި، 37 ވަނަ މާއްދާގެ (ހ) އަދި (ށ)ން ކަށަވަރުކޮށްދީފައިވާ އެ މީހަކު އިޚްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރެވުމުގެ ޙައްޤާއި ހަމަހަމަކަމާއެކު މުޢާމަލާތު ކުރެވޭ ރައްކާތެރި މާޙަުލެއްގައި ވަޒީފާ އަދާކުރެވިގެންވުމުގެ ޙައްޤު، މުޖުތަމަޢުގައި ހިމެނޭ ބައެއްގެ ކިބައިން ވަނީ ނިގުޅައިގަނެވިފައެވެ.

އަދި ސިވިލް ސާވިސްގެ ގަވާއިދުގައިވާ އެ މާއްދާއަކީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށާއި އެމާއްދާގެ ސަބަބުން، މޫނު ބުރުގާ އަޅާ މީހުންގެ އެތައް ހައްގުތަކެއް ގެއްލެމުންދާ ކަމަށާއި،  މޫނު ބުރުގާ އެޅުން މަނާ ކުރެވޭ ގޮތަށް އޮތް މާއްދާ ބާތިލްކުރަން މައްސަލާގައި އެދިފައިވެއެވެ.

ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެއްވެސް ޙައްޤެއް އަދި މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.

ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމައެވެ.

މީގެ ކުރިން 2012 ގައި ކުއްލިއްޔާގައި ކިޔަވަމުންދިޔަ ދަރިވަރަކު މޫނު ބުރުގާ އަޅައިގެން އެތަނަށް ކިޔަވަން ނުދެވޭނެކަން އެންގި މައްސަލައެއް ވެސް ހޫނުވިއެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ކުއްލިއްޔާއިން ވަނީ އެ އުސޫލުތައް ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެންވެސް ދަރިވަރުންނަށް ކިޔަވަން ދެވޭނެ ގޮތް ހަދައިފައެވެ.
މިމައްސަލަ ހުށައެޅުމުގައި ބައިވެރިވާ ފަރާތްތަކަކީ އަލްއުސްތާޛް ޢަބްދުލްމާނިޢު ޙުސައިން، އަލްއުސްތާޛް ޢަބްދުﷲ ނަޞީރު މުޙައްމަދު، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް މުޙައްމަދު ޝާފިޢު، އައްޝައިޚް އަލީ ޒާހިރު، އައްޝައިޚް ޙަސަން މޫސާ ފިކުރީ، އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް އަލީ ޒައިދު، އައްޝައިޚް މުޙައްމަދު މަންސޫރު، އަދި އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދެވެ.

Rate this post